ޖުމްލަ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އާ މީޑިއާ ކޮމިޝަނުގައި، ދެން ތިއްބަވަނީ މީޑިއާތައް ތަމްސީލުކުރާ ހަތަރު މެމްބަރުންނެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މެމްބަރުކަމުގެ މަގާމަށް ތިން ބޭފުޅަކު އައްޔަންކުރަން މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
މީޑިއާ ކޮމިޝަނަށް މަޖިލީހުން އައްޔަންކުރާ ތިން މެމްބަރުންގެ މަގާމަށް މަޖިލީހުގެ އިދާރާއިން ހުޅުވައިލުމުން، 10 ބޭފުޅަކު ކުރިމަތިލެއްވި އެވެ.
ނަމަވެސް، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެ ބޭފުޅުންނާ އިންޓަވިއުކުރަން ތައްޔާރުވެފައިވަނިކޮށް، އޭގެ ތެރެއިން ދެ ބޭފުޅަކު ވަނީ ނަން އަނބުރާ ގެންދަވާފަ އެވެ.
ބާކީ ތިބި އަށް ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު، މަޖިލީހުން ރުހުން ދޭން ފެންނަ ކަމަށް ކޮމިޓީން ނިންމީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ކުރީގެ މެމްބަރު އަދި މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފަރުޝަތާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސޮފާ ޝަފީގާއި އެ ކޮމިޝަންގެ ކުރީގެ މެމްބަރު އައިމިނަތު ސަރާހަތު އިއްޒަތެވެ.
ކޮމިޓީން ލަފާ ދިން ގޮތަށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެ ތިން ބޭފުޅުންނަށް ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ ތެރެއިން 54 މެންބަރުން އަޣުލަބިއްޔަތުންނެވެ. ރުހުންދޭން ނުފެންނަ ކަމަށް އެމްޑީޕީގެ ނުވަ މެންބަރަކު ވޯޓު ދެއްވި އެވެ.
ޖުމްލަ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އާ މީޑިއާ ކޮމިޝަނުގައި، ދެން ތިއްބަވަނީ މީޑިއާތައް ތަމްސީލުކުރާ ހަތަރު މެމްބަރުންނެވެ.
މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުންގެ މަގާމަށް ދާދިފަހުން ވަނީ މެމްބަރުން އިންތިހާބުކޮށްފަ އެވެ.
އާ ކޮމިޝަން އުފައްދަންޖެހޭ ގާނޫނު މަޖިލީހުން ފާސްކޮށް ތަސްދީގުކުރީ އެކަމާ ދެކޮޅަށް ނޫސްވެރިން އަޑުއުފުލަމުން ދަނިކޮށެވެ.