މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް މަޝްރޫއުގެ ދަށުން 19 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ ވަނީ ނިމިފަ އެވެ.

ބޭންކް އޮފް މޯލްޑިވްސްލ. ކަލައިދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ފަށައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފިއެވެ.
އޭޓީއެމް ހިދުމަތް ތައާރަފްކުރުމަށް މިއަދު ކަލައިދޫގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ބީއެމްއެލްގެ އެމްޑީ ޝަރީފް ވިދާޅުވީ ލ. އަތޮޅުގައި މިއަދު އޭޓީއެމްގެ ހިދުމަތް ގާއިމުކުރެވުމާއެކު މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް މަޝްރޫއުގެ ދަށުން 19 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރެވިގެން ގޮސްފައިވާ ކަމަށެވެ.
"ރައްޔިތުން ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމުގައި އޭޓީއެމްތަކުން މުހިންމު ދައުރެއް އަދާކުރޭ. ބޭންކުގެ ވިއުގަ ފުޅާކުރުމަށް މަސައްކަތް ކުރަމުންދާއިރު ޑިޖިޓަލް ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްވެސް އަޅުގަނޑުމެން މިދަނީ މުހިންމު މަސައްކަތް ކުރަމުން،" ޝަރީފު ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް 200 ސެލްފްސަވިސް ބޭންކިން ސެންޓަރު 258 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.