ސިޓީ ކައުންސިލުން ވަކިވުން ފާހަގަކުރަން ހުޅުމީދޫގައި ހަވާ އަރުވަނީ

ވަކި ކައުންސިލެއް އުފައްދަން ބޭނުންވާ ކަމަށް ނިމުން އައުމުން، އެކަމުގެ އުފާ ފާޅުކުރުމަށް ހަވާ އެރުވުމަށް ހަމަޖެހިފައި ވަނީ މިރޭ 8:30 ގައި، ހުޅުމީދޫ ބަނދަރު ސަރަހައްދުގަ އެވެ.

ހުޅުމީދޫ --

އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ފެނޭތޯ ބެލުމަށް އިއްޔެ ނެގި ފެންނަ ނުފެންނަ ވޯޓުގައި، ވަކި ކައުންސިލެއް ހެދުމަށް ތާއީދުކުރި ހުޅުދޫ އާއި މީދޫގައި އެކަމުގެ އުފާ ފާޅުކުރުމަށް މިރޭ ހަވާ އަރުވަން ނިންމައިފި އެވެ.

ވަކި ކައުންސިލެއް އުފައްދަން ބޭނުންވާ ކަމަށް ނިމުން އައުމުން، އެކަމުގެ އުފާ ފާޅުކުރުމަށް ހަވާ އެރުވުމަށް ހަމަޖެހިފައި ވަނީ މިރޭ 8:30 ގައި، ހުޅުމީދޫ ބަނދަރު ސަރަހައްދުގަ އެވެ. ހަވާ އަރުވަނީ ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދާއި މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހްމާނެވެ.

އައްޑޫ ސިޓީން އެ އަތޮޅު ފޭދޫ، މީދޫ އަދި ހުޅުދޫ ވަކިކުރަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި، ފޭދޫން ބޭނުންވީ ސިޓީ ކައުންސިލްގެ ދަށުގައި ތިބުމަށެވެ. ނަމަވެސް، ފޭދޫ އާ ހިލާފަށް، ހުޅުދޫ އާއި މީދޫއިން ވޯޓު ދިނީ އޭގެ ތެރެއިން ކޮންމެ ރަށެއްގައި ވެސް ވަކި ރަށު ކައުންސިލެއް އުފެއްދުމަށެވެ.

އެގޮތުން ހުޅުދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް ފެންނަ ކަމަށް 723 މީހުން ވޯޓުލާފައިވާއިރު، ނުފެންނަ ކަމަށް ވޯޓު ދިނީ 329 މީހުންނެވެ. މީދޫން ފެންނަ ކަމަށް ވޯޓު ދިނީ 847 މީހުންނެވެ. ނުފެންނަ ކަމަށް ވޯޓު ދިނީ 144 މީހުންނެވެ.

ނަތީޖާއަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހްމާން ވިދާޅުވެފައި ވަނީ މިނިވަންކަމާއި މުސްތަގުބަލަށްޓަކައި ނިންމި ނިންމުމަކީ ދަރިންގެ ދަރިން ވެސް ފަހުރުވެރިވާނެ އަދި ޝުކުރުވެރިވާނެ ނިންމުމެއް ކަމަށެވެ.

ނަމަވެސް އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު ރޭ ވިދާޅުވީ އައްޑޫ ސިޓީގެ އިދާރީ ހިންގުން ރޫޅިގެން ދިއުމަކީ ލިބުނު ހިތްދަތި ކަމެއް ކަމަށެވެ. އެހެން ނަމަވެސް ހުޅުދު އާއި މީދޫގެ ރައްޔިތުންގެ ނިންމުމަށް އިހުތިރާމްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.