އިންވެސްޓު ކުރާ ފައިސާ ހަލާލް ޓޫރިޒަމަށް އިންވެސްޓު ކުރުމަކީ ރަނގަޅު ކަމަކަށް ވެދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ދާން ދައްކާ ފައިސާ، ހައްޖަށް ދިޔުމުގެ އަގު ކުޑަކުރުމަށްޓަކައި، ހަލާލް ޓޫރިޒަމްގައި އިންވެސްޓު ކުރުމުގައި ގޯހެއް ނެތް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ކ. މާފުށީގައި ގެސްޓްހައުސެއް ތަރައްގީ ކުރަން ހައްޖު ކޯޕަރޭޝަން މަސައްކަތް ފެށުމާއެކު ކުރިމަތިވެފައިވާ ފާޑުކިޔުންތަކާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ، ހައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ދައްކާ ފައިސާ އިސްލާމީ ޝަރީއާ ހުއްދަ ކުރާ މަގުން އިންވެސްޓު ކުރަންޖެހޭ ކަމަށެވެ.
އަދި އެގޮތަށް އިންވެސްޓު ކުރާ ފައިސާ ހަލާލް ޓޫރިޒަމަށް އިންވެސްޓު ކުރުމަކީ ރަނގަޅު ކަމަކަށް ވެދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"ހައްޖު ކޯޕަރޭޝަނުން ވަކި ރަށެއް ނަގައިގެން އަމިއްލައަށް ނުވަތަ ބޭރުގެ އިސްލާމީ އެހެން މުއައްސަސާއަކާ ގުޅިގެން ހަލާލް ޓޫރިޒަމަށް އިންވެސްޓްކުރުމަކީ ހައްޖުގެ އަޅުކަމުގެ އަގު ކުޑަކުރަން ރަނގަޅު ފައިދާއެއް ލިބޭނެ މަގަކަށް ވެދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި، ހަލާލް ޓޫރިޒަމަކީ އިސްލާމީ ސަގާފަތާ އެއްގޮތް މާހައުލެއްގަައި ކުރެވޭ ކަމެއް ކަމަށާއި އެއީ ވަކި އުސޫލެއްގެ ދަށުން ކުރެވޭ ކަމެކެވެ.
އެހެންކަމުން ހައްޖު ކޯޕަރޭޝަނުން އެކި ކަންކަމަށް އިންވެސްޓްކުރާއިރު، އެ ކަންކަމަށް ރިއާޔަތްކުރަން ޖެހޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"މިސްކިތުގައި ނަމާދަށް ގޮސް ހުންނައިރުގައި ކުޑަދޮރުން ބޭރު ބަލާލީމާ ބިކިނީ ފެންނަ މާހައުލަކީ ހަލާލް ޓޫރިޒަމްގެ މާހައުލެއް ނޫން،" ޝަހީމް ވިދާޅުވި އެވެ.