"ފައިސާ ގެންދިއުމުގައި ފުލުހުންގެ ސެކިއުރިޓީ ބޭނުންކޮށްފައި ނުވާ ވާހަކަ މައުލޫމާތައްޓަކައި ދަންނަވަން،" ފުލުހުން ބުނެފައިވެ އެވެ.

ރޭ ފަތިހު 4:50 ގަޑިއަކީ ފްލައިޓު ނެތް ގަޑިއެކެވެ. އެހެންވެ އެއާޕޯޓު އޮތީ ފަޅުކޮށެވެ. އެއާޕޯޓް ފަޅުކޮށް އޮތަސް ފަރުދާގެ ފުރަހަގުގައި ރޭވެމުން ދިޔައީ ވަރުގަދަ ޖަރީމާ އެވެ. ރާއްޖޭގެ އެންމެ "ސެކިއުރިޓީ ވަރުގަދަ" އެއާޕޯޓުގައި ވަރުގަދަ ޖަރީމާ އެކެވެ. އެ ގަޑިއަކީ ހެނދުނު ފުރާ ފްލައިޓަށް ފުރާ މީހުންނަށް ބޭނުންވާ ޑޮލަރު ހިފައިގެން ގައުމީ ބޭންކުގެ މުވައްޒަފުން ދާ ގަޑިކަން އެނގިތިބީ، މި ޖަރީމާގެ ބައިވެރިންނެވެ. ވަގުތުގެ ތަންވަޅު ބަލައި ފޭރިގަތެވެ. މިކަމުގައި އުޅުނު މީހުން ތިބީ މާސްކު އަޅައި މޫނު ނިވާކޮށްގެންވެ.
އެއާޕޯޓުގެ ސެކިއުރިޓީ ބްރީޗްވެގެން ދިޔަ މި ނުރައްކާތެރި ހާދިސާއާއެކު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އެއް ސުވާލަކީ ފައިސާ ޓްރާންސްފާގެ ހިދުމަތްދޭއިރު ތިބޭ ފުލުހުން އެމީހުންނާއެކު ތިބި ހެއްޔެވެ؟
މިރާ އަށް އެނގިފައިވާ ގޮތުގައި މި ބޮޑު ފޭރުން ހިނގިއިރު ފުލުހެއް ނުވަތަ ފުލުހުންގެ ބަޔަކު ސެކިއުޓީ އަށް ތިއްބެވެ. ނަމަވެސް ތިބީ ކިތަށް ފުލުހުންކަމެއް ނޭނގެ އެވެ. ޔަގީނުން ވެސް އޭޓީއެމް އަށް ފައިސާ ޖަމާ ކުރަން ދާއިރު ބޭންކް ވެހިކަލްއާއެކު އެއް ފުލުހަށްވުރެ ގިނަ ފުލުހުންދެ އެވެ. ނަމަވެސް ފުލުހުން މީޑިއާ ގްރޫޕުގައި ވަނީ އެކަން ދޮގުކޮށްފަ އެވެ.
"ފައިސާ ގެންދިއުމުގައި ފުލުހުންގެ ސެކިއުރިޓީ ބޭނުންކޮށްފައި ނުވާ ވާހަކަ މައުލޫމާތައްޓަކައި ދަންނަވަން،" ފުލުހުން ބުނެފައިވެ އެވެ.

މޫނު ނިވާކޮށްގެން ފޭރެން އައި މީހުން އެއާޕޯޓަށް ވަދެފައިވަނީ އެއްގަމު މަގުން ކަމެއް ނޫނީ ދަނޑިވަޅު ބަލަހައްޓައިގެން ކަނޑުމަގުން އައި ބައެއް ކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. ނަމަވެސް ފޭރުނުގެ ކަމަށް ބުނާ ލޮކޭޝަނަށް ބަލާއިރު އެ މީހުން ތިބީ ފާރަލައިގެން ކަމަށް ބުނެވިދާނެ އެވެ.
ފޭރިގެންފައިވަނީ ކުރީގެ ޓާމިނަލް އާއި އާ ޓާމިނަލް އަށް ވަންނަ ދޮރުމަތިންނެވެ. އެ ސަރަހައްދަކީ ލޯންޗު ފަހަރާއި ފެރީތައް ކައިރި ކުރާ ސަރަހައްދެވެ. ފޭރުމުގައި ބައިވެރިވި މީހުން އެ އަމަލު ހިންގުމަށްފަހު ފިލާފައިވަނީ ލޯންޗެއްގައި ކަމަށްވެ އެވެ.
މައި އެއާޕޯޓުގައި މިވަރުގެ ކަމެއް ހިނގިއިރު، މި ތަނުގައި އެމްއޭސީއެލްގެ ދެ ސެކިއުރިޓީ ތިބެ އެވެ. އެއީ އެއާޕޯޓުގެ އެތެރެ ބަލަހައްޓާ އޭވިއޭޝަން ސެކިއުޓީގެ އިތުރުން، ބޭރު ބަލަހައްޓަން އެމްއޭސީއެލްގެ ސެކިއުރިޓީ ޔުނިޓެއް ތިބެ އެވެ. އެމްއޭސީއެލްގެ "އެސްޓޭޓް ސެކިއުރިޓީ" ގެ ނަމުގައި ހިންގާ ޔުނިޓުގެ ފަސް މީހުން އަބަދު ވެސް ޓާމިނަލް ބޭރު ބަލަހައްޓަން ތިބެ އެވެ. ނަމަވެސް އެ މީހުން އެ ވަގުތު ތިބި ތޯ އަދި ވަނީ ނޭނގުމެއްގެ ތެރޭގަ އެވެ.
މި މައްސަލާގައި އެމްއޭސީއެލް އިން ބުނެފައިވަނީ ފުލުހުން ތަހުގީގު ކުރަމުންދާތީ މައުލޫމާތު ދެވެން ނެތް ކަމަށެވެ.