މި ބަދަލާއެކު އެސްއެމްއީ ފެސިލިޓީތަކަށް އެޕުން ފައިސާ ދެއްކޭނެ ގޮތްވެސް ފަހި ވެގެންދާނެ އެވެ. އަދި މާދަމައިން ފެށިގެން ބީއެމްއެލް އެޕުގައި އެސްއެމްއީ ޑިޖިޓަލް ފެންނަން އިންނާނެ އެވެ.

އެސްއެމްއީ ޑިވްލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ޑިޖިޓަލް ބޭންކްއަކަށް ބަދަލުކޮށް އާ ހިދުމަތްތަކެއް ތައާރަފުކޮށްފި އެވެ.
ގައުމީ ބޭންކް އިން ގަނެ، އެ ބޭންކުގެ ސަބްސިޑަރީއެއްގެ ގޮތުގައި ހަމަޖައްސާފައިވާ އެސްއެމްއީ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަބްދުރުއްދީން ހަސަން ވިދާޅުވީ އެސްއީއެފްސީ ވެގެންދާނީ ހަމައެކަނި ކުދި ވިޔަފާރިއަށް ލޯނުދޭ ބޭންކްއަކަށް ނޫން ކަމަށާ މިއީ ކުދި ވިޔަފާރިއަށް ބޭނުންވާ ހުރިހާ ހިދުމަތެއް ލިބޭނެ ތަނަކަށް ވެގެންދާނެ ކަމަށެވެ. މ ބަދަލާއެކު މާދަމާއިން ފެށިގެން ބީއެމްއެލް އެޕުން "އެސްއެމްއީ ޑިޖިޓަލް" ގެ ހިދުމަތްތައް ލިބެން ހުންނާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"މި ބަދަލާއެކު އެސްއެމްއީ ފެސިލިޓީތަކަށް އެޕުން ފައިސާ ދެއްކޭނެ ގޮތްވެސް ފަހި ވެގެންދާނެ. އެސްއެމްއީ ޑިޖިޓަލްއަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭންކޮށްގެން އިސްލާމީ ޝަރިއްއާއާ އެއްގޮތަށް ހިންގާ ފުރަތަމަ މާލީ މުއްސަސާ،" ބަދުރު ވިދާޅުވި އެވެ.
ބީއެމްއެލް އިން ބުނީ މި ބަދަލާއެކު އެސްޑީއެފްސީ ވެގެންދާނީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފޯރުކޮށްދޭ ބޭންކިން ހިދުމަތްތަކުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި އިސް ދައުރެއް އަދާކުރާ ކުންފުންޏަކަށެވެ. މިއާއެކު ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީގައި ބީއެމްއެލް އަދާކުރާ ދައުރު އިތުރަށް ހަރުދަނާވެގެން ދާނެ އެވެ.
މި މަސައްކަތުގެ ތެރެއިން އިސްކަންދެވިގެންދާނީ އަލަށް ފަށާ ވިޔަފާރިތަކާއި، އަންހެނުން ހިންގާ ވިޔަފާރިތަކާއި، މަސްވެރިންނާއި، ދަނޑުވެރިންނާއި، ދަނޑުވެރިކަމުގެ ވިޔަފާރިތަކާއި، ޑިޖިޓަލް އަދި ވިޔަފާރީގެ މަސައްކަތްތައް ބާރުވެރި ކުރުމަށެވެ.