ލާމުގެ ދެވަނަ އެއާޕޯޓް އަޅާނީ އެކަމަށް އެންމެ ބޭނުން ޖެހިފައި އޮތް ރަށުގައި: ރައީސް

"ޖިއޮގްރަފީކޮށް ބަލާއިރު ވެސް އެއާޕޯޓެއް އޮންނަން ޖެހޭނެ ރަށެއްގަ އެއާޕޯޓް އަޅަން ޖެހޭނީ. އެހެންވީމަ އަޅުގަނޑު އެގޮތަށް މި ވިސްނަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ކެބިނެޓްގެ ބައެއް ވަޒީރުން މިއަދު މާވަށުގައި މަޝްރޫއެއް އިފްތިތާހުކޮށްދެއްވަނީ --

ލ. އަތޮޅުގެ ދެވަނަ އެއާޕޯޓް އަޅާނީ ދުރު ރާސްތާއަށް ވިސްނައި، އެކަމަށް އެންމެ ބޭނުން ޖެހިފައި އޮތް ހިސާބެއްގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ދެންނެވީ އެ އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މާވަށަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުން، މާވަށުގައި އެއާޕޯޓެއް އަޅަން އެރަށު ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައި ތިބިކަން ހާމަވެގެން ދިޔަ އެވެ.

ނަމަވެސް ރައީސް ވިދާޅުވީ އެ އަތޮޅުގެ ދެވަނަ އެއާޕޯޓް އަޅަން ޖެހޭނީ ދުރު ރާސްތާއަށް ވިސްނާއިރު، އިގްތިސޯދީ ގޮތުން ވެސް ދެމެހެއްޓެނިވި ތަރައްގީ ހާސިލްވާނެ ގޮތަކަށް ކަމަށެވެ. އެގޮތުން، ޓޫރިޒަމް ކުރިއެރުމަށް ބަލާއިރު ވެސް އެއާޕޯޓް އޮންނަން ޖެހޭނީ އެންމެ ގިނަ ރިސޯޓު ތަރައްގީ ކުރެވެން އޮތް ހިސާބެއްގައި ކަމަށް ރައީސް ވިދާޅުވި އެވެ.

"ޖިއޮގްރަފީކޮށް ބަލާއިރު ވެސް އެއާޕޯޓެއް އޮންނަން ޖެހޭނެ ރަށެއްގަ އެއާޕޯޓް އަޅަން ޖެހޭނީ. އެހެންވީމަ އަޅުގަނޑު އެގޮތަށް މި ވިސްނަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މާވަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ --

ރައީސް ވިދާޅުވީ މާވަށުގައި އެއާޕޯޓް އަޅަން ރައްޔިތުން ބޭނުންވުމަކީ ރަގަޅު ވިސްނުމެއް ކަމަށާއި އަދި އެކަމަށް އެމަނިކުފާނު އިހުތިރާމު ވެސް ކުރައްވާ ކަމަށެވެ. ނަމަވެސް އެއާޕޯޓް އަޅާނެ ތަނެއް ނިންމާނީ ވަށައިޖެހޭ ހުރިހާ ކަމަކަށް ވިސްނެވުމަށް ފަހުގައި ކަމަށް ވިދާޅުވި އެވެ.

"ޓޫރިޒަމް ކުރިއެރުވުމާ، ދަތުރުފަތުރު ކުރުމާ، މިހުރިހާ ކަމަކަށް ބަލާއިރު ވެސް އެ ނީޑް އޮތް، އެ ޕޮޓެންޝަލް އޮތް، އެ އުންމީދު ނޫނީ މުސްތަގުބަލު އޮތް ހިސާބެއްގަ [އެއާޕޯޓް އަޅާނީ]. އެހެންވީމަ އެގޮތަށް އަޅުގަނޑު ނިންމާނަން އިރާދަކުރެއްވިއްޔާ މާލަސްތަކެއް ނުވެ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ މާވަށުގެ މަގު ހެދުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމާއި އަދި ކުނިމެނޭޖް ކުރުމުގެ މަރުކަޒާއި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާފަ އެވެ. އަދި އެ ރަށުގެ ބިން ހިއްކުމާއި ސްކޫލް ތަރައްގީ ކުރުމަށް ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެރަށުގައި ޖުމްލަ 11 މަޝްރޫއެއްގައި ވަނީ ސޮއިކޮށް، އަމަލީ މަސައްކަތް ފަށާފަ އެވެ.

ލ. އަތޮޅުގައި މިހާރު އޮތީ ކައްދޫ އެއާޕޯޓް އެކަންޏެވެ. އެ އަތޮޅަކީ ޓޫރިޒަމްގެ ގޮތުން ވެސް ކުރިއަރަމުން އަންނަ އަތޮޅަކަށްވާތީ އިތުރު އެއާޕޯޓެއް އޮތުން މުހިންމު ކަމަށް ރައީސް ގަބޫލުކުރައްވަ އެވެ. އަދި އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.