ބަންކަރިންގެ ހިދުމަތުން 192 މިލިއަން ރުފިޔާގެ އާމްދަނީ | ޓެކުހަށް 17 މިލިއަން

ކުރިން ރާއްޖޭގެ އިގުތިސާދަށް ކުރިން ޓެކްސް އާމްދަނީ ނުލިބޭ ސިނާއަތެއް މި ސަރުކާރުން އުފައްދާ، އެ ސިނާއަތް އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސައީދު ވިދާޅުވި

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް މިނިސްޓަރު ސައީދު ޖަވާބު ދެއްވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

ރާއްޖޭގައި މި ސަރުކާރުން ފެށި ބަންކަރިންގެ ހިދުމަތުން، މިހާތަނަށް 192 މިލިއަނަށް ވުރެ ގިނަ ރުފިޔާއެއް އާމްދަނީއެއް ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ބަންކަރިން ފެށުމުގެ ވާހަކަ ދައްކާތާ 40 ހަކަށް އަހަރުފަހުން މި ސަރުކާރުގެ ފެށި ބަންކަރިންގެ ހިދުމަތުން ފުރަތަމަ އަހަރުގެ ތެރޭގައި 400 މިލިއަން ޑޮލަރުގެ އާމްދަނީ ލިބޭނެކަމަށް ސައީދު މީގެކުރިން ވިދާޅުވެފައިވާތީ، އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން، އޭނާ ވިދާޅުވީ، ބަންކަރިންގެ ހިދުމަތުން އިއްޔެއާ ހަމައަށް ލިބުނީ 192،149،939ރ. ގެ އާމްދަނީއެއް ކަމަށެވެ.

އަދި އެ ހިދުމަތުން ޓެކުހުގެ ގޮތުގައި ދައުލަތަށް 17 މިލިއަނެއްހާ ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ސައީދު ވިދާޅުވި ގޮތުގައި، ލަފާކުރި މިންވަރަށް އާމްދަނީ ނުލިބޭތީ އިދިކޮޅު ފަރާތްތަކުން ސުވާލު އުފައްދައި، ފާޑުކިޔުންތައް އަމާޒުކުރަމުންދިޔަސް، އިގުތިސާދު ސިންދަފާތުކުރުމުގެ މަސައްކަތުގެ ތެރެއިން މި ސަރުކާރުން މުޅީން އާ ސިނާއަތެއް މި ވަނީ އުފައްދައިފަ އެވެ.

އެކަމުގެ ތަފްސީލަށް ވަޑައިގަންނަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ފެށުނުއިރުވެސް، އެ ސިނާއަތް މިއަދު އޮތް މިންވަރަށް ކުރިއަރައިގެންދާނެ ކަމާމެދު ވެސް އެކި ފަރާތްތަކުން އޭރުވެސް ސުވާލު އުފެއްދި ކަމަށެވެ. 

ނަމަވެސް، ކުރިން ރާއްޖޭގެ އިގުތިސާދަށް ކުރިން ޓެކްސް އާމްދަނީ ނުލިބޭ ސިނާއަތެއް މި ސަރުކާރުން އުފައްދާ، އެ ސިނާއަތް އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސައީދު ވިދާޅުވި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯ އިން ބަންކަރިންގައި ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ވިޓޯލްއާ ގުޅިގެން ބަންކަރިންގެ ވިޔަފާރި ފަށާފައިވަނީ މިދިޔަ އަހަހުގެ ސެޕްޓެމްބަރު މަހު އެވެ. މި މަސައްކަތް ފެށީ އުތުރުން ދަތުރު ކުރާ އުޅަނދު ފަހަރަށް ހިދުމަތް ދޭން އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓްއެއް ގާއިމްކޮށްގެންނެވެ. އެ ސަރަޙައްދަކީ ކޮންމެ ދުވަހަކުވެސް 200އަށްވުރެ ގިނަ އާގުބޯޓުފަހަރާއި އެނޫންވެސް އެތައް އުޅަނދުތަކެއް ދަތުރުކުރާ ސަރަޙައްދެކެވެ. އެ ބޯޓުފަހަރުގައި އެތައް ބިލިއަން ޑޮލަރުގެ މުދާ ކޮންޓެއިނަރުތަކުގައި މި ސަރަޙައްދުން އުފުލައެވެ. މި ވިޔަފާރި ފެށުމަށްފަހު އެސްޓީއޯ އިން ބައެއް ބޯޓު ފަހަރަށް ތެޔޮ އެޅުމުގެ ހިދުމަތް ދަނީ ދެމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.