މި ތަނަކީ މުޖުތަމަޢުގައި އިންޖިނިއަރިންގެ ދާއިރާއަށް ޝައުޤުވެރިކަން އިތުރުކޮށް، މި ދާއިރާއިން މީހުން ބިނާކުރުމުގެ ތެރެއިން ރާއްޖޭގައި ދެވޭ އިންޖިނިއަރިންގާއި ގުޅޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސްޓެލްކޯއިން ގާއިމްކޮށްފައިވާ މަރުކަ

ތުލުސްދޫގައި ސްޓެލްކޯ އިން ޔޫޓިލިޓީސްއާ ގުޅުންހުރި ދާއިރާއިން ތަމްރީން ދޭން ހާއްސަކޮށް ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީއެއް ހުޅުވައިފި އެވެ. 
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިތަން ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަމާޙް ރަޝީދު އާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ - މި ތަނަކީ މުޖުތަމަޢުގައި އިންޖިނިއަރިންގެ ދާއިރާއަށް ޝައުޤުވެރިކަން އިތުރުކޮށް، މި ދާއިރާއިން މީހުން ބިނާކުރުމުގެ ތެރެއިން ރާއްޖޭގައި ދެވޭ އިންޖިނިއަރިންގާއި ގުޅޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް  ސްޓެލްކޯއިން ގާއިމްކޮށްފައިވާ މަރުކަޒެކެވެ.
މި މަރުކަޒުގައި ސްޓޭލްކޯގެ ތަޖުރިބާކާރުންގެ އިތުރުން ބައެއް އިލްމީ މުއައްސަސާތަކުން ވެސް ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި މަރުކަޒުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި ގުޅޭގޮތުން ސްޓެލްކޯ އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ދެމެދު 26 އޮކްޓޫބަރު 2025 ވީ އާދީއްތަ ދުވަހު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

ސްޓޭޓް ޔޫޓިލިޓީ ސްކިލްސް އެކެޑަމީއަކީ ހަމައެކަނި ތަމްރީނު މަރުކަޒެއް ނޫނެވެ. މިއީ ދިވެހިރާއްޖޭގެ ޔޫޓިލިޓީ ޚިދުމަތްތަކުގެ ދެމެހެއްޓެނިވި މުސްތަޤުބަލާއި، އީޖާދީ ފަންނިއްޔާތާއި، އިންސާނީ ރައުސްމާލަށް ކުރެވޭ ވުނަކުރުމެކެވެ. މިތަން ތަރައްގީކޮށްފައިވަނީ ދެމެހެއްޓެނިވި ހަކަތައިގެ މުސްތަޤުބަލަކަށް، ޒަމާނީ ހުނަރު ދިރުވައި ތަރައްޤީކުރުމަށެވެ. މިތަން އުފެއްދުމުގެ މަގުސަދަކީ
ޔޫޓިލިޓީ ޚިދުމަތްދިނުމުގެ ޒަމާނީ ވެއްޓެއްގައި ކުރިއެރުމަށް ބޭނުންވާ ފިކުރިއްޔާތާއި، ޢިލްމު އަދި ހުނަރު ސްޓެލްކޯގެ މަސައްކަތްތެރީންގެ ކިބައިގައި ތަރައްޤީކުރުމެވެ.
ފުރަތަމަ ފިޔަވަހީގައި މި މަރުކަޒުގައި މައިގަނޑު 6 ދާއިރާއަކުން ތަމްރީނުދިނުމަށް ވަނީ ހަމަޖެހިފައެވެ. ޔޫޓިލިޓީ ސިނާޢަތަށް އަންނަމުންދާ ޒަމާނީ ބަދަލުތަކާއި އެއްހަމައެއްގައި ފައިތިލަ ސާބިތުކުރުމަށް، ސްޓެލްކޯއިން ގެންގުޅޭ އަމާޒަށް ވާޞިލްވުމަށްޓަކައި، މަރުކަޒުގެ މަސައްކަތް ފުޅާވެ، ކުރިއަރަމުންދާ މިންވަރަކުން، މަރުކަޒުގައި ކިޔަވައިދީ، ތަމްރީނުދޭ ދާއިރާތަށް އިތުރުކުރެވިގެންދާނެއެވެ.
ފުރަތަމަ ފިޔަވަހީގައި މި މަރުކަޒުން ތަމްރީނު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ
• މެކޭނިކަލް އިންޖިނިއަރިން -  މި ތަމްރީނުގެ މައިގަނޑު ދާއިރާއަކަށް ވާނީ ޖެނެރޭޓަރ ސެޓު މަރާމާތު ކުރުމާއި އޯވަހޯލްކުރުން
• އޮޓޯމޯޓިވް އިންޖިނިއަރިން -  މި ތަމްރީނުގެ މައިގަނޑު ދާއިރާއަކަށް ވާނީ އުޅަނދުތަކުގައި އާންމުކޮށް ކުރަންޖެހޭ މަރާމާތާއި މެއިންޓަނަންސް މަސައްކަތް
• ފެނާއި ނަރުދަމާ ނިޒާމުތައް -  މި ތަމްރީނުގެ މައިގަނޑު ދާއިރާއަކަށް ވާނީ ފެން ޕްލާންޓް އަދި ނަރުދަމާ ޕަމްޕް ސްޓޭޝަން ފަދަ މި ދާއިރާއާ ގުޅޭ މަރާމާތާއި މެއިންޓަނަންސް މަސައްކަތް
• އޮޓޯމޭޝަން އިންޖިނިއަރިން-  މި ތަމްރީނުގެ މައިގަނޑު ދާއިރާއަކަށް ވާނީ މަސައްކަތުގެ ސަމަކާރަކަން ކަށަވަރުކުރުމަށް ބޭނުންވާ/ބޭނުންކުރާ ޒަމާނީ ވަޞީލަތްތައް އުފައްދައި، އޭގެ މަރާމާތާއި މެއިންޓަނަންސް މަސައްކަތް
• އިދާރީ ޚިދުމަތް -  މި ތަމްރީނުގެ މައިގަނޑު ދާއިރާއަކަށް ވާނީ އިދާރީ އެކިއެކި މަސައްކަތްކުރުމަށް އުފައްދާފައިވާ ކުންފުނީގެ އަމިއްލަ އަދި ބޭރުގެ އެކިއެކި ވަޞީލަތް/ނިޒާމު/ސޮފްޓްވެއަރއަށް އަހުލުވެރިކުރުވުމާއި އެންމެ އެކަށޭނަ ގޮތެއްގައި އެ ވަޞީލަތް/ނިޒާމު/ސޮފްޓްވެއާ ބޭނުންކުރުން

މިތަން އުފެއްދުމުގެ މަގުސަދަކީ ސްޓެލްކޯގެ އެސެޓް މަރާމާތުކޮށް ބެލެހެއްޓުމަށް ކުންފުނީގެ މުވައްޒަފުން ތަމްރީނުކޮށް، އޭގެ ނަތީޖާއެއްގެ ގޮތުން ޚަރަދު ކުޑަކުރެވި، ޚިދުމަތަށް ބަރޯސާވެވޭ މިންވަރު އިތުރުވެގެންދިއުން އެވެ. މަސައްކަތްތަކަށް އިންތަކާއި މިންތައް ކަނޑައަޅައި، އަންނާން އޮތް ޖީލުތަކަށް ސައްޚަކަންމަތީ ފޯރާނެހެން މުއައްސަސައީ ޢިލްމު ރައްކާތެރިކުރުމުގެ އިތުރުން
ރަށްރަށުގެ އިންޖީނުގެތަކާއި ފެން އަދި ނަރުދަމާ ޕްލާންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރު ތަރައްޤީކޮށް، ޚިދުމަތް މެދުކެނޑޭ މިންވަރު މަދުކުރުމެވެ. މީގެ އިތުރުން ޔޫޓިލިޓީ ސިނާޢަތުގައި ޒަމާނާއި އެއްހަމައެއްގައި ފައިތިލަ ސާބިތުކުރުމަށާއި ސިނާޢަތް އިތުރަށް ދެނެގަތުމަށް އެކިއެކި ދިރާސާތައް ހިންގުމެވެ.
އިދާރީ އެކިއެކި މަސައްކަތްކުރުމަށް އުފައްދާފައިވާ ކުންފުނީގެ އަމިއްލަ އަދި ބޭރުގެ އެކިއެކި ވަސީލަތްތަކާއި ނިޒާމުތައް ސޮފްޓްވެއާއަށް މުވައްޒަފުން އަހުލުވެރިކުރުވުމާއި އެންމެ އެކަށޭނަ ގޮތެއްގައި އެ ވަޞީލަތް ނިޒާމު އަދި ސޮފްޓްވެއާ ބޭނުންކުރަން ދަސްކޮށްދިނުމެވެ. އަދި ހަކަތަ އުފެއްދުމުގެ އައު ނިޒާމުތައް (އަވި، ވައި އަދި އެހެނިހެން އިއާދަކުރަނިވި ހަކަތައިގެ ބާވަތްތައް) ޤާއިމްކޮށް ބޭނުންކުރާނެ ގޮތް މުވައްޒަފުންނަށް ދަސްކޮށްދީ، ޒަމާނީ ތަރައްޤީއާއެކު ބައްޓަންވަމުންދާ މުސްތަޤުބަލަށް މުވައްޒަފުން ތައްޔާރުކުރުމެވެ. 
ސްޓެލްކޯއިން ބުނީ މިއީ މަސައްކަތުގެ މާޙައުލުގައި ރައްކާތެރިކަމަށް އިސްކަންދޭ ސަޤާފަތެއް އުފެއްދުމަށްޓަކައި، މަސައްކަތުގެ މާޙައުލާއި ގުޅޭ ޒަމާނީ ސްޓޭންޑަޑްތައް މުވައްޒަފުންނަށް ދަސްކޮށްދޭނެ ތަނެއް ކަމަށެވެ، އަދި ޒުވާނުންގެ މެދުގައި އިންޖިނިއަރިން ދާއިރާއަށް ޝައުޤުވެރިކަން އުފެއްދުމަށް ސްކޫލްތަކާއި ޔުނިވަރސިޓީތަކާއި ގުޅިގެން މަސައްކަތްކުރުމަށް ފުރުސަތު ފަހިވާނެ އެވެ. އަދި މި މަރުކަޒުގައި ތަޖުރިބާ ޙިއްސާކުރުމުގެ ތެރެއިން ޢިލްމު ފޯރުކޮށްދޭނެ އިންހައުސް ޓްރެއިނަރުންތަކެއް އުފެއްދޭނެ އެވެ. އަދި  އީޖާދީ ފަންނިއްޔާތަށް ހިތްވަރުދިނުމުގެ ގޮތުން އައު އީޖާތުތައްކޮށް، އެތަކެތި ތަޙުލީލުކޮށް، އޭގެ މަސައްކަތްކުރާނެ މަންސައެއް ޤާއިމްކޮށްދޭނެ އެވެ. އަދި ސްޓެލްކޯގެ އިތުރުން އެހެނިހެން ކުންފުނިތަކާއި މުއައްސަސާތަކަށް ވެސް ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ، އަތޮޅުތެރޭގެ ޔޫޓިލިޓީ ދާއިރާގެ ސަރަޙައްދީ އިލްމީ މަރުކަޒެއްގެ ގޮތުގައި މަސައްކަތް ކުރާނެ އެވެ.