ކައްދޫ އެއާޕޯޓް ތަރައްގީ ކުރުމަށް ޖުމްލަ 114 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އޭގެ އިތުރުން ފޮނަދޫ އިން 30 ހެކްޓަރުގެ ބިން ހިއްކުމަށް ވެސް މިރޭ ވަނީ އެގްރިމެންޓްގައި ސޮއިކޮށްފަ އެވެ.

ލ. ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރުމަށް މިރޭ އެމްއޭސީއެލްއާ ހަވާލުކުރި މަޝްރޫއު ތިން އަހަރު ދުވަހުން ނިންމާލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ލާމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިރޭ ފޮނަދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އަށް މަޝްރޫއެއްގެ އެގްރިމެންޓްގައި ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ކައްދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ހިމެނެ އެވެ.
ރައީސް ވިދާޅުވީ ކައްދޫ އެއާޕޯޓް ތަރައްގީ ކުރާއިރު 2800 މީޓަރުގެ ރަންވޭއެއް ގާއިމް ކުރާނެ ކަމަށެވެ. އެތަން ތަރައްގީ ކުރާނީ މިހާރު ހުރި ތަނުން އެމްއެންޑީއެފްގެ މަރުކަޒު ބަންދަލުކުރަން ނުޖެހޭ ގޮތަށް ކަމަށެވެ.
ކައްދޫ އެއާޕޯޓް ތަރައްގީ ކުރުމަށް ޖުމްލަ 114 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އޭގެ އިތުރުން ފޮނަދޫ އިން 30 ހެކްޓަރުގެ ބިން ހިއްކުމަށް ވެސް މިރޭ ވަނީ އެގްރިމެންޓްގައި ސޮއިކޮށްފަ އެވެ.
ރައީސް ވިދާޅުވީ މި މަޝްރޫއުގެ ބިން ހިއްކުމުގެ މަޝްރޫއު މާދަމާ ފަށާނެ ކަމަށެވެ. ބަންޑްވޯލް ޖެހުން ނުވަތަ ބިން ހިއްކާ ސަރަހައްދު ކަނޑައަޅައި ފަސް މަސް ދުވަހުން ނިންމާލެވޭނެ ކަމަށާއި އެއަށްފަހު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދެ މަޝްރޫއުގެ ބިން ހިއްކުން އަހަރު ދުވަހުން ނިންމައި، އެއަށްފަހު އެއާޕޯޓު ތަރައްގީ ކުރުމަށް ދެން ހުރި މަސައްކަތްތައް ފަށައިގެން ބާރު ސްޕީޑުގައި ކުރިއަށް ގެންދާނެ ކަމަށެވެ.
"އަމާޒަކީ ކުރިއަށް އޮތް ތިން އަހަރުން އެއާޕޯޓުގެ މަސައްކަތް ނިންމާލުން. އަޅުގަނޑު އުންމީދު ކުރަނީ އެއަށްވުރެ ވެސް އަވަހަށް މަސައްކަތް ނިމުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިއީ މުޅި އަތޮޅުގެ ކުރިއެރުމަށް ކުރެވޭ ވަރަށް މުހިންމު އިންވެސްޓްމެންޓެއް ކަމަށެވެ.