ދެވަނަ ކުއާޓަރު | މައިގަނޑު ސިނާއަތްތައް ކުރިއެރުމުން އިގްތިސޯދަށް ދިރުން

މަރުކަޒީ ބޭންކް އިން ވަނީ ދުނިޔޭގެ އިޤްތިސާދީ ޙާލަތު ޔަޤީންކަން ކުޑަ ގޮތަކަށް ހުރި ނަމަވެސް، ރާއްޖޭގެ ކުރިއަރާ މިންވަރު ހަލުވިމިނެއްގައި ދެމެހެއްޓިފައިވާކަން ފާހަގަކޮށްފަ އެވެ.

ރާއްޖެ އައި ޓޫރިސްޓަކަށް މަރުހަބާ ކިއުމުގެ ގޮތުން ފިނިފެން މަލެއް ދެނީ -- އެމްއޭސީއެލް

މިދިޔަ ދެވަނަ ކުއާޓަރުގައި މައިގަނޑު ސިނާއަތްތައް ކުރިއަރާފައިވާތީ، އިގްތިސާދަށް ދިރުން ލިބިފައިވާ ކަމަށް ދައްކައިފި އެވެ.

މަރުކަޒީ ބޭންކުން ނެރުނު މި އަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓް "ދިވެހިރާއްޖޭގެ އިޤްތިޞާދީ އަޕްޑޭޓް" ގައިވާ ގޮތުން ރާއްޖޭގައި މިދިޔަ ކުއާޓަރުގައި ޓޫރިސްޓުން އަންނަ އަދަދު އިތުރުވެ، މަސްވެރިކަމުގެ ދާއިރާން ބާނާ މަހުގެ އަދަދު އިތުރުވެ، އެކްސްޕޯޓް މަތިވެފައިވެ އެވެ. 

މީގެ އިތުރުން އިމާރާތް ކުރުމުގެ ދާއިރާއަށް ދިރުން ލިބި އިންފްލޭޝަން ވަނީ މަޑުޖެހިފަ އެވެ. މީގެ އިތުރުން ސަރުކާރުގެ މާލީ ހާލަތު ރަނގަޅުވުން އާމްދަނީ އިތުރުވެ، ހަރަދު ދަށްވެފައިވެ އެވެ

"މި ހުރިހާ ކަމަކުން ދައްކުވައިދެނީ ދިވެހިރާއްޖޭގެ އިޤްތިސާދު ވަރަށް ރަނގަޅު ފެންވަރެއްގައި ހުރިކަމާއި، ކުރިއަށް އޮތް މުއްދަތުގައިވެސް މި ކުރިއެރުން ދެމެހެއްޓޭނެ ކަމުގެ އުންމީދު ބޮޑުކަމެވެ،" އެމްއެމްއޭގެ ރިޕޯޓުގައިވެ އެވެ.

މި ރިޕޯޓުގައިވާ ގޮތުގައި މިދިޔަ މި ކުއާޓަރުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 475,708 އަށް އަރާފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %16 އިތުރު އަދަދެކެވެ. މިގޮތުން ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއް މިލިއަނަށް އަރާފައިވެއެވެ.

"މިއީ އަހަރުގެ މިހާތަނުގައި މިއަދަދު ހާސިލްކުރެވުނު ފުރަތަމަ ފަހަރެވެ. މިގޮތުން، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފާވަނީ ޗައިނާއިންނެވެ. ދެވަނައަށް ރަޝިޔާ އަދި ތިންވަނައަށް އިނގިރޭސިވިލާތުންނެވެ. އަދި ޖުމުލަކޮށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރެއިން، އެންމެ ބޮޑު ހިއްސާއެއް ކުރަނީ ޔޫރަޕުގެ ޤައުމުތަކުންނެވެ،" އެމްއެމްއޭއިން ބުނެފައިވެ އެވެ.

އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި އަހަރުގެ ދެވަނަ ކުއާޓަރުގައި މަސްވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ކުރިއެރުމެއް ލިބިފައިވެއެވެ. މިގޮތުން ގަނެވުނު މަހުގެ ޖުމްލަ އަދަދު %101 އިތުރުވެފައިވެ އެވެ. މީގެ ތެރެއިން ކަޅުބިލަމަހުގެ އަދަދު %133 އިތުރުވެފައިވެ އެވެ.

އިމާރާތްކުރުމުގެ ދާއިރާ ވަނީ ހަލުވި ދުވެއްޔެއްގައި ކުރިއަރާފައެވެ. މިކަމަށް އެހީތެރިވެފައިވަނީ ބޮޑެތި އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކާއި ރިސޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުތަކެވެ. އަދި ރިއަލް އެސްޓޭޓް ދާއިރާވެސް ވަނީ އެއްހަމައެއްގައި ކުރިއަރާފައެވެ. ހަމައެއާއެކު، ފާއިތުވި ކުއާޓަރުގެ 5.3% އަޅާބަލާއިރު، އިންފްލޭޝަން ރޭޓު ވަނީ %4.6 އަށް ދަށްވެފައެވެ. އިންފްލޭޝަން ރޭޓް ދަށްވެފައިވަނީ ކާބޯތަކެއްޗާއި ހަކަތައިގެ އަގުތައް މަޑު ޖެހިފައިވާތީ އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ

ސަރުކާރުގެ މާލީ ހާލަތު ވަނީ ފާހަގަކޮށްލެވޭ ވަރަށް ރަނގަޅުވެފައެވެ. ޖުމްލަ އާމްދަނީ (ހިލޭއެހީ ނުހިމަނާ) 8.9 ބިލިއަން ރުފިޔާ އަށް އިތުރުވެފައިވާއިރު، ޖުމުލަ ޚަރަދު (ލޯނު އަނބުރާ ދެއްކުން ނުހިމަނާ) ވަނީ 1.6 ބިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ. މިގޮތުން ޚަރަދު ދަށްވެފައިވަނީ ކެޕިޓަލް ޚަރަދު ކުޑަވުމުގެ ސަބަބުންނެވެ. ހަމައެއާކު، މާލީ ދާއިރާ ވަނީ ހަރުދަނާކަމާއެކު ދެމެހެއްޓިފައެވެ. އަދި ރަނގަޅު ރައުސުލްމާލެއް ހިފެހެއްޓިފައިވެ އެވެ.

އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި މިގޮތުން ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ %50 ގައި ހިފެހެއްޓިފައިވާއިރު، ލޯނު ދޫކޮށްފައިވާ އަދަދު ކުރިއަރާ މިންވަރުވަނީ އެއްހަމައެއްގައި ހިފެހެއްޓިފައެވެ. އަދި ރާއްޖޭގެ ރަސްމީ ރިޒާވް 832.4 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެފައިވާއިރު، މިއަދަދު އިތުރުވެފައިވަނީ އިންޑިއާގެ ރިޒާވް ބޭންކުން ހޯދާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ސަބަބުންނެވެ.

އިގްތިސޯދީ އަޕްޑޭޓުގެ މުހިންމު ޕޮއިންޓްތައް

  • ޓޫރިސްޓުން އިތުރުވެ، ޖޫން މަހުގެ ނިޔަލަށް 1 މިލިއަން ހަމަވުމަކީ ރެކޯޑެއް
  • މަސްވެރިކަމުގެ ރަނގަޅުގެ ގަތް މަސް %101 އިތުރުވެ، ކަޅުބިލަމަހުގެ އަދަދު %133 އިތުރުވި
  • އިމާރާތްކުރުމުގެ ދާއިރާ ކުރިއަރައި، ބޮޑެތި އިންފްރާސްޓްރަކްޗާ މަޝްރޫޢުތަކާއި ރިސޯޓު ތަރައްގީ ކުރުން އިތުރުވި
  • އިންފްލޭޝަން އުފުލުން %5.3 އިން %4.6 އަށް ދަށްވި
  • ސަރުކާރުގެ މާލީ ޙާލަތު ރަނގަޅުވެ، އާމްދަނީ އިތުރުވެ ހަރަދު ދަށްވި
  • ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވެ ހުރީ 832.4 މިލިއަން ޑޮލަރުގައި

މި އަހަރު ކުރިމަގު - ދުނިޔޭގެ އިޤްތިސާދީ ޙާލަތު ޔަޤީންކަން ކުޑަ ގޮތަކަށް ހުރި ނަމަވެސް، ރާއްޖޭގެ ކުރިއަރާ މިންވަރު ހަލުވިމިނެއްގައި ދެމެހެއްޓިފައިވާކަން ފާހަގަކުރެވެ އެވެ. މި އަހަރު ރިއަލް ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކުރެވެނީ %4.5 އަށެވެ. ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރުމާއި މަސްވެރިކަމުގެ ދާއިރާ އާއި ރަނގަޅުވަމުން އަންނަ ފިސްކަލް ބެލެންސް އަދި މަޑުޖެހެމުން އަންނަ އިންފްލޭޝަނާއެކު މި އަހަރުގެ ބާކީ އޮތް މުއްދަތުގައި ވެސް ރާއްޖޭގެ އިޤްތިސާދީ ކުރިމަގު ފެންނަނީ އުޖާލާކޮށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.