ހިސާބުތައް ދައްކާ ގޮތުން މި އަަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ބޭންކްތަކުން ވަނީ 8.1 ބިލިއަން ރުފިޔާގެ ޕާސަނަލް ލޯނު ދޫކޮށްފަ އެވެ
ރާއްޖޭގައި ދޫކުރާ އެހެން ލޯނުތަކަށްވުރެ މި އަހަރު އާއްމު ވަކިވަކި ފަރުދުންނަށް ބޭންކްތަކުން ނެގި ޕާސަނަލް ލޯނުގެ ނިސްބަތް ބޮޑު ތަނުން އުފުލިއްޖެ އެވެ.
މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ހިސާބުތައް ދައްކާ ގޮތުން މި އަަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ބޭންކްތަކުން ވަނީ 8.1 ބިލިއަން ރުފިޔާގެ ޕާސަނަލް ލޯނު ދޫކޮށްފަ އެވެ. މި އަދަދު ޖުލައި މަހު ހުރީ އަށް ބިލިއަން ރުފިޔާ އެވެ.
ޕާސަނަލް ލޯނު އިތުރުވި މިންވަރު މަތިވެފައިވާ މިންވަރު އެންމެ ބޮޑަށް އެނގިގެން ދަނީ މި އަހަރު ފެށުނު ޖެނުއަރީ މަހާ އަޅާ ކިއުމުންނެވެ. މި އަހަރުގެ ޖެނުއަރީ މަހު ބޭންކްތަކުން ދޫކުރި ޕާސަނަލް ލޯނުގެ އަދަދު ހުރީ 7,3 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް މިހާރު މި އަދަދު 8.1 ބިލިއަންގައި ހުރުމުން ދައްކުވައި ދެނީ ނުވަ ޕަސެންޓުގެ އިތުރުވުމެކެވެ.
ރާއްޖޭގެ ބޭންކް ތަކުން ޕާސަނަލް ލޯނުތައް ދޫކުރަމުންދާ ޓްރެންޑަށް ބަލާއިރު މި އަދަދު ބޮޑު ތަނުން އިތުރުވެފައިވަނީ ކޮވިޑް-19 އަށްފަހު އައި އަހަރުތަކުގަ އެވެ. ކޮވިޑުގެ ކުރީގައި އެވްރެޖުކޮށް ބޭންކްތަކުން ޕާސަނަލް ލޯނުގެ ގޮތުގައި ދޫކޮށްފައިވަނީ 2,7 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަދަދު އަހަރުން އަހަރަށް ވަނީ އިތުރުވެގެން ގޮސްފަ އެވެ.
ޕާސަނަލް ލޯނުގެ ނިސްބަތް އިތުރުވުމުގައި ގިނަ ސަބަބުތަކެއްވެއެވެ. މިގޮތުން އަމިއްލަ ބޭނުންތަކަށް ކުރާ ހަރަދު ބޮޑުވުމަކީ
ޕާސަނަލް ލޯނު އެންމެ ބޮޑަށް އިތުރުވާ އެއް ސަބަބެވެ. މީގެ އިތުރުން ގޭތެރޭގައި ބޭނުންކުރާ ދިގު މުއްދަތުގެ ތަކެތި، މިސާލަކަށް ފްރިޖާއި ވޮޝިންގް މެޝިން އަދި އެއާ ކޮންޑިޝަނާ ފަދަ ހަރުމުދާ ގަތުން ވެސް ހިމެނެ އެވެ. މީގެ އިތުރުން ކްރެޑިޓް ކާޑު ބޭނުންކުރުން އިތުރުވުން ވެސް ހިމެނެ އެވެ. އަނެއް ސަބަބަކީ ދިރިއުޅުމުގެ ހަރަދު އިތުރުވުމެވެ. އަދި ބޭންކުތަކުން ލޯނު ނެގުން ފަސޭހަކޮށް ދިނުމަކީ ވެސް ސަބަބެކެވެ.
ޕާސަނަލް މި ލޯނުތައް އިތުރުވުމުގެ ސަބަބުން ގޭބިސީތަކުން ދަރަނި ވަނީ އުފުލިފަ އެވެ. އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ގޭބިސީތަކަށް ދޫކޮށްފައިވާ ލޯނުގެ ޖުމްލަ އަދަދު ވަނީ 19.24 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ހިސާބުތައް ދައްކާ ގޮތުން ގޭބިސީތަކުގެ ދަރަނީގެ ނިސްބަތް ޖީޑީޕީގެ ނިސްބަތުން ދަނީ މައްޗަށެވެ. އައިއެމްއެފްގެ ޑޭޓާއިން ދައްކާ ގޮތުގައި ގޭބިސީތަކުގެ ދަރަނީގެ ނިސްބަތް އެންމެ މަތީގައި ހުރި ސުވިޒަލޭންޑުގައި މި އަަދަދު ހުރީ 125.43 ޕަސެންޓްގަ އެވެ. އަދި އޮސްޓްރޭލިއާގެ ދަރަނީގެ ނިސްބަތް ހުރީ 112.15 ޕަސެންޓްގަ އެވެ. އަދި ކެނެޑާގައި މި އަދަދު ހުރީ 100.07 ޕަސެންޓްގަ އެވެ.