މި ސްކީމު ހިންގާނީ ބޭންކްތަކުންނެވެ. ބޭންކްތަކުގެ ލޯނު ޕޯޓްފޯލިއޯގެ 10-15 ޕަސެންޓް މި ސްކީމަށް ދޭނެ އެވެ. މިީއީ ރަހުނު ބަހައްޓަން ނުޖެހޭ އިސްލާމިކް ފައިނޭންސިން މޮޑެލް ހިމެނޭ ސްކީމެވެ.

ރާއްޖޭގެ ބޭންކިން ނިޒާމު އޮތީ ފަސޭހަ ބޯހިޔާވަހިކަމަށް ތައްޔާރުކޮށެއް ނޫނެވެ. މުސާރަ ލިބި އަމިއްލަ ފްލެޓެއް ގަންނަން ބޭނުންވިޔަސް ރަހުނު މަތިކަމާއި ފުރަތަމަ ދައްކަން ޖެހޭ އަދަދު ބޮޑުކަމުން އެކަން ކުރަން ގިނަ ބަޔަކު ނުކުޅެދެ އެވެ. ހާއްސަކޮށް ޒުވާނުން އުމުރުގައި ވަސީފާއަށް ވަދެ ދިރިއުޅެއް ފަށާ ހަމައަށްދާއިރު ވެސް އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމުގެ މަގެއް ނޯވެ އެވެ. ނަމަވެސް ސަރުކާރުގެ އެދުމަކަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން މިހާރު ފަށާފައިވާ ބޯހިޔާވަހިކަމުގެ ގައުމީ ސްކީމް، ނުވަތަ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމްގެ ސަބަބުން މިފަދަ އެތައް ބަޔަކަށް ފުރުސަތު ހުޅުވިގެންދާނެ އެވެ. މި ސްކީމްގެ ސަބަބުން އަންނާނެ ބަދަލެއް ވެސް އޮންނާނެ އެވެ. އެ ބަދަލީ ކޮބައި ހެއްޔެވެ؟
އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމްގެ މަގުސަދާ ބެހޭ ގޮތުން ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވާ ގޮތުގައި މި ސްކީމްގެ ސަބަބުން ސަރުކާރުގެ ސޯޝަލް ހައުސިން ޔުނިޓުތަށް އެންމެ ބޭނުންވާ މީހާއަށް ދޭން ފުރުސަތު ފަހި ވެގެންދާނެ އެވެ. ސަރުކާރުގެ މި ގަވައިދު ހެދުމުގެ މައިގަނޑު މަގުސަދަކީ ބޯހިޔާވަހިކަމަށް ވަަށާ ޖެހޭ ހައްލެއް ގެނެސް ދިނުމެވެ.
މިފަދަ ސްކީމެއް ނެތުމުން ލިބޭ އެންމެ ބޮޑު ގެއްލުމަކީ މިޑުލްރޭންޖުގެ އާމްދަނީ ލިބޭ ފަރާތްތައްވެސް އިޖުތިމާއީ ބޯހިޔާވަހިކަމުގެ ސްކީމްގެ ތެރެއަށް ވަންނަން މަޖުބޫރުވުމެވެ. ނަމަވެސް ހަގީގަތުގައި އެމީހުންނަކީ ލުއި ފަސޭހަކޮށް ފްލެޓު ގަނެވޭނެ ގޮތް ދައްކައިފިނަމަ ގްފެޓު ގަންނާނެ މީހުންނެވެ. އެމީހުންނަކީ ވަޒީފާގައި އުޅޭތާ ގިނަ ދުވަސްވީ އަދި އާމްދަނީގެ ގޮތުންވެސް މިފަދަ ސްކީމަކަށް ވަަނުމުގެ ކުޅަދާނަކަން ހުރި ބައެކެވެ. ނަަމަވެސް މައްސަލައަކީ ބޭންކިން ނިޒާމުން އެ ދޮރު ހުޅުވިފައި ނެތުމެވެ.

އެކަމަށް ހައްލު ހޯދައިދޭން އެމްއެމްއޭ އިން މިހާރު ހަދާފައިވާ ހައުސިން ސްކީމްގެ ދަށުން ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ ވިޔަފާރި ބޭންކުތަކެއްގެ ފައިސާގެ އެހީގައި ފަންޑު އުފައްދާނެ އެވެ. މިއީ ރާއްޖޭގައި އާ ކަމެއް ނޫނެވެ. ނަމަވެސް މި ސްކީމްގެ ތަފާތަކީ ކުރިން ތައާރަފު ކުރި މިފަދަ ސްކީމްތަކަށްވުރެ މި ސްކީމް ލުއިވުމާއެކު އިސްލާމިކް ފައިނޭންސްގެ އޮޕްޝަންވެސް އޮތުމެވެ. އެމްއެމްއޭއިން 2017 ވަނަ އަހަރު ތައާރަފުކުރި އެފޯޑަބަލް ހައުސިންގ ލޯނު ސްކީމް ލިބެނީ ބައިލައްކަ ރުފިޔާގެ މުސާރައެއް ލިބޭ ބަޔަކަށެވެ. އެ ސްކީމުގައި ޑައުންޕޭމަންޓް 20 ޕަސެންޓަށް ނުވަތަ އެއަށްވުރެ މަތިނަމަ ފަސް ޕަސެންޓް އިންޓްރެސްޓުގައި ލޯނު ލިބެ އެވެ. މި ލޯނު ދައްކަން ލިބެނީ 20 އަހަރެވެ.
އެމްއެމްއޭ އިން މިފަހަރު ތައާރަފުކުރި ލޯނު ސްކީމް މުޅިން ތަފާތެވެ. މި ސްކީމް ހުޅުވާލާފައިވަނީ ހައުސިން ބާޒާރަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ގޮތަކަށެވެ. މި ސްކީމް ނަގާ ފަރާތްތަކަށް އިސްލާމީ ފައިނޭންސިންގެ އުސޫލުވެސް ހިޔާރު ކުރަން ފުރުސަތު އޮވެ އެވެ.

ފަންޑް އުފައްދާ ގޮތް - މިއީ ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ ވިޔަފާރި ބޭންކުތަކެއްގެ ފައިސާގެ އެހީގައި ގާއިމުކުރެވޭ ފަންޑެކެވެ. މި ފަންޑު އުފެދިގެންދާނީ ބޭންކުތަކުން އެމްއެމްއޭއިން ކަނޑައަޅާ ގޮތެއްގެ މަތިން، ކޮންމެ ބޭންކަކުން ވެސް އެ ބޭންކެއްގެ ޖުމްލަ ލޯނު ޕޯޓްފޯލިއޯގެ 10-15 ޕަސެންޓާ ދެމެދުގެ އަދަދެއް މި ސްކީމްގެ ފައިނޭންސިންއަށް ދޫކުރަން ފެށުމުންނެވެ. މިއީ ބޭންކްތަކަށް ލާޒިމް ކަމެކެވެ. މިއީ ފަސް އަހަރަށް ކުރިއަށް ގެންދާނެ ސްކީމް އެކެވެ.
ލޯނު ދައްކާނެ މުއްދަތަކީ މަދުވެގެން 25 އަހަރެވެ. ނަމަވެސް، ލޯނު ނަގާ ފަރާތުގެ އެދުމަށް ކުރު މުއްދަތެއް ވެސް ކަނޑައެޅިދާނެ އެވެ. އަދި އެޕާޓްމަންޓް ކަނޑައެޅުން މި ސްކީމްގެ ދަށުން ފައިނޭންސް ކުރެވޭނެ ހައުސިން ޕްރޮޖެކްޓްތަކާއި އެހެނިހެން ޝަރުތުތައް ކަނޑައަޅާނީ އެމްއެމްއޭއިންނެވެ.
މި ސްކީމްއާއެކު ހައުސިންގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ އެވެ. ހާއްސަކޮށް ބޯހިޔާވަހިކަމުގައި މިހާރު ހުރި ފުރުސަތުތަކަށް ވަންނަން ޒުވާނުންނަށް ފުރުސަތު ފަހި ވެގެންދާނެ އެވެ. މާލެ ސަރަހައްދަށް ބަލާއިރު މިޑްރޭޖުގެ ފްލެޓުގެ އަދަދު 10,000 އަށް ވުރެމަތިވާނެ އެވެ.
މިހާރު ވެސް އިތުރު ފްލެޓްތަކެއް ދަނީ އަޅަމުންނެވެ. ދެވަނަ ފިޔަވައްސަށް ބަލާއިރު ކުރިއަށް އޮތް ދެ އަަހަރުތެރޭގައި އެތައް ސަތޭކަ މިޑްރޭންޖް އަދި ލަގްޒަރީ ހައުސިން ޔުނިޓްތަކެއް ބާޒާރަށް ނުކުންނާނެ އެވެ. މިކަން ވެގެންދާނީ ފްލެޓު ގަންނަން ބޭނުންވެފައި ތިބި ޒުވާނުންނަށް ލިބޭނެ ފުރުސަތަކަށެވެ. އަދި މި ސްކީމާއެކު އިޖުތިމާއީ ބޯހިޔާވަހިކަން އެންމެ ބޭނުންވެފައި ތިބި މީހުން ހުނިޖަހާފަ ނަގާލަން ސަރުކާރަށް ފުރުސަތު ލިބޭނެ އެވެ.