ހެއްކާބެހޭ ގާނޫނަށް މި އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ލިބުނު ގޮތް ނުވަތަ މަސްދަރު ހާމަކުރަން އެންގޭ އިތުރު ހާލަތްތަކެއް ހިމަނައި، ހެއްކާބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްލަމް ހުށަހަޅުއްވާފައިވާ އިސްލާހުގެ ދަށުން، މަސްދަރު ހާމަކުރުމަށް އެދި ކޮންމެ ކޯޓަކަށް ވެސް ހުށަހެޅިދާނެކަމަށް އޮތް މާއްދާ އިސްލާހުކޮށް، އެފަދަ އަމުރެއް ނެރެވޭނީ ހައި ކޯޓުން ކަމަށާއި ކޯޓަށް ހުށަހަޅާތާ 24 ގަޑިއިރު ތެރޭ އަމުރާ މެދު ގޮތެއް ނިންމަންޖެހޭނެ އެވެ.
އަދި މައްސަލަ ރައްދުވާ ނޫސްވެރިޔާ އާއި އޭނާ ވަޒީފާ އަދާކުރާ މީޑިއާއަށް ހައި ކޯޓުގައި ޖަވާބުދާރީ ވުމަށް ފުރުސަތު ދިނުމާއި ހައި ކޯޓުގެ ނިންމުން 10 ދުވަސް ތެރޭ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރެވޭ ގޮތަށް އިސްލާހުގައި ހިމަނާފައި ވެ އެވެ.
މި އަމުރަށް އެދި ހައި ކޯޓަށް ހުށަހެޅޭނީ ގާނޫނުގައި ބުނާ ހާލަތްތަކުގައި ޕްރޮސިކިއުޓާ ޖެނެރަލް ނުވަތަ ތުހުމަތުކުރެވޭ ފަރާތަށް ނުވަތަ ދައުވާ ލިބޭ ފަރާތަށެވެ.
ހެއްކާބެހޭ ގާނޫނުގެ ދަށުން، މަސްދަރު ހާމަކުރަން ނޫސްވެރިންނަށް މަޖުބޫރު ކުރުވޭނެ ބައެއް ރައްކާތެރިކަމެއް ލިއްބައިދީފައި އޮތަސް، މި އިސްލާހުގެ ދަށުން މަސްދަރު ހާމަކުރަން އެންގޭ ކުށްތައް ވަނީ އިތުރުކޮށްފަ އެވެ.
އެމްޑީޕީގެ ސަރުކާރުގައި ހެއްކާބެހޭ ގާނޫނު އިސްލާހުކުރިއިރު ވެސް، ނޫސްވެރިން އެންމެ ބޮޑަށް ކަންބޮޑުވުންފާޅުކުރީ، ގައުމީ ސަލާމަތަށް ނުރައްކާވުމަކީ ކޮބައިކަން ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިނުވުމެވެ.
ނަމަވެސް، މި ސަރުކާރުން ހުށަހެޅި އިސްލާހުގައި ވެސް ގައުމީ ސަލާމަތަށް ނުރައްކާވުމަކީ ކޮބައިކަން ސާފުކޮށްދީފައެއް ނުވެ އެވެ.
ހެއްކާބެހޭ ގާނޫނަށް މި އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.