މި މެޗު އޮންނާނީ ރާއްޖޭގެ ގަޑިން އާދީއްތަ ދުވަހުގެ ރޭ 20:30ގަ އެވެ. ވިޒިޓް މޯލްޑިވްސްގެ ބްރޭންޑިން އެންފީލްޑްގެ އެލްއީޑީ ބޯޑުތަކާއި ޑިޖިޓަލް ސްކްރީންތަކުގައި 10 ބަހަކުން ރާއްޖޭގެ ނަން ފެންނާނެ އެވެ.
އެންފީލްޑް ސްޓޭޑިއަމްގައި ލިވަޕޫލް އެފްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރާ މެޗުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ރާއްޖޭގެ ބްރޭންޑިން ދައްކާލުމަށް ތައްޔާރުވެއްޖެ އެވެ.
މި މެޗު އޮންނާނީ ރާއްޖޭގެ މި ރޭ 20:30ގަ އެވެ. ލިވަޕޫލް ފުޓްބޯޅަ ކްލަބާއެކު ގާއިމްކޮށްފައިވާ ޑެސްޓިނޭޝަން ޕާޓްނާޝިޕްގެ ދަށުން، ވިޒިޓް މޯލްޑިވްސްގެ ބްރޭންޑިން އެންފީލްޑްގެ އެލްއީޑީ ބޯޑުތަކާއި ޑިޖިޓަލް ސްކްރީންތަކުގައި 10 ބަހަކުން ދައްކާލުމަށް ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސި، އަރަބި، ޖަޕަނީސް، ޗައިނީސް، ފްރެންޗް، ޖާމަން، ރަޝިއަން، އިޓަލިއަން، ކޮރެއަން، އަދި ދިވެހި ބަހެވެ. މިއީ ގިނަ ބަޔަކު އެއްވަގުތެއްގައި ބަލާ މިފަދަ ކުޅިވަރު މައިދާނެއްގައި ދިވެހި ރާއްޖޭގެ ބްރޭންޑިން މިގޮތަށް ދައްކާލެވޭ ފުރަތަމަ ފަހަރެވެ.
"ބެޓަލް އޮފް ދަ ރެޑްސް" ގެ ނަމުން މަޝްހޫރު މި މެޗު ބްރޯޑްކާސްޓް އަދި ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް 600 މިލިއަނަށްވުރެ ގިނަ ބަޔަކު ބެލި އެވެ. މިކަމުގެ ސަބަބުން ވިޒިޓް މޯލްޑިވްސްގެ ބްރޭންޑިންއަށް ގިނަ ބައެއްގެ ސަމާލުކަން ލިބި، ރާއްޖެއަކި ލަގްޒަރީ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް މިކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތްތައް އިތުރު ކުރިއެރުންތައް ލިބުމަށް މަގުފަހިވެގެންދާނެ އެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ލިވަޕޫލް އެފްސީއާ އެކު ގާއިމްކޮށްފައިވާ ޕާޓްނާޝިޕްގެ ދަށުން ރާއްޖޭގައި ފަތުރުވެރިންނަށް ހުރި ތަފާތު ފުރުސަތުތަކާއި ލަގްޒަރީ ރިސޯޓްތައް މުޅި ދުނިޔެ އަށް ދައްކާލެވޭނެ އެވެ. އަދި ރާއްޖޭނ ދެމެހެއްޓެނިވި ތަރައްގީ އާއި ތިމާވެށި ހިމޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކާއި، ރާއްޖޭގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތައް ވެސް ގިނަ ބަޔަކަށް ދައްކާލެވޭނެ އެވެ.
ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވީ މިއީ ހަމައެކަނި ފުޓުބޯޅަ މެޗެއް ނޫން ކަމަށާ މިއީ ގިނަ ބައެއްގެ ތެރޭގައި ހިއްސާކުރެވޭ ތާރީހީ ވަގުތުކޮޅެއް ކަމަށެވެ.
"އެތައް ސަތޭކަ މިލިއަން މީހުންގެ ކުރިމަތީގައި ރާއްޖޭގެ ނަމާއި ދިވެހި އަކުރު ދައްކާލެވި މިކަމަށް ގިނަ ބައެއްގެ ސަމާލުކަން ލިބުމަކީ އަޅުގަނޑުމެންގެ ބްރޭންޑް މުޅި ދުނިޔޭގައި ކުރިއަރާފައިވާ މިންވަރު ރަމްޒުކޮށްދޭ ކަމެއް. ލިވަޕޫލް އެފްސީއާ އެކު ގާއިމްކޮށްފައި މިވާ ގުޅުމާ އެކު ދުނިޔޭގެ އެތައް މީޑިއާތަކެއްގެ ސަމާލުކަން ރާއްޖެއަށް ހުއްޓި ރާއްޖޭގެ ރީތިކަން މި މެޗުތައް ބަލާ އެތައް މިލިއަން ބަޔަކަށް ދައްކާލެވޭނެ،" ޝިއުރީ ވިދާޅުވި އެވެ.