އެމްޑީޕީގެ ސަރުކާރުން އިސްލާމިކް މިނިސްޓްރީ "ދަރުވައިލި"ކަމަށް ޝަހީމް ވިދާޅުވުމުން ޖަލްސާ ހޫނުވެއްޖެ

"ދޮގު މައުލޫމާތު ތިޔަ ފޯރުކޮށްދެއްވަނީ އަޅުގަނޑުމެންނަށް... ލަދުގަންނަންޖެހޭނެ ސުވާލުކުރަން،" ވަރަށް ބޮޑަށް ކޯފާވެ ހުންނަވައި ޝަހީމް ރައްދު ދެއްވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަހީމް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

ކުރީގެ އެމްޑީޕީގެ ސަރުކާރުން ވަނީ އިސްލާމިކް މިނިސްޓްރީ 170 މިލިއަން ރުފިޔާ އިން "ދަރުވާލާފައި" ކަމަށާއި، ކޮންޓްރެކްޓަރުންނަށް މި ސަރުކާރުން ފައިސާ ނުދޭ ވާހަކަ ދައްކަން "ލަދުގަންނަންޖެހޭ" ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވުމުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އައްޑޫ ހިތަދޫގައި އެމްޑީޕީގެ ސަރުކާރުން އަޅަން ފެށި އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރިއަށް ނުދަނީ، ސަރުކާރުން ފައިސާ ނުދޭތީ ކަމަށް ކޮންޓްރެކްޓަރު ބުނަމުންދާތީ، އެކަން ސާފުކުރުމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ސުވާލު ކުރެއްވި އެވެ. 

ޖަވާބުގައި ޝަހީމް ވިދާޅުވީ، ނާޒިލް ހިއްސާކުރެއްވި މައުލޫމާތަކީ ހަގީގަތާ ހިލާފު މައުލޫމާތެއް ކަމަށާއި އެ މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުނީގެ ހުރިހާ ބިލަކަށް މި ސަރުކާރުން ފައިސާ ދައްކާފައިވާ ކަމަށެވެ. 

އެއާ އެކު، ކޯފާ އިސްކުރައްވައި، މިނިސްޓަރު ވިދާޅުވި ގޮތުގައި، މަސައްކަތްތައް ލަސްވަމުންދަނީ އެމްޑީޕީގެ ސަރުކާރުން ކެޕޭސިޓީ ނެތް ކުންފުނިތަކާ މަޝްރޫއުތައް ހަވާލުކުރުމުންނެވެ. 

އެ ޖަވާބާ މެދު ހިތްހަމަނުޖެހިވަޑައިގެން، ނާޒިލް އާދުގަދަކުރައްވަން ފެއްޓެވެމުން އެކަމަށް ވެސް ޝަހީމް ވަނީ ރައްދު ދެއްވައިފަ އެވެ.

"ސުވާލު ކުރައްވާފަ ޖަވާބު އަޑުއެއްސެވުމުގެ ގާބިލުކަން މެމްބަރުގެ ކިބައިގައި ހުންނަންޖެހޭނެ،" ޝަހީމް ތަކުރާރުކޮށް ވިދާޅުވި އެވެ. 

ޝަހީމް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން ކޮންޓްރެކްޓަރުން ލައްވާ މަސައްކަތް ކުރުވާފައި އޮތީ ފައިސާ ނުދީ ކަމަށާއި، މި ސަރުކާރުން ކުންފުނިތަކަށް ދައްކަންޖެހޭ 170 މިލިއަން ރުފިޔާ ދައްކަންޖެހުނު ކަމަށެވެ. 

"ދޮގު މައުލޫމާތު ތިޔަ ފޯރުކޮށްދެއްވަނީ އަޅުގަނޑުމެންނަށް... ލަދުގަންނަންޖެހޭނެ ސުވާލުކުރަން،" ވަރަށް ބޮޑަށް ކޯފާވެ ހުންނަވައި ޝަހީމް ރައްދު ދެއްވި އެވެ.

އެއާ އެކު، އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވަނީ، މިނިސްޓަރު ހުންނެވި ތަނުގެ ކައިރިއަށް ވަޑައިގެން އަޑުގަދަ ކުރައްވަން ފެއްޓެވުމުން، ރިޔާސަތުން ވަނީ ސެކިޔުރިޓީއަށް ވެސް އަންގަވައިފަ އެވެ.

އޭގެފަހުން ވެސް އެމްޑީޕީ މެމްބަރުން ކޮޅަސް ތެދުވެވަޑައިގެން އަޑުގަދަކުރައްވަމުން ގެންދެވި އެވެ. އޭގެ ތެރެއިން ރިޔާސަތުގެ ކައިރީގައި ހުންނަވައިގެން އަޑުގަދަކުރައްވަމުން ގެންދެވި، ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރުގެ ނަން އިއްވައި، ވަނީ ތަޅުމުން ނެރެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.