"ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީއަކީ ގައުމު ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކުރުން"

"އަޅުގަނޑު ރައީސަށް އަރުވަން ބޭނުންވާ ޔަގީން ކަމަކީ، އިރާދަކުރެއްވިއްޔާ ފޮނަދޫގެ ރައްޔިތުން މިތިބީ މަނިކުފާނާ އެކީގައި ކުރިއަށް ދާން ތައްޔާރަށޭ،"

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ފޮނަދޫގައި ވާހަކަ ދައްކަވަނީ --

މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީ އަކީ ވާރުތަވެފައި ހުރި ދަރަނި ދައްކަމުން، ގައުމު ބަނގުރޫޓުވިޔަ ނުދީ ސަލާމަތް ކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމްގެ ދާއިރާ، ފޮނަދޫއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ސަރުކާރުގެ ވާދަވެރިން ތިބީ ގައުމު ބަނގުރޫޓުވެދާނެ ކަމަށް "އަތްޖަހަން" ތައްޔާރަށް ކަމަށެވެ. ނަމަވެސް ރައީސް ހިކުމަތްތެރިކަމާއި ވިސްނުންތެރިކަމާއެކު މަޑުމަޑުން އެ ހާލަތުން އަރައިގަނެ، ތަރައްގީގެ މަޝްރޫއުތައް މެކުހަށް ޖަހާފައިވާ ކަމަށެވެ.

"ހަމަގައިމުވެސް ދެއަހަރެއްހާ ދުވަސްތެރޭގައި މިހާ ގިނަ ތަރައްގީގެ މަޝްރޫއު ފެށި ސަރުކާރެއް މިހާތަނަކަށް ދިވެހި ތާރީހު ދެކިފައެއް ނެތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ދާއިރާގެ ރައްޔިތުން އަބަދުވެސް ތިބޭނީ ސަރުކާރާ އެކުގައި ކަމަށެވެ. އެ ދާއިރާގެ ރައްޔިތުންނަކީ ވާނުވާ ބަލައިގެން ކުރިއަށްދާ ބައެއް ކަމަށާއި، މީހުން ބުނާ ބުނުމަށް ލެނބޭނެ ބައެއް ނޫން ކަމަށެވެ. އެކަން ވޭތުވެދިޔަ 15 ވަރަކަށް އަހަރުތެރޭ ފެންނަމުންދާ ކަމަށާއި، ފޮނަދޫ ރައްޔިތުން ކުރިއަށްދާނީ ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ކަމަށެވެ.

"އަޅުގަނޑު ރައީސަށް އަރުވަން ބޭނުންވާ ޔަގީން ކަމަކީ، އިރާދަކުރެއްވިއްޔާ ފޮނަދޫގެ ރައްޔިތުން މިތިބީ މަނިކުފާނާ އެކީގައި ކުރިއަށް ދާން ތައްޔާރަށޭ،"

މިއަދާ ހަމައަށް ސަރުކާރުން ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައިވާކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ މިއީ ފޮނަދޫގެ ތަރައްގީގައި އާ ސަފުހާއެއް ލިޔެވިގެން ދިޔަ ރެއެއް ކަމަށެވެ. އެގޮތުން ވެރިކަން ކުރާ ރަށެއްގެ ހައިސިއްޔަތުން ބޭނުންވާ އެތައް ވަސީލަތްތައް އަދިވެސް އެބަހުރި ކަމަށާއި، ރޭގައި ސޮއިކުރި އަށް މަޝްރޫއުއާއެކު އެރަށުގެ ތަރައްގީއަށް ހުއްޓުމެއް ނާންނާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ މަޝްރޫއުތައް ލަސްވުމަކުން ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށާއި، ސަބަބަކީ ރައީސް ވެރިކަމަށް ވަޑައިގެންނެވިއިރު ގައުމު އޮތް ހާލަތު އެނގޭތީ ކަމަށެވެ. އަދި ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް އަބްދުއްރަހީމް ވަނީ "އައްސަރިބަހާއި ސާބަސް" ދެއްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.