"އިރާދަކުރެއްވިއްޔާ ޑިސެމްބަރުގެ ކުރިން އަޅުގަނޑުމެން އަލުން ހުޅުވާލައިގެން އަހަރެއްހާ ދުވަހުގެތެރޭ މިކަން ކާމިޔާބުކުރެވުނު ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފެށޭނެކަމަށް މިހާރު ބެލެވެނީ، އަންނަ އަހަރުގެ ތެރޭގައި ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
އަމީން ކުރިން ވިދާޅުވީ މި އަހަރުގެ މާރިޗު މަހު ހެލިކޮޕްޓަރުގެ ހިދުމަތް ފަށަން ބަޔަކާ ހަވާލު ކުރެވޭނެ ކަމަށެވެ. އެކަމަށްޓަކައި އިއުލާނު ކުރުމުން 32 ކުންފުންޏަކުން ޝައުގުވެރިކަން ފާޅު ކުރިކަމަށް އޭނާ އޭރު ވިދާޅުވެފައި ވެ އެވެ.
ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމާ ގުޅޭގޮތުން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، އަމީން ވިދާޅުވީ، ވޭތުވެދިޔަ 25 އަހަރަށް ބަލާއިރު ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ސާޗް އެންޑް ރެސްކިއުއާއި މެޑިކަލް އިވެކުއޭޝަނަށް ބަލާއިރު ގިނަ ގައުމުތަކަކުން ހެލިކޮޕްޓަރު ބޭނުންކުރަމުން އަންނަ ކަމަށެވެ.
އަދި ރާއްޖޭގައި ޑޮމެސްޓިކް އެއާޕޯޓުތައް އިތުރުވާ މައިގަނޑު ސަބަބަކީ ވެސް މިނިސްޓަރު ވިދާޅުވި ގޮތުގައި، ބަލި މީހުން އެއްތަނުން އަނެއްތަނަށް އުފުލަން ރާއްޖެފަދަ ޖަޒީރާ ގައުމަކަށް ދިމާވާ ގޮންޖެހުމެވެ.
މެޑިކަލް އިވެކުއޭޝަނަށް ކޮންމެ ސަރުކާރަކުން ވެސް ހަރަދުކުރާކަން ފާހަގަކުރައްވައި އަމީން ވިދާޅު ވިގޮތުގައި ހެލިކޮޕްޓަރުގެ ހިދުމަތް ފަށަން ޝައުގުވެރިވާ ކުންފުނިތަކަށް ފުރުސަތު ހުޅުވާލިއިރު އިއުލާނުކުރީ ދައުލަތަށް އެންމެ ފައިދާވާނެ ގޮތަށް ސާޗް އެންޑް ރެސްކިއުއާއި މެޑިކަލް އިވެކުއޭޝަންގެ ވަކި ހިދުމަތްތަކެއް ހިލޭ ދޭ ގޮތަށެވެ.
ނަމަވެސް ދައުލަތަށް އެންމެ ބޮޑު ފައިދާއެއް ލިބޭ ގޮތަށް ޕްރޮޕޯސަލް ހުޅުވާލުމުން ދައުލަތަށް ނަގާ ބައި ބޮޑުކަމަށް ކުރިމަތިލި ކުންފުނިތަކުން ފާހަގަކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ ބަދަލުތަކާއެކީ ހެލިކޮޕްޓަރުގެ ހިދުމަތްދޭން ޕްރޮޕޯސަލް ހުށަހެޅުމަށް އަލުން ހުޅުވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ޑިސެމްބަރުގެ ކުރިން އަޅުގަނޑުމެން އަލުން ހުޅުވާލައިގެން އަހަރެއްހާ ދުވަހުގެތެރޭ މިކަން ކާމިޔާބުކުރެވުނު ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މީގެ 13 އަހަރު ކުރީން ވެސް ހެލްކޮޕްޓަރުގެ ހިދުމަތް ދިނެވެ. ހަމިންބާޑް އައިލެންޑް އެއާވޭސް ކުންފުނިން ދެމުން ދިޔަ އެ ހިދުމަތް ހުއްޓާލަން ޖެހުނީ ހެލްކޮޕްޓަރު ވެއްޓުމުގެ ދެ ހާދިސާއެއް ހިނގާ ގިނަ ބަޔަކު މަރުވުމާއި ގުޅިގެންނެވެ.
ރާއްޖޭގައި ދުއްވަނީ އިންޑިއާ ސަރުކާރުން ހަދިޔާ ކޮށްފައިވާ ހެލްކޮޕްޓަރެއް އޮޕަރޭޝަންގައި އެބަ އޮތެވެ. ކުރިން ބަލި މީހުން އުފުލަން ބޭނުންކުރީ މި އުޅަނދެވެ. ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ހެލްކޮޕްޓަރުގެ ބަދަލުގައި އެއާ އެމްބިއުލާންސް ފަށައި ބަލި މީހުން އުފުލަމުންނެވެ.