"169 ފަރާތެއް މި ފައިސާ ލިބެން ޖެހޭކަން އަޅުގަނޑުމެންނަށް ރަސްމީ ގޮތުން މިހާރު މިނިސްޓްރީއަށް ލިޔެކިޔުމުން ލިބިފަ އެބައޮތް. އެއީ ގާތްގަނޑަކަށް 8.45 މިލިޔަން ރުފިޔާ،" ރައީސް ވިދާޅުވި އެވެ.

ރާއްޖެއަށް 2004 ވަނަ އަހަރު އެރި ސުނާމީ ކާރިސާގައި ލިބުނު ގެއްލުންތަކާއި ގުޅިގެން ލ. މުންޑޫ އަދި ކަޅައިދޫން އެ އަތޮޅު ގަމަށް ހިޖުރަކުރި މީހުންނަށް 50،000 ރުފިޔާ ބަދަލުގެ ގޮތުގައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގަމަށް ބަދަލުވި މީހުންނަށް 50،000 ރުފިޔާ ދޭން ނިންމާފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ. އޭރު ގަމު ކައުންސިލުން ވަނީ ބަދަލު ބޭނުންވާ ފަރާތްތަކުން ފައިސާއަށް އެދުމަށް ހުޅުވާލާފަ އެވެ. ނަމަވެސް ވެރިކަން ނިމިގެން ދިޔައިރު ވެސް އެ ފައިސާ ދެވިފައެއް ނުވެ އެވެ.
އެހެންވެ، ގަމަށް ހިޖުރަ ކުރި މީހުންނަށް އެ ފައިސާ ދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ގަމަށް ވަޑައިގަތުމުން އެކަމުގެ ޝަކުވާ ރައްޔިތުން ވަނީ ކޮށްފަ އެވެ.
ރޭ ލ. ގަމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުން ނިންމާފައިވާ އަދަދަށް ފައިސާ ދިނުމަށް މިހާރު ފިނޭންސް މިނިސްޓްރީން ހަމަޖައްސާފައިވާ ކަމަށެވެ. އެ ފައިސާ ލިބޭ 169 މީހުން އެބަ ތިބި ކަމަށް ވެސް ވިދާޅުވި އެވެ.
"169 ފަރާތެއް މި ފައިސާ ލިބެން ޖެހޭކަން އަޅުގަނޑުމެންނަށް ރަސްމީ ގޮތުން މިހާރު މިނިސްޓްރީއަށް ލިޔެކިޔުމުން ލިބިފަ އެބައޮތް. އެއީ ގާތްގަނޑަކަށް 8.45 މިލިޔަން ރުފިޔާ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވަރަށް އަވަހަށް ފިނޭންސް އަދި ހައުސިން މިނިސްޓްރީގެ ޓީމެއް ގަމަށް އަންނާނެ ކަމަށެވެ. އައިސް، ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަމާއި އަދިވެސް އެއްކުރަން ޖެހޭ މައުލޫމާތު އެއްކުރުމަށްފަހު އެ ފައިސާ ސީދާ އެފަރާތްތަކުގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭނެ ކަމަށެވެ.
"އެ ފައިސާ ފިނޭންސް މިނިސްޓްރީން އެވަނީ ހަމަޖައްސާފައި. ދެން ފިނޭންސް މިނިސްޓްރީއާ ހައުސިން މިނިސްޓްރީގެ ޓީމެއް މިރަށަށް ދާދި އަވަހަށް އަންނާނެ. އައިސް މި ލިބޭ ފަރާތްތަކާ ބައްދަލުކޮށް އޭގެ ތަފްސީލާ، އިތުރަށް އޮޅުންފިލުވައި، އެއިން ކޮންމެ ބޭފުޅެއްގެ ބޭންކް އެކައުންޓް ހޯދައި، ސީދާ އެކައުންޓަށް ފައިސާ ޖަމާކުރަން ނިންމާފަ އޮތީ،" ރައީސް ވިދާޅުވި އެވެ.
މީގެ ކުރިން އެ އަތޮޅު ގާދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ކަނޑައަޅައި، އެރަށު ރައްޔިތުން ގަމާއި ފޮނަދޫއަށް ބަދަލުކުރި އިރު ވެސް ރޯހައުސްއަކާއި 50،000 ރުފިޔާގެ އިނާޔަތެއް ދިނެވެ.