ފަހުން ހުޅުވައިލި ފުރުސަތުގައި، އެ މަނިކުފާނުގެ ވިދާޅުވި ގޮތުގައި، އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުވާނެ ގިނަ ލުއިތަކެއް ސަރުކާރުން ވަނީ ހިމަނައިފަ އެވެ.

ކ. ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީކުރަން ނިންމައި، އެކަމަށް ކުރި އިއުލާނަށް ޝައުގުވެރިކަން ކުޑަވުމުން، އިތުރު ލުއިތަކާ އެކު އެ މަޝްރޫއު އަލުން ހުޅުވާލާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ކާށިދޫގެ ފަޅުގެ 10 ހެކްޓަރުގެ ސަރަހައްދެއްގައި ރިސޯޓު ހެދުމަށް ކަނޑައަޅައި، އެ ކަމަށް ކުރިމަތިލާން ހުޅުވައިލި ފުރަތަމަ ބުރުގައި އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެ އެވެ.
"ފުރަތަމަ އިއުލާންކުރި މަރުހަލާގައި އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުނުކުރުމުން އެކަން ނުވެފައި އޮތީ. އެހެންވެ މި ރަށަށް ހާއްސަކޮށް ބޮޑެތި ލުއިތަކަކާ އެކު އަލުން ހުޅުވާލައިފިން،" ކ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކާށިދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވި އެވެ.
ފަހުން ހުޅުވައިލި ފުރުސަތުގައި، އެ މަނިކުފާނުގެ ވިދާޅުވި ގޮތުގައި، އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުވާނެ ގިނަ ލުއިތަކެއް ސަރުކާރުން ވަނީ ހިމަނައިފަ އެވެ.
އެހެންކަމުން، މި ފަހަރު، އެ މަޝްރޫއުއަށް ޝައުގުވެރިވާނެ އިންވެސްޓަރެއް ލިބޭނެކަމުގެ އުއްމީދު ބޮޑުކަމަށް ރައީސް ވިދާޅުވި އެވެ.
ކާށިދޫ ފަޅުގައި ރިސޯޓު ހެދި ނަމަވެސް އެ ރަށުގައި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް ވެސް އެއްބާރުލުން ދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އަދި ރިސޯޓާ އެކު، ސީޕްލޭންގެ ދަތުރުތައް ވެސް އެ ސަރަހައްދަށް ފެށުމުގެ އިންތިޒާމް ހަމަޖައްސަވާނެކަމަށް ރައީސް މިއަދު އިއުލާނުކުރެއްވި އެވެ.