"އަންނަ އަހަރުގެ ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ އިސްކަން ދީފައިވާތީ ސިއްހީ ދާއިރާއަށް. އެއީ ރައްޔިތުން ރައްކާތެރި ސިއްހަތެއް ލިބިގެންވާ ބަޔަކަށް ހެދުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް މުހިންމު އިންވެސްޓްމެންޓެއް،"

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އެންމެ އިސްކަމެއް ދެއްވާނެ އެއް ދާއިރާއަކީ ސިއްހީ ދާއިރާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޅ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ނައިފަރަށް ވަޑައިގެން މިރޭ އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ސިއްހީ ދާއިރާއަށް ބޮޑު އިންވެސްޓްމެންޓެއް ކުރުން ކަމަށެވެ. އެގޮތުން ޕްރިވެންޓިވް ހެލްތު ކެއާއަށް ހާއްސަ އިސްކަމެއް ދީގެން އިންވެސްޓް ކުރުންކަން ރައީސް ފާހަގަކުރެއްވި އެވެ.
"އަންނަ އަހަރުގެ ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ އިސްކަން ދީފައިވާތީ ސިއްހީ ދާއިރާއަށް. އެއީ ރައްޔިތުން ރައްކާތެރި ސިއްހަތެއް ލިބިގެންވާ ބަޔަކަށް ހެދުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް މުހިންމު އިންވެސްޓްމެންޓެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި އިންވެސްޓްމެންޓްގެ ސަބަބުން ރާއްޖޭގައި ތިބެގެން އެންމެ މަތީ ފެންވަރުގެ ފަރުވާ ލިބޭނެ ކަމަށެވެ. ކޮންމެ ފަހަރަކު ރާއްޖޭން ބޭރަށް ދާންޖެހޭ ދިއުން ނިމުމަކަށް ގެނެސް މާލެއިންނާއި އަތޮޅުތެރޭގެ އެކި ހޮސްޕިޓަލްތަކުގެ އެންމެ ބޮޑެތި ބަލިތަކުގެ ފަރުވާ ލިބޭނެ ގޮތް ހަމަޖެއްސުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި މިހުރިހާ ކަމަކަށް ހައްލު ހޯދުމަށް ހިމަނުއްވާނެ ކަމަށެވެ. ދުޅަހެޔޮ ސިއްހަތެއް ލިބިފައިވާ ރައްޔިތުންތަކެއް ތިބުމަކީ އިގުތިސޯދީ ގޮތުންނާއި އަދި އިޖުތިމާއީ ގޮތުން ވެސް މުހިންމު ކަމެއްކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ޕްރިވެންޓިވް ހެލްތު ކެއާއާ ގުޅުން ހުރި މަސައްކަތްތައް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަންނަ ދުންފަތުގެ ޖެނެރޭޝަނަލް ބޭން އާއި ވޭޕް މަނާކުރުން ފާހަގަކުރެއްވި އެވެ. ދުންފަތަކީ ބޮޑެތި ގިނަ ބަލިތަކަށް ވާރުތަވާ އެއްޗަކީ ދުންފަތް ކަމަށާއި، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މިއީ އެޅުނު މުހިންމު ފިޔަވަޅެއް ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ދެވަނައަށް އެންމެ އިސްކަމެއް ދެއްވާނީ ތައުލީމީ ދާއިރާއަށް ކަމަށެވެ. ތައުލީމީ ގޮތުން ކުރިއަރާފައިވާ ސިކުނޑިތަކެއް ތަރައްގީ ކުރުމަކީ ވެސް ބޮޑު އިންވެސްޓްމެންޓެއް ކުރަން ޖެހޭކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.