ހުސްނީގެ ނަމަށް ވޯޓަށް އެހުން މިއަދު މަޖިލީހުގެ ވޯޓު ގަޑީގައި އޮންނާނެ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ކަމުންނާއި މެންބަރު ކަމުން މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ ކޮމިޝަނުގެ ރައްޔިތުންގެ މަޖިލިސް ތަމްސީލުކުރައްވާނެ މެމްބަރުގެ ގޮތުގައި މަނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު ހުސްނީ މުބާރިކުގެ ނަން ހުށަހަޅައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖޭއެސްސީގެ ރައީސްކަމަށް މެމްބަރެއްގެ ނަން ހުށަހެޅުމަށް ރިޔާސަތުން ހުޅުވާލުމުން، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ ހުސްނީގެ ނަން ހުށަހަޅުއްވާފަ އެވެ.
އޭނާގެ އެ ހުށަހެޅުއްވުމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވަނީ ތާއީދު ކުރައްވާފަ އެވެ.
އެއްވެސް އިތުރު މެންބަރެއް ނަން ހުށަހަޅުއްވާފައި ނުވުމާ ގުޅިގެން މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަނީ ހުސްނީގެ ނަމަށް ވޯޓަށް އެހުން މިއަދު މަޖިލީހުގެ ވޯޓު ގަޑީގައި އޮންނާނެ ކަމަށް އިއުލާންކުރައްވާފަ އެވެ.
ކޮމިޝަނުގެ ރައީސް ކަމަށް ރިޒާ އިންތިހާބު ކޮށްފައި ވަނީ ޖޫން 12، 2024 ގަ އެވެ.
ނަމަވެސް، އޭނާ ޖޭއެސްސީން އިސްތިއުފާ ދެއްވި ސަބަބެއް އޭނާ ވިދާޅުވެފައެއް ނުވެ އެވެ.
ޖޭއެސްސީގެ ނައިބު ރައީސް ކަމުގައި ހުންނެވި ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ވެސް ވަނީ އެ ކޮމިޝަނުން މިދިޔަ ހަފްތާ އިސްތިއުފާ ދެއްވާފަ އެވެ. އެހެންވެ އެ މަގާމަށް ވަނީ ކޮމިޝަނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ މެންބަރު ޔަޒްމީދު މުހައްމަދު އިންތިހާބުކޮށްފަ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނަކީ އުއްތަމަފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން އައްޔަންކުރުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި، ބަދަލުކުރުމުގެ ޒިންމާ ގާނޫނުއަސާސީން މަތިކޮށްފައިވާ މިނިވަން މުއައްސަސާއެކެވެ.
ފަނޑިޔާރުންނާ ގުޅޭ ޝަކުވާތައް ބަލައި، އެފަދަ މައްސަލަތަކުގއި ފަނޑިޔާރުންނާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ފަނޑިޔާރުން މަގާމުން ވަކިކުރަންޖެހޭ ހާލަތްތަކުގައި މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނީވެސް ޖޭއެސްސީންނެވެ.
އޭގެ އިތުރަށް އަދުލު އިންސާފު ގާއިމުކުރުމުގެ ކަންކަން ހިންގުމާއި ކޯޓުތަކާ ގުޅޭ އެކި ކަންކަމުގައި ރައީސަށް ލަފާދޭ ކޮމިޝަނަކީވެސް ޖޭއެސްސީ އެވެ.