ހެޖުތެރޭގައި ހެދިފައިވާ ބިޔަވާ ޒާތުގެ އެކި ގަސްތައް ނެގުމުގެ މަސައްކަތް ފެށީ، އެފަދަ ގަސްތައް ހުރުމުގެ ސަބަބުން މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ ހުޅުމާލޭގެ މަގުތަކުގައި ފެން ބޮޑުވުމަށް މެދުވެރިވާތީ އެވެ.

ހުޅުމާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް، މަގުތައް ސާފުކޮށް، ހެޖުތެރޭގައި ހެދިފައިވާ ބިޔަ ގަސްތައް ނެގުމަށްފަހު ހުޅުމާލޭގެ އެކި ޕާކުތަކުގައި އިންދަން ނިންމައިފި އެވެ.
'ހިތްފަސޭހަ ހުޅުމާލެ' ކެމްޕެއިންގެ ދަށުން، ހުޅުމާލޭގެ ދުވާރުމަތީގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒުފަދަ ތަކެތި ނަގައި ރަށުތެރެ ސާފުކުރުމުގެ މަސައްކަތް އެއްޗްޑީސީން އިއްޔެ ވަނީ ފަށާފަ އެވެ.
މި ކެމްޕެއިންގެ ދަށުން، ހެޖުތެރޭގައި ހެދިފައިވާ ބިޔަވާ ޒާތުގެ އެކި ގަސްތައް ނެގުމުގެ މަސައްކަތް ފެށީ، ހެޖުތެރޭގައި އެފަދަ ގަސްތައް ހުރުމުގެ ސަބަބުން މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ ހުޅުމާލޭގެ މަގުތަކުގައި ފެން ބޮޑުވުމަށް މެދުވެރިވާތީ އެވެ. އަދި އޭގެ އިތުރުން، އެފަދަ ބިޔަ ގަސްތަކުގެ މުލުގެ ސަބަބުން އެ ސަރަހައްދުތަކުގެ މަގުގެ ތާރު ވެސް ވަރަށް ބޮޑަށް ވަނީ ހަލާކުވެފަ އެވެ.
އެޗްޑީސީ އިން ބުނީ އެހެންކަމުން، އެފަދަ ސަރަހައްދުތަކުގައި ހުރި ބިޔަ ގަސްތައް ކަނޑާލުމުގެ ބަދަލުގައި، އެ ގަސްތައް ނަގައި، ހުޅުމާލޭގެ އެކި ޕާކުތަކުގައި އިންދުމަށް މި ކޯޕަރޭޝަނުން ވަނީ ނިންމާފަ އެވެ. އަދި ހުޅުމާލެ ފެހިކުރުމަށް މި ކޯޕަރޭޝަނުން ކުރާ މަސައްކަތުގެ ތެރެއިން، މިހާރު ކުރިއަށްދާ ސާފުކުރުމުގެ ކެމްޕެއިނަށްފަހު، މަގަށް ގެއްލުންނުވާ ޒާތުގެ ކުދި ގަސް ހެޖުތެރޭގައި އިންދުމުގެ ފުރުސަތު އާންމު ރައްޔިތުންނަށް ލިބޭނެ އެވެ.
ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދަތިވާގޮތަށް ހުޅުމާލޭގެ ދުވާރުމަތީގައި ކެފޭތަކުން ގޮނޑި މޭޒު ބަހައްޓައިގެން ހިދުމަތްދޭތީ އާއި ދުވާރުމައްޗަށް ބިޔަ ގަސްތަކުގެ މޫ އަރާފައި ހުރުމުގެ ސަބަބުން މި ކޯޕަރޭޝަނަށް ގިނަ އަދަދަކަށް ޝަކުވާ ލިބެ އެވެ. އެހެންކަމުން 'ހިތްފަސޭހަ ހުޅުމާލެ' ކެމްޕެއިންގެ ދަށުން މި ފެށުނު ކެމްޕެއިންގެ މަގްސަދަކީ ހުޅުމާލެއަކީ ސާފުތާހިރު އަދި ހިތްފަސޭހަ ތަނަކަށް ހެދުމެވެ.