މިދިޔަ އަހަރުގެ ޕީކް ސީޒަންގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖުމްލަ 43 އެއާލައިންއަކުން ދަތުރު ކުރެ އެވެ. މިގޮތުން މިދިޔަ އަހަރު 16,830 ފްލައިޓް އައިސްފައިވެ އެވެ.

ރާއްޖެއަށް ދަތުރުކުރާ ދުނިޔޭގެ މަޝްހޫރު 14 އެއާލައިނެއް ޓާމިނަލް ވަންއަށް ހިޖުރަކޮށްފައިވާއިރު، މި އަހަރު ޓޫރިޒަމް ސީޒަންގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އެހެން އަހަރުތަކަށްވުރެ ބާރު ބޮޑުވާނެ ކަމަށް ނަލައި ސީޒަނަށް ތައްޔާރުވާން ފަށައިފި އެވެ.
ރާއްޖޭގެ މައި އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށްފަހު އަންނަ ފުރަމަ ޓޫރިސްޓް ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން އެމްއެމްއޭސީއެމް އިން ވަނީ އެތެރޭގެ ޑިޕާޓްމަންޓްތަކާއެކު ހާއްސަ މަސައްކަތްތަކެއް ފަށާފަ އެވެ.
އެމްއޭސީއެލް އިން ބުނީ މި ބައްދަލުވުމުގެ މަގުސަދަކީ ޕީކް ސީޒަންގެ އޮޕަރޭޝަންސްތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމުގައި ޑިޕާޓްމަންޓްތަކަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާއި އެ ކަންކަމަށް ހުށަހަޅާ ހައްލުތަކާއި މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް އެއް ޑިޕާޓްމަންޓުން އަނެއް ޑިޕާޓްމަންޓަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ.

މި ބައްދަލުުވުމުގައި އެމްއޭސީއެލްގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) މުހައްމަދު މިހާދު ވިދާޅުވީ އެމްއޭސީއެލްއަކީ ހިދުމަތް ދޭ ކުންފުންޏަކަށްވާއިރު އެކަމަށް އަބަދު ވެސް ތައްޔާރަށް ތިބެންޖެހޭ ކަމަށެވެ. އެގޮތުން ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިއަދު ބާއްވާ ބައްދަލުވުމަކީ އެމްއޭސީއެލްގައި ބާއްވަމުން އަންނަ އެންމެ މުހިންމު ބައްދަލުވުން ކަމަށް ވިދާޅުވިއެވެ.
ސީސީއޯ މިހާދު އިތުރަށް ވިދާޅުވީ އެމްއޭސީއެލް އިން ހިދުމަތް ހޯދާ ފަރާތްތަކަށް އެ ފަރާތްތަކުން ބަލައިގަންނަ ފެންވަރަށް ނުވަތަ އެއަށްވުރެ ވެސް މަތީ ފެންވަރަށް ހިދުމަތް ދިނުމަށް ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓަކާއި ހުރިހާ މުވައްޒަފުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެކަމަށްޓަކައި ކުންފުނީގެ ހުރިހާ ވަސީލަތްތަކާއި މުވައްޒަފުންނާއި އެ މުވައްޒަފުންގެ ވިސްނުންވެސް ބަދަލުވާން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި އެމްއޭސީއެލްގެ އިސްވެރިންނާއި އެމްއޭސީއެލްގެ ޑިޕާޓްމަންޓްތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮންމެ އަހަރެއްގެ ވެސް ފިނި މޫސުމާއި އާ އަހަރަށް ދިމާވާ ދުވަސްވަރަކީ އެއަރޕޯޓަށް އެންމެ ބާރުބޮޑު ދުވަސްވަރެވެ.
އާ ޓާމިނަލަށް އެންމެފަހުން ހަޖުރަކޮށްފައިވަނީ އެމެރިކާގެ ވާޖިން އެއާލައިން އާއި އިނގިރޭސިވިލާތުގެ ބްރިޓިޝް އެއާލައިން އެވެ. މިހާތަނަށް ހިޖުރަނުކޮށް ތިބި މަޝްހޫރު އެއާލައިންތަކަކީ ގަތަރު އެއާވޭސް އާއި އެމިރޭޓްސް އެވެ.
މިދިޔަ އަހަރުގެ ޕީކް ސީޒަންގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖުމްލަ 43 އެއާލައިންއަކުން ދަތުރު ކުރެ އެވެ. މިގޮތުން މިދިޔަ އަހަރު 16,830 ފްލައިޓް އައިސްފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ ޝެޑިއުލް ފްލައިޓުގެ ގޮތުގައި ދަތުރުކުރި 15,432 ފްލެޓް މޫވްމެންޓް އާއި ޖެނެރަލް ފްލައިޓްތައް (ޗާޓަރު ފްލައިޓްތަކާއި ޕްރައިވެޓް ޖެޓުގެ 1,398 ފްލައިޓެވެ. މިހާތަނަށް އެންމެ ގިނައިން ފްލައިޓްމޫވްމެންޓެ ހަދާފައިވަނީ 6، ޖެނުއަރީ 2024 ގަ އެވެ. އެއީ މި ދުވަހު ޖުމްލަ 925 އެއާ ޓްރެފިކް މޫވްމެންޓް އެވެ، މީގެ ތެރޭގައި 672 ސީޕްލޭން މޫވްމެންޓްސް ހިމެނެ އެވެ.