"އެހެންވީމައި ޖުމްލަ 800 ހައުސިން ޔުނިޓް މިރަށުގައި މިދައުރުގެ ތެރޭގައި އެޅޭނެ. އޭގެ ތެރެއިން އަޅުގަނޑު ގަބޫލުކުރަނީ ދެބައިކުޅައެއްބައި ނިމޭނެ، އެއީ އެވަރުގެ ޕްރޮޖެކްޓެއް ނިންމަން ދެއަހަރާ ބައި ދުވަސް ނަގާނީ،" ރައީސް ވިދާޅުވި އެވެ.

ސިޓީތައް ނެގުމަށްފަހު އާބާދީގެ ގޮތުން އެންމެ ބޮޑު އެއް ރަށް، ޅ. ނައިފަރުގައި މި ދައުރު ނިމޭއިރު 800 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ޅ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ނައިފަރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި، އެރަށުގައު 300 ހައުސިން ޔުނިޓް އެޅުމަށް އެޗްޑީސީއާ ވަނީ ހަވާލުކޮށްފަ އެވެ.
އޭގެ އިތުރުން ސްލިޕްވޭއެއް ގާއިމް ކުރުމާއި ބަނދަރު އަޕްގްރޭޑް ކުރުމާއި އެމްއެންޔޫ ކެމްޕަހެއް ގާއިމްކުރުމުގެ އިތުރުން، ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމް ކުރުމާއި ވެމްކޯގެ ހިދުމަތް ގާއިމް ކުރުން ހިމެނެ އެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެ ރަށަކީ ވެސް ބީހިޔާވަހިކަމުގެ މައްސަލަ ވަރަށް ބޮޑު ރަށެއް ކަމަށެވެ. ރިޔާސީ އިންތިހާބުގެ ތެރޭގައި އެރަށުގައި 400 ހައުސިން ޔުނިޓް އެޅުމަށް ވައުދުވެވަޑައިގެންފައިވާކަން ފާހަގަކުރައްވައި ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު 100 ޔުނިޓް އަޅަން ހަވާލުކުރާނެ ކަމަށެވެ.
އަދި، 2027 ގައި އިތުރު 400 ހައުސިން ޔުނިޓް އަޅަން ހަވާލުކުރާނެ ކަމަށާއި، ދައުރު ނިމޭއިރު ޖުމްލަ 800 ހައުސިން ޔުނިޓްގެ މަސައްކަތް ނައިފަރުގައި ކުރިއަށް ދާނެ ކަމަށެވެ.
"އެހެންވީމައި ޖުމްލަ 800 ހައުސިން ޔުނިޓް މިރަށުގައި މިދައުރުގެ ތެރޭގައި އެޅޭނެ. އޭގެ ތެރެއިން އަޅުގަނޑު ގަބޫލުކުރަނީ ދެބައިކުޅައެއްބައި ނިމޭނެ، އެއީ އެވަރުގެ ޕްރޮޖެކްޓެއް ނިންމަން ދެއަހަރާ ބައި ދުވަސް ނަގާނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މާދަމާ އަމަލީ މަސައްކަތް ފަށާ އެރަށުގެ ބިން ހިއްކުމުގެ މަޝްރޫއާއެކު އެރަށުގެ ތޮއްޖެހިފައި އޮތް އޮތުމަށް ހައްލު ލިބި، އެތައް ކަމަކަށް މަގުފަހިވެގެންދާނެ ކަމަށެވެ.
"45 ހެކްޓަރުގެ ބިން ވެގެން ދާނީ ނައިފަރުގެ ތަރައްގީގެ އާ ސަފްހާއެއް ހުޅުވިގެންދާ މަޝްރޫއަކަށް. އޭގެ ސަބަބުން އިތުރުވާ ޖާގައަކީ ބޯހިޔާވަހިކަމަށް، އެކިކަހަލަ އިގްތިސޯދީ މަސައްކަތްތައް ކުރުމަށާއި އަދި ޖުމްލަކޮށް މި އާބަން ސެންޓަރުގެ ހަގީގަތް، ރަށުގެ ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ފެނިގެންދާނެ، ލިބިގެންދާނެ މުހިންމު ވަސީލަތަކަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާނެ މަޝްރޫއަކީ ބިން ހިއްކުމުގެ މަޝްރޫއު ކަމަށެވެ. ދެން ހުރި ހުރިހާ މަޝްރޫއުތަކެއް ވެސް ހުއްޓުމެއްނެތި ކުރިއަށް ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މިތަނުގައި ސޮއިކުރެވުނު މަޝްރޫއުތަކާއި ދެން ހުރި މަޝްރޫއުތައް ވެސް ވަރަށް ޒިންމާދާރުކަމާއެކު ނިންމައިދޭނަން. އެޔަގީންކަން އަޅުގަނޑު ތިބޭފުޅުންނަށް އަރުވަން،" ރައީސް ވިދާޅުވި އެވެ.