ކޮމިޝަނުގެ ރައީސްކަމަށް ފަރުޝަތު އައްޔަނުކުރަން މަޖިލީހުން ފާސްކުރީ 49 މެމްބަރުންގެ ވޯޓުންނެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސްކަމަށް، އެ ކޮމިޝަނުގެ މެމްބަރު، މުހައްމަދު ފަރުޝަތު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ޖުމްލަ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އާ މީޑިއާ ކޮމިޝަނުގައި، ތިއްބަވަނީ މީޑިއާތައް ތަމްސީލުކުރާ ހަތަރު މެމްބަރުންނާއި މަޖިލީހުން އައްޔަނުކުރާ ތިން މެމްބަރުންނެވެ.
މީޑިއާ ރެގިއުލޭޝަން ގާނޫނުގެ ދަށުން އެ ކޮމިޝަނަށް ރައީސަކު އައްޔަނުކުރާނީ މަޖިލީހުންނެވެ. އަދި ނައިބު ރައީސް އައްޔަނުކުރާނީ މެމްބަރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޝަނުގެ ރައީސްކަމަށް ފަރުޝަތު އައްޔަނުކުރަން މަޖިލީހުން ފާސްކުރީ 49 މެމްބަރުންގެ ވޯޓުންނެވެ. އޭނާ އެ މަގާމަށް އައްޔަނުކުރަން ނުފެންނަ ކަމަށް ނުވަ މެމްބަރަކު ވޯޓު ދެއްވި އެވެ.
އާ ކޮމިޝަން އުފައްދަންޖެހޭ ގާނޫނު މަޖިލީހުން ފާސްކޮށް ތަސްދީގުކުރީ އެކަމާ ދެކޮޅަށް ނޫސްވެރިން އަޑުއުފުލަމުން ދަނިކޮށެވެ.