ކްލިކް ކޮލެޖު ފުރަތަމަ ރަޖިސްޓްރީކޮށްގެން ހިންގީ ކްލިކް ޓްރެއިނިން ސެންޓަރު ގެ ނަމު ގައެވެ. މިއީ ރާއްޖޭގެ މަތީ ތައުލީމްގައި އެންމެ އިތުބާރު ކުރެވޭ އެއް ނަމެވެ.

ރާއްޖޭގައި މަތީ ތައުލީމް ފޯރުކޮށް ދިނުމުގެ ހިދުމަތުގައި ގިނަ ބަޔަކު އިތުބާރުކުރާ އެއް ނަން ކަމަށްވާ ކްލިކް ކޮލެޖަށް 25 އަހަރު ފުރިއްޖެ އެވެ.
ކްލިކް ކޮލެޖްގެ ތައުލީމީ ދަތުރުގައި 25 އަހަރު ފުރުނު ރިހިޔޫބީލް ފާހަގަ ކުރަން ރޭ ވަނީ މާގިރި ހޮޓެލްގައި ހާއްސަ ހަފުލާއެއް ބާއްވާފަ އެވެ. މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އެވެ.
މި ހަފުލާ ޝަރުވެރިކޮށްދެވުމުގެ ގޮތުން މެޑަމް ސާޖިދާ ދެއްކެވި ވާހަކަ ފުޅުމުގައި ވިދާޅުވި ގޮތުގައި ތައުލީމީ ނިޒާމުގައި ސިއްހަތު އައު ވިސްނުންތައް، އަދި މަސައްކަތްތެރިކަމާއި ހުނަރުވެރިކަމަށް އިސްކަންދެވެނީ ދަރިވަރުންގެ ފިކުރީ އަދި ޢަމަލީ ޤާބިލިއްޔަތު ކުރިއެރުމުން ކަމަށް ވިދާޅުވި އެވެ. މީގެއިތުރުން އުފެއްދުންތެރިކަން، ވިޔަފާރި އާއި ސިޔާސަތު ފަދަ ދާއިރާތަކުން ދަރިވަރުން ތަމްރީނުކުރެވެނީ ޤައުމުގެ މުސްތަޤުބަލު ބިނާކުރުމަށް ކަމުގައި ވެސް އެކަމަނާ ފާހަގަކުރެއްވި އެވެ.
"އަހުލާގު ރަނގަޅު، ހަރުދަނާ އަދި ޒިންމާދާރު ޖީލެއް އުފެއްދުމަކީ އުފާވެރި މުސްތަޤުބަލެއް ޙާސިލުކުރުމަށާއި ގައުމަށް އުފެއްދުންތެރިކަމާއި ކުރިއެރުން ގެނެސްދޭނެ ޖީލެއް ބިނާކުރުމަށް މަގުފަހިވާނެ ކަމެއް،" ސާޖިދާ ވިދާޅުވި އެވެ.
މި ހަފުލާގައި ވާހަކަ ދައްކަވަމުން ކްލިކް ކޮލެޖުގެ އެއް ފައުންޑަރު އަދި ޕްރެސިޑެންޓް ޑރ. ނައުޝާދު މުހައްމަދު ވަނީ ކްލިކް ކޮލެޖުގެ ދަތުރު ފެށިގެން އައި ގޮތުގެ މައްޗަށް ބައްލަވާ ލައްވާފަ އެވެ. މީގެ އިތުރުން މި ވަގުތު މަތީ ތައުލީމް ދިނުމުގެ ދާއިރާ އަށް ހުރި ގޮންޖެހުންތަށް ވިދާޅުވެއް ދެއްވި އެވެ.
އޭނާ ވިދާޅުވީ އަތޮޅު ތެރޭގައި ކިޔަވާ ކުދިންނަކީ އޮންލައިންކޮށް ކިޔަވާ ކުދިން ކަމަށްވިޔަސް މަތީ ތައުލީމަށް ކިޔަވާ ދަރިވަމުންނަކީ ކްލާހަށް ހާޒިރު ވެގެން ކިޔަވާ ކުދިންނަށް ހަދަން ޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން ސަރުކާރުން ލޯނު ނަގައިގެން ބޭރަށް ކިޔަވަން ދާ އަދަދު މަދުކުރަން ފިޔަވަޅުތަކެއް އަޅަން ޑރ. ނައުޝާދު ވަނީ ގޮވާލައްވާފަ އެވެ.
"މިއީ އަޅުގަނޑުމެން ފުންކޮށް ވިސްނަން ޖެހޭކަމެއް. މިއީ ގައުމީ މައްސަލައެއް. މިއީ މިހާރުގެ ޓްރެންޑެއް ކަމަށް ބުނެ ދޫކޮށްލެވޭ ވަރަށްވުރެ މާ ސީރިއަސް މައްސަލައެއް. ރާއްޖޭން ލިބެންހުރި ހަޔާ އެޑީއުކޭޝަން ކޯސްތައް ޕްރޮމޯޓް ކުރަން ސަރުކާރާއި ކޮލެޖު ޔުނިވާސިޓީތައް އެއްކޮށް މަސައްކަތް ކުރަން އަޅުގަނޑު ވަރަށް އަދަބުވެރިކަމާއެކު އިލްތިމާސްކުރަން،" ޑރ. ނައުޝާދު ވިދާޅުވި އެވެ.
ކްލިކު ކޮލެޖަށް 25 އަހަރު ފުރުން ފާހަގަ ކުރަން ބޭއްވި ހަފުލާގައި އެ ކޮލެކަށް މިދިޔަ 25 އަހަރު ދިގު މުއްދަތުގައި ހިދުމަތްކުރި މުވައްޒަފުންގެ އަގު ވަޒަން ކޮށްފައިވެ އެވެ.