ބިލްތަކަށް ފައިސާ ނުލިބުން | ފައިސާ ޗާޕު ކުރުމަށްވުރެ ގެއްލުން ކުޑަތަ؟

އަމިއްލަ ކުންފުނިތަކަށް ސަރުކާރު ދަރާފައި އޮތުމުން އިގްތިސޯދު އޮތީ ފާޑެއްގެ ތަޅެއް އެޅުވިފަ އެވެ. މި ތަޅު ނެއްޓޭނެ އެއްގޮތަކީ މި ބިލްތައް ދެއްކުމެވެ. އެކަން ކުރަން މިވަގުތު ލާޒިމެވެ.

ފެނަކައިން އަމިއްލަ މީހުންނަށް ފައިސާ ނުދޭ މައްސަލާގައި ކުރިން ކުރި މުޒާހަރާއެއް

ރާއްޖޭގެ މަޝްހޫރޫ އައިޓީ ކުންފުންޏެކެވެ. އެ ކުންފުނިން ކުއްޔަށް ހިފައިގެން އުޅޭ ތަންތަން ފަހަތުން ދުވާކަށް ނުޖެހެ އެވެ. ދައުލަތަށް ދައްކަން ޖެހޭ ޓެކުހެއް ނުދައްކައިގެން ދުވަހަކުވެސް މީރާއިން ފަހާ ދުވާކަށް ނުޖެހެ އެވެ. ބޭންކަކުން ނަގާފައިވާ ފެސިލިޓީއަކަށް ފައިސާ ނުދައިގެން ބޭންކުން ދުވަހަކުވެސް ނުގުޅަ އެވެ. ބޭރުން މުދާ ގެންނަ ސަޕްލަޔަރު ފައިސާ ލަސް ވެގެން ދުވަހަކު ވެސް ބޭރުން ކޯލެއް ނާދެ އެވެ. ނަމަވެސް މިއަދު އެ ހުރިހާކަމެއް އެކޮޅުކޮޅުން ޖެހިއްޖެ އެވެ. އެންމެން ގުޅަނީ ފައިސާ ހޯދާށެވެ. މިކަމުގައި ދުވަހަކު ވެސް މީގެ ކުރިން މައްސަލައެއް ދިމާނުވާ މި ކުންފުނި މިހާރު އެއޮތީ އެ ކުންފުނީގެ ވެރިންގެ ބަހުންނަމަ ގާތްގަނޑަކަށް ބަނގުރޫޓުވެފަ އެވެ. ސަބަބަކީ ރައްޔިތުންނަށް ހިދުމަތް ކުރަން ދައުލަތުން އެ ކުންފުނިން ސަޕްލައިކުރި ތަކެއްޗަށް ފައިސާ ނުލިބުމެވެ. ފައިސާ ނުލިބޭ ބިލްތައް ތިން އަހަރަށް ދެމިގެންދެ އެވެ. މި ފައިސާ ދޭ ވާހަކަ ސަރުކާރުން ފެޑިއިރު ހާލަތު އޮތީ ގޯސްކޮށެވެ. މިހާރުގެ ހަގީގަތަކީ ފައިސާ ޗާޕުކޮށްގެން އިގްތިސޯދަށް ލިބޭ ގެއްލުމަށްވުރެ މި ހާލަތަށް ބޭއްވުމުން ލިބޭ ގެއްލުން މާބޮޑުވުމެވެ. 

"ކޮންމެ ދުވަހެއްގެ ބުދަ އަދި ބުރާސްފަތި ދުވަހު މި އިންނަނީ ކޮމްޕިއުޓަރުގެ ސްކްރީން ރީފްރެޝް ކޮށްލަ ކޮށްލާ. ފޯނަށް ބަލަހައްޓާއިގެން. އެއީ ފިނޭންސުން ޕޭމަންޓެއް ލިބޭ ތޯ ބަލަން. ލިބޭނެ ކަމުގެ އުންމީދުގަ. މިކަމުގައި ވަރުބަލި ވެއްޖެ،"  ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ކުންފުންޏެއްގެ ވެރިއަކު މިހާރުގެ ހާލަތު ކުރުކޮށް ކިޔައިދިނެވެ. 

މިއީ އެންމެ ކުންފުންނެއްގެ ވާހަކަ އެވެ ؛ މީގެ އެތައް ބަޔަކު ތިބީ މި ހާލުގަ އެވެ. 

"މިރާ" އަށް ވާހަކަ ދެއްކި ކުންފުނިތަކުން ބުނި ގޮތުގައި ސަރުކާރުން އެއްވެސް ވަރަކަށް ފައިސާ ނުދީ ތާށިކޮށްލުމުގެ ސަބަބުން އެމީހުން ވަނީ ދަރާވިކިފަ އެވެ. ސަރުކާރުން ތަކެތި ގަތުމާއި ހިދުމަތް ދީފައި ހުރި ބިލްތައް ބިލިއަނުން މައްޗެވެ. 

މި ބިލްތަކުގެ ތެރޭން ބޮޑު ޕަސެންޓެއް އޮތީ ގޮތެއް ގޮތެއް ނެތި ހިންގާ ފެނަކަ ކުންފުނީގެ އެކައުންޓްތަކުގަ އެވެ. އެ ކުންފުނިން އެކި ހިދުމަތް ދީފަ އާއްމުންނަށް ދޭން ޖެހޭ ފައިސާގެ ނަމްބަރުތަކީ މަޝްހޫރު ވާހަކަ އެކެވެ. ފެނަކަ އޮޑިޓު ރިޕޯޓުގައި އެ ވާހަކަތައް ތަފުސީލުކޮށް އޮތްއިރު މިއަދު ކޮންމެހެން އެ ވާހަކަ ދެއްކުމުގެ މާނައެއް ނެތެވެ. ލ. އިސްދޫ އިން ހަ ރުފިޔާ އަށް އަޅާ އެޅިގާ ޖެހިގެން އޮންނަ ގަމަށް ގެންގޮސް ފެނަކަ ކުންފުންޏަށް 22ރ. އަށް ވިއްކާލުން ފަދަ މުއާމަލާތް ތަކުން ހެދި ބިލްތައް އިންތިހާ އަށް ދިގެވެ. މިފަދަ އެތައް ކަމަކާއެކު ސަރުކާރުގެ ޕެންޑިން ބިލްތައް ކޮޅުންލައިގެން ގޮސް މީގެ "ބޭޑް އިފެކްޓް" އިގްތިސޯދުގެ ތެރެއަށް ދިޔަ މައިގަނޑު ބޮޑު ސަބަބަކީ ފެނަކަ ކުންފުންޏެވެ. 

ސަރުކާރުން އަމިއްލަ މީހުންނަށް ފައިސާ ނުދީ ބިލްތައް ފިނޭންސުގައި ބާއްވައިގެން ތިބުމުގެ ނަތީޖާއަކަށްވީ މީގެ ނުރަނގަޅު ގެއްލުން އިންތިހާ އަށް ބޮޑުވުމެވެ. މި ގެއްލުން ގެތިފައިވާ ޗޭނު ބޮޅެއްހެން ވަނީ ފެތުރިގެން ގޮސްފަ އެވެ. ހާއްސަކޮށް ކޮންސްޓްރަކްޝަން ސިނާއަތް ފަދަ ދާއިރާ ތަކަށް ފައިސާ ނުދީ އޮތުމުގެ ނަތީޖާއަކީ އެކަން ފޫދިގެން ގޮސް ގިނަ އާއިލާތަކެއްގެ ޖީބާހަމަ އަށް ފޯރާފައިވުމެވެ. 

އިގްތިސޯދީ މާހިރުންގެ ނަޒަރުގައި މި ފައިސާ ނުދީ ބޭއްވުމުން ލިބޭ ގެއްލުން އެހެން ހުރިހާ ކަމަކަށްވުރެ ބޮޑެވެ. 

"ހަގީގަތުގަ އިގްތިސޯދެއްގެ ދިރުމަކީ ކުދިމެދު ފަންތީގެ ވިޔަފާރި. އެތަކެތި ދިރި ނެތްނަމަ އިގްތިސޯދު ހިންގުމުގެ މާނައެއް ނެތް. ޔަގީނުން ވެސް އެ ފައިސާ ދެވޭނެ ގޮތެއް ދައުލަތަށް ހޯދެން ޖެހޭ. އެއީ ފައިސާ ޗާޕުކޮށްގެން ކަމަށް ވިޔަސް،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ. 

ސަރުކާރުން ވަނީ އާއްމުންގެ މި ހުރިހާ ބިލްތަކެއް ދައްކާ ހަލާސްކުރަން ނިންމާފަ އެވެ. އެކަން އިއުލާނު ކުރައްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދެ ތިން ހަފުތާތެރޭ ދައްކާ ހަލާސް ކުރާނެ އެވެ. 

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިންޑިއާ ސަފީރާއެކު ބޭއްވި ބައްދަލު ކުރެއްވުން -- ފިނޭންސް

މިހާރު ވަނީ މި ފައިސާ ދޭނެ ގޮތް ފެންމައްޗަށް ތިލަވެފަ އެވެ. މި ފައިސާ ދޭން ނިންމާފައިވަނީ ޕެންޝަން އޮފީހަށް އެމްއެމްއޭ އިން 2.5 ބިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަައިގެންނެވެ. މިކަމާމެދު އިނދިކޮޅު އެމްޑީޕީން ނުރުން ފާޅުކުރެ އެވެ. ނަމަވެސް މި ބިލްތައް ދިގުވުމުގައި އެމްޑީޕީ ސަރުކާރުގެ އަތް ވެސް ކުޑައެއް ނޫނެވެ. 

މިކަމާ މެދު ސަރުކާރުގެ ބަސް - ސަރުކާރުން އަމާޒު ހިފާފައިވަނީ ކުރީ ސަރުކާރުތަކުން ވާރުތަވެފައިވާ އެތައް ބިލިއަން ރުފިޔާގެ ބިލްތައް ދައްކަން ޖެހެ އެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމާ ޙަވާލުވިއިރު، އެތައް ބިލިއަން ރުފިޔާއެއް އަމިއްލަ ކޮންޓްރެކްޓަރުންނާއި ކުންފުނިތަކަށް ނުދައްކާ ހުރި ބިލުތަކުގެ ގޮތުގައި ހުއްޓެވެ. މި ދަރަނިތަކަކީ ފާއިތުވި ސަރުކާރުތަކުން މި ސަރުކާރަށް ވާރުތަވި ބިލްތަކެވެ. ވަކިން ހާއްސަކޮށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފާއިތުވި ސަރުކާރުގެ ދައުރުގައި ޖަމާވެފައިވާ ދަރަނިތައް އިންތިހާ އަށް ބޮޑެވެ. މިކަމުގެ ސަބަބުން ޤައުމުގެ މާލީ ޙާލަތަށް ބޮޑު ބުރައެއް އުފުލަން ޖެހި އަދި މުހިންމު ޚިދުމަތްތަކާއި އުމްރާނީ ތަރައްގީގެ މަޝްރޫޢުތައް ހިންގި އެތައް ސަތޭކަ އަމިއްލަ ވިޔަފާރިތަކަށް ފައިސާ ދެއްކުން ލަސްވެފައިވެ އެވެ. މީގެ ސަބަބުން ވިޔަފާރިތައް ބަނގުރޫޓުވެ އިގްތިސޯދަށް ނޭދެވޭ އަސަރުކޮށްފައިވެ އެވެ.

ސަރުކާރުން މި ދަރަނިތައް ދައްކާ ހަލާސްކުރުމަށާއި ދައުލަތުގެ މާލީ އިތުބާރު އަލުން އުފެއްދުމަށް ޒިންމާދާރު ފިޔަވަޅުތަކެއް ސަރުކާރުން ދަނީ އަޅަމުންނެވެ. އަދި މީގެ ސަބަބުން މިސަރުކާރަށް ކުރީގެ ސަރުކާރުތަކުން ވާރުތަވެފައިވާ ގިނަ ދުވަސްވެފައިވާ ފައިސާ ދެއްކުން ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހޯދުމަށް މަގު ފަހިވެގެންދާނެ އެވެ.


ފިނޭންސުގެ ފަންނީ އޮފިޝަލުން ކަށަވަރުކޮށް ދިން ގޮތުގައި މި މަސައްކަތުން ލިބޭ ފައިސާގެ ބޮޑު ބައެއް ސީދާ ބޭނުންކުރެވޭނީ ކުރީގެ އެމްޑީޕީ ސަރުކާރުގެ ދައުރުގައި އެއްވެސް އުސޫލެއް ނެތް ގޮތަކަށް ފެށުނު މަޝްރޫއުތަކާ ގުޅިގެން ނުދެއްކި ހުރި ކޮންޓްރެކްޓަރުންގެ ބިލުތައް ދެއްކުމަށެވެ.

"މީގެ ތެރޭގައި އެކަށީގެންނުވާ ގޮތަށް ބަޖެޓު ރޭވުމާއި ފައިސާ ދޫކުރުން ލަސްވުމުގެ ސަބަބުން ނުދެއްކި ހުރި ނިމިފައިވާ މަސައްކަތްތަކުގެ ފައިސާވެސް ހިމެނެ އެވެ. މި ދަރަނިތައް އަދާކުރުމުގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް ބޭނުންވެފައިވާ ލިކުއިޑިޓީ ލިބި، ވިޔަފާރިތައް ކުރިއަރައި ވަޒީފާތައް ރައްކާތެރިވެ، އަދި އިޤްތިސާދުގެ މައްޗަށް އޮންނަ އިތުބާރު އިތުރުވެގެންދާނެ އެވެ،" ފިނޭންސުން ބުނެފައިވެ އެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، ފޮޓޯ: ދެން

ސުވާލަކީ މިއީ ފައިސާ ޗާޕު ކުރުން ހެއްޔެވެ ؟ މަރުކަޒީ ބޭންކަކުން ސެކަންޑަރީ މާކެޓުގައި ބޮންޑު ވިއްކާ ނުވަތަ ދޫކުރާއިރު، އެއީ ސީދާ ގޮތެއްގައި ފައިސާ ޗާޕުކުރުމެއް ނޫނެވެ. ނަމަވެސް އެކަމުގެ ސަބަނުން މާލީ ނިޒާމުގައި ފާއިސާ ލިކިއުޑިޓީ އިތުރުވާނެ އެވެ.

އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވީ މަނިޓަރީ ސްޓެބިލިޓީ އިތުރަށް ރައްކާތެރިކުރުމަށްޓަކައި އެމްއެމްއޭ އިން ކޮމާޝަލް ބޭންކުތަކާއި ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށްވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި އޯޕަން މާކެޓް އޮޕަރޭޝަން މިހާރަށްވުރެ ވެސް ފުޅާކޮށް ހިންގުމާއި އެމްއާރުއާރު ފަދަ ލިކިއުޑިޓީ ރުފިޔާގެ ސަޕްލައި މަދުކޮށް، ޑޮލަރު ރޭޓުގެ ޕްރެޝަރު ކުޑަ ކުރުމުގެ ޕޮލިސީތައް މަރުކަޒީ ބޭންކުން ތަންފީޒުކުރަމުންދާނެ އެވެ.

އިގްތިސޯދީ މާހިރުން ގަބޫލުކުރާގޮތުގައި އިޤްތިސާދީ ހާލަތަށް ރިއާޔަތްކޮށް ދިވެހި ވިޔަފާރިތަކަށް ހިންދެމިލާން ގޮތް ހޯދައި ދިނުމަކީ ސަރުކާރާއި މަރުކަޒީ ބޭންކުން ވެސް އިސްކަމެއް ދީގެން ކުރަންޖެހޭކަމެކެވެ. އެހެންކަމުން ސަރުކާރުން މިހާރު އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ފަހަތުގައި އޮތީ ދެ އާމާޒެއް ހާސިލުކުރުމުގެ ނިޔަތެވެ. އެއީ، ދިވެހި ވިޔަފާރިތަކަށް ދެއްކުމަށް ވާރުތަވެފައިވާ ފައިސާ ދެއްކުމާއި، އަހަރުތަކެއް ވަންދެން ދޯދިޔާކޮށް މެނޭޖުކޮށްގައިވާ ދައުލަތުގެ މާލިއްޔަތަށް ސްޓެބިލިޓީ ގެނައުމެވެ.

އެންމެން ފައިސާ ޗާޕު ކުރަނީއޭ ބޮންޑެކޭ ކިޔާއިރު، މި ފައިސާ ނުދެއްކީމަ ލިބުނު ގެއްލުމުގެ ވާހަކައެއް ނުދައްކަ އެވެ. މި ބިލްތައް ނުދެއްކުމުގެ ސަަބަބުން އިގްތިސޯދުގެ މައި ސޯބުގެ ހިނގުން ވަނީ މަޑުވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.