މި އަހަރުގެ މިހާތަނަށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 6.5 ބިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

ބީއެމްއެލްއަށް މިދިޔަ ކުއާޓަރުގައި ލިބުނު ފައިދާ މިދިޔަ އަހަރަށްވުރެ 10 ޕަސެންޓް އިތުރު ވެއްޖެ އެވެ. 
ބީއެމްއެލް އިން ބުނީ ވޭތުވެދިޔަ ކުއާޓަރގައި ބޭންކުގެ ހިގުމުގެ ފައިދާގެ ގޮތުގައި 791 މިލިއަން ރުފިޔާ ހޯދާފައިވާއިރު، މިއީ ދެވަނަ ކުއާޓަރއާ ދާދި އެއްވަރުގެ ނަތީޖާއެކެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 10 ޕަސެންޓް ކުރިއެރުމެކެވެ. ވޭތުވެދިޔަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 475 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ބޭންކުގެ ހިންގުމުގެ ހަރުދަނާކަމާއި ކުރިއެރުން ދައްކުވައިދޭ ކަމެކެވެ.
ބޭންކުން ދޫކޮށްފައިވާ ޖުމްލަ ލޯނު އިތުރުވަމުންދާއިރު، މި އަހަރުގެ މިހާތަނަށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 6.5 ބިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. ތިންވަނަ ކުއާޓަރގެ ނިޔަލަށް ބޭންކުގެ ޖުމްލަ އެސެޓް 51.1 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކަސްޓަމަރުންގެ ޑިޕޮސިޓް 33.7 ބިލިއަން ފުރިޔާއަށް އަރަ އެވެ. ބޭންކުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށްވުރެ މަތީގައި ދެމެހެއްޓިފައިވެ އެވެ.
ނަތީޖާއާ ގުޅޭ ގޮތުން ބޭންކުގެ ސީއީއޯ އެންޑް މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ އެ ބޭންކުން ފަހުރުވެރިވަނީ ހަމައެކަނި މި ހަރުދަނާ ނަތީޖާއަކަށް ނޫން ކަމަށާ މީގެ އިތުރުން އެކި މުޖުތަމައުތަކާއި ރާއްޖޭގެ ވިޔަފާރިތަކާއި އިގްތިސާދީ ކުރިއެރުންތަކަށް އެހީތެރިކަން ފޯރުކޮށްދީ، ރާއްޖޭގެ މުސްތަގުބަލު ބިނާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތާމެދު ވެސް ފަހުރުވެރިވާ ކަމަށެވެ.
ވޭތުވެދިޔަ ކުއާޓާގައި ބޭންކުން މުޅި ރާއްޖެއަށް ޚިދުމަތްތައް ފުޅާކޮށް، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށްވެސް މާލީ ހިދުމަތްތަކަށް ވާސިލުވެވޭނެ ވަސީލަތްތައް ގާއިމުކޮށްފައި ވެއެވެ. 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން، މި އަހަރުގެ ފެބްރުވަރީ މަހުން ފެށިގެން އެންމެ ނުވަ މަސްދުވަހުގެ ތެރޭގައި 105 ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް، އޮކްޓޫބަރު މަހުގައި މި މަޝްރޫއު ކާމިޔާބު ކަމާއެކު ވަނީ ނިންމާލައިފަ އެވެ. 
މީގެ އިތުރުން، ވޭތުވެ ދިޔަ ކުއާޓަރުގައި ބޭންކުން ވަނީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގަނެފަ އެވެ. މި ސްޓްރެޓިޖިކް ނިންމުމާއެކު އެސްޑީއެފްސީއަކީ ޝަރީއާ ކޮމްޕްލައިންޓް ހިދުމަތެއް ފޯރުކޮށްދޭ، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވެސް ޚިދުމަތް ފޯރުކޮށްދޭ ޑިޖިޓަލް ފަސްޓް ސަބްސިޑައިރީއަކަށް ބަދަލުކުރެވިގެންދާނެ އެވެ.