ޓެކުހުގެ ގޮތުގައި ދައުލަތަށް މި މުއްދަތުގައި ލިބިފައިވަނީ 23 ބިލިއަން ރުފިޔާއެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ 75.1 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އެވެ

ދައުލަތުގެ ހަރަދު މި އަހަރުގެ މިހާތަނަށް 15.3 އިންސައްތަ ދަށް ކުރިއިރު، މިހާތަނަށް ލިބުނު އާމްދަނީ 30 ބިލިއަން ރުފިޔާއަށް އުފުލިއްޖެ އެވެ.
ދައުލަތުގެ އާމްދަނީއާއި ޚަރަދު ރެކޯޑުކުރުމުގައި ހުރި ބައެއް މައްސަލަތައް ހައްލުކުރުމަށް ހޭދަވި ތިން ހަފްތާއަށްފަހު މާލީ ވުޒާރާއިން އާއްމުކުރި ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 30.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު 15.3 އިންސައްތަ ދަށް އަދަދެކެވެ. އެގޮތުން، ރިކަރަންޓް ޚަރަދު 0.2 އިންސައްތަ އަދި ކެޕިޓަލް ޚަރަދު 58.1 އިންސައްތައިން ދަށްވެފައިވެއެވެ.
ރިކަރަންޓް ޚަރަދުގެ 59.1 އިންސައްތަ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 2.9 އިންސައްތަ ދަށް ޢަދަދެކެވެ. އެގޮތުން އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ޚަރަދު 13.0 އިންސައްތައިން ދަށްވެފައިވާއިރު، މަރާމާތުކުރުމާއި މެއިންޓެނަންސްގެ ޚަރަދު ވަނީ 3.3 އިންސައްތައިން ދަށްވެފައެވެ. މިއާއި އެކު ދައުލަތުން ފޯރުކޮށްދޭ އެކި އެހީ އަދި ސަބްސިޑީތައް ފޯރުކޮށްދިނުމަށް ކުރެވުނު ހޭދަ ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 7.9 އިންސައްތައިންވަނީ ދަށްވެފައެވެ.
ނިމިދިޔަ ހަފްތާގެ ނިޔަލަށް ދަރަނި އަނބުރާ ދެއްކުމަށް ކުރި ހޭދަ 4.4 ބިލިއަން ރުފިޔާގައި ހުރިއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި އެ ޚަރަދު ހުރީ އެ މިންވަރަށް ވުރެ 118.0 އިންސައްތަ ދަށް އަދަދެއް ކަމަށްވާ 2.0 ބިލިއަން ރުފިޔާގައެވެ. މީގެ މައިގަނޑު ސަބަބަކީ، ދައުލަތުން މީގެ ކުރިން ނަގާފައިވާ ލޯނުތައް ކަށް މިމުއްދަތުގެ ތެރޭގައި އިންޓަރެސްޓްގެ ގޮތުގައި ކުރި ހޭދަ އިތުރުވުމެވެ.
މި މުއްދަތުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް 30.7 ބިލިއަން ރުފިޔާ ލިބި މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 8.5 އިންސައްތަ އިތުރުވެފައިވެ އެވެ.
ނިމިގެންދިޔަ ހަފްތާގެ ނިޔަލަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 30.7 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، އެއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 8.5 އިންސައްތަ އިތުރު އަދަދެކެވެ.
ޓެކުހުގެ ގޮތުގައި ދައުލަތަށް މި މުއްދަތުގައި ލިބިފައިވަނީ 23 ބިލިއަން ރުފިޔާއެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ 75.1 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީގެ ތެރެއިން ޓެކުހުގެ ރޭޓްތަކަށް ގެނެވުނު ބަދަލާއި ގުޅިގެން، ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 105.3 އިންސައްތަވަނީ އިތުރުވެފައެވެ. އަދި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 56.4 އިންސައްތަވަނީ އިތުރުވެފައެވެ.
ޓެކުހާއި ޓެކްސް ނޫން އާމްދަނީ 9.6 އިންސައްތަ އިތުރުވެފައިވާއިރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ލިބުނު އާމްދަނީ 61.0 އިންސައްތަ ވަނީ އިތުރުވެއެވެ. މީގެ މައިގަނޑު ސަބަބަކީ މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 10 އިންސައްތައިން އިތުރުވެ، 1.7 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާތީއެވެ. ހަމަ އެހެންމެ، ލޭންޑް އެކުއިޒިޝަން އެންޑް ކޮންވަރޝަން ފީ، ލީޒް ޕީރިއެޑް އެކްސްޓެންޝަން ފީ އަދި ރިޒޯޓުތަކުން ކުލީގެ ގޮތުގައި ލިބުނު އާމްދަނީވެސް މި މުއްދަތުގެ ތެރޭގައިވަނީ އިތުރުވެފައެވެ. މި އިތުރުވުމާއި އެކު، މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ މިވަނީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 8.5 އިންސައްތައިން އިތުރުވެފައެވެ. އާމްދަނީގެ އިތުރުވުމާއި އެކު ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދުވެސް މިވަނީ 45.3 އިންސައްތަވަނީ އިތުރުވެ 1.6 ބިލިއަން ރުފިޔާއަށް އަރާފައެވެ.