އޭނާގެ ހަށިގަނޑު ފެނިފައި ވަނީ މާލެ އަތޮޅު އާއިލާފުށްޓާއި ވިލާ ނޮޓިކާއާ ދެ ރަށް ދޭތެރެއިން އޮޔާދަނިކޮށް ރޭގެ ވަގުތެއްގަ އެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ގެއްލުނު ތިން މީހުންގެ ތެރެއިން ނުފެނިގެން ހޯދަމުން ދިޔަ ބިދޭސީ މީހާގެ ހަށިގަނޑު ވެސް ފެނެއްޖެ އެވެ.
އެރޭ ދަންވަރު 3:48 ހާއިރު ރީތިރަށް ރިސޯޓު ކައިރީ އޮންނަ ކ.އެރިޔަދޫއަށް ދަތުރުކުރަމުން ދަނިކޮށް ބަންޑުން ޖަހާލާފައި ވަނީ "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ ކޮޅުވެއްޓިއެކެވެ. އޭގައި ހަތް މީހުން ދަތުރުކުރިއިރު، ސަލާމަތް ކުރެވުނީ ހަތަރު މީހުންނެވެ. ގެއްލުނީ ދިވެއްސަކާއި އިންޑިއާ އަދި ލަންކާ މީހެކެވެ.
އަނެއް ތިން މީހުން ހޯދަމުން ދަނިކޮށް ބުރާސްފަތި ދުވަހުގެ ހެނދުނު 8:04 ހާއިރު ވަނީ ގއ. ދާންދޫ، ސަރުސޫނުގެ، އަހުމަދު ޝިފާން 38، ގެ ހަށިގަނޑު ހޯދައިފަ އެވެ. ދެން ގެއްލުނު ދެ މީހުން ހޯދަމުން ދަނިކޮށް މިއަދު 15:45 ހާއިރު ކަނޑު އަޑިން ވަނީ އިންޑިއާ މީހާގެ ހަށިގަނޑު ފެނިފަ އެވެ.
އެމްއެންޑީއެފް އިން މިއަދު ބުނީ ކޮޅުވެއްޓިން ގެއްލިގެން ހޯދަމުން ދިޔަ ލަންކާ މީހާގެ ހަށިގަނޑު ވެސް ފެނިފައިވާ ކަމަށެވެ. އޭނާގެ ހަށިގަނޑު ފެނިފައި ވަނީ މާލެ އަތޮޅު އާއިލާފުށްޓާއި ވިލާ ނޮޓިކާއާ ދެ ރަށް ދޭތެރެއިން އޮޔާދަނިކޮށް ރޭގެ ވަގުތެއްގަ އެވެ.
ފުލުހުން ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހުން ތިބީ އެ އުޅަނދުގައި އޮތް އެކްސްކޯރިއޭޓާއެއްގެ ތެރޭގައި ކަމަށެވެ.
ބަންޑުން ޖަހައިލި އެ ކޮޅުވެއްޓިއަކީ ދިގުމިނުގައި 100 ފޫޓު ހުރި އުޅަނދެކެވެ.