"ރާއްޖޭގައި ކޮންމެވެސް ސަބަބަކާހުރެ ޒަމާންތަކެއް ވަންދެން އައިސްފަ އޮތް އާދައެއް ރާއްޖޭގެ ބައެއް އަތޮޅުތަކުގަ، ބައެއް ސަރަހައްދުތަކުގަ ތަފާތުކުރުން އެއްރަށާ އަނެއްރަށާ. އެއީ އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ބައެއް ރަށްރަށާމެދު ޒަމާނުއްސުރެ ތަފާތު ކުރުންތައް ގެންގުޅެފައިވާ ކަމަށާއި، މި ސަރުކާރުން ރަށްރަށަށް ތަރައްގީ ގެންނަނީ އެކަން ނައްތާލައި، އަދުލުވެރިކަމާއެކުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރޭ ލ. ގަމު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ޒަމާންތަކެއް ވަންދެން ރާއްޖޭގެ ބައެއް ސަރަހައްދުތަކުގެ މެދުގައި ތަފާތު ކުރުންތައް ގެންގުޅެފައިވާ ކަމަށެވެ.
ގަމަކީ ވެސް އެފަދަ ރަށެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެރަށްރަށަށް އެކަށީގެންވާ ތަރައްގީ އަންނަމުން ނުދާ ކަމަށާއި އެމަނިކުފާނުގެ ޒިންމާއަކީ އަދުލުވެރިކަމާއެކު ތަރައްގީ ގެނެސްދިނުން ކަމަށެވެ. އެއީ ވަރަށް ބޮޑު ބޭއިންސާފެއްކަން ރައީސް ފާހަގަކުރެއްވި އެވެ.
"ރާއްޖޭގައި ކޮންމެވެސް ސަބަބަކާހުރެ ޒަމާންތަކެއް ވަންދެން އައިސްފަ އޮތް އާދައެއް ރާއްޖޭގެ ބައެއް އަތޮޅުތަކުގަ، ބައެއް ސަރަހައްދުތަކުގަ ތަފާތުކުރުން އެއްރަށާ އަނެއްރަށާ. އެއީ އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ރައްޔިތުންނަށް ވައުދުވަމުން އައީ ރާއްޖޭގައި އަދުލުވެރިކަމާއި ހަމަޖެހުން ގާއިމް ކުރުމަށް ކަމަށެވެ. އަދުލުވެރި ނުވެ ގައުމުގައި އޮތް ތަފާތުކުރުން ނައްތާނުލެވޭނެ ކަން ވެސް ފާހަގަކުރެއްވި އެވެ.
"އެހެންވީމާ މިރަށުގެ ރައްޔިތުންނަށް ބޭނުންވާ، ލިބެން ޖެހޭ ތަރައްގީ އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯދައިދިނުމަކީ އަޅުގަނޑުގެ ޒިންމާއެއް. އެކަން އިރާދަކުރެއްވިއްޔާ ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގަމަށް ވެފައިވާ ގިނަ ވައުދުތައް ފުއްދުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން ރޭގެ ޖަލްސާގައި ގަމުގައި އިތުރުން 100 ހައުސިން ޔުނިޓް އަޅަން އެޗްޑީސީއާ ހަވާލުކޮށްފައިވެ އެވެ. މިހާރު އަޅަމުންދާ 100 ޔުނިޓް އަދި ކުރިއަށް ހުޅުވާލާ 100 ޔުނިޓާއެކު ޖުމްލަ 300 ހައުސިން ޔުނިޓް އެރަށުގައި އެޅިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި ރޭ ވަނީ ގަމު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމާއި އިތުރު ބަނދަރެއް ހެދުމުގެ އިތުރުން އެ ރަށުގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރަން އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ.
ލާމުގައި ޓޫރިޒަމް ފުޅާ ކުރުމަށް ވެވަޑައިގެންފައިވާ ވައުދުގެ ތެރެއިން ރޭ ވަނީ އެ އަތޮޅު ގަސްގަނޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރަން ހަވާލުކޮށްފަ އެވެ. އަދި އެކި މަރުހަލާތަކުގައި އިތުރު ރަށްތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ދާދި އަވަހަށް އިތުރު ރަށްރަށުގައި ރިސޯޓު ތަރައްގީ ކުރަން ހުޅުވައިލާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ސަބަބުން ގަމާއި މުޅި އަތޮޅަށް ފައިދާވެގެން ދާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.