ސިވިލް ކޯޓުގެ ނިންމުން އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، ދައުލަތުން ވަނީ އެ ކޯޓުގައި ވެސް އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމުގެ އިއުތިރާޒު ނަގާފަ އެވެ.
ބްލޮގަރު ޔާމީން ރަޝީދުގެ މަރާއި ގެއްލުވާލައިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލައިގައި ދައުވާކޮށް ބަންދު ކުރި އަހުމަދު މުއާޒް ބަދަލު ހޯދަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
ކުރީ ސަރުކާރުން އުފެއްދި މަރު ކޮމިޝަނުން ތަހުގީގު ކުރި އެ މައްސަލައިގައި ޖޫން 26، 2023 ގައި މުއާޒް ހިމެނޭހެން ތިން މީހަކު ހައްޔަރު ކުރި އެވެ. ދެން ހައްޔަރު ކުރީ އިސްމާއީލް އަބްދުއްރަހީމް (އިސޫ) އަދި އަހްމަދު އިސްމާއިލް (އަހަނދު) އެވެ.
ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލައިގައި އެ ތިން މީހުންގެ މައްޗަށް ދައުލަތުން ދައުވާކުރި ނަމަވެސް، އެ ދައުވާ ސާބިތުނުވާ ކަމަށް އެ އަހަރުގެ ނޮވެމްބަރު މަހުގައި ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
މި މައްސަލައިގައި ބަންދުކުރި މުއާޒު ވަނީ އޭނާ ނުކުރާ ކުށެއްގައި ބަންދުކޮށް ދައުވާ ކުރި މައްސަލައިގެ ބަދަލު ހޯދަން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. އޭނާ އެދިފައި ވަނީ ބަންދުގައި ހުރި މުއްދަތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 10 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.
ނަމަވެސް ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ގާނޫނެއްގައި އުސޫލެއް ނެތަސް ދައުވާއެއް ކުރުމުގައި ނުރަނގަޅު ނިޔަތެއް އޮތް ކަން ސާބިތުކޮށްދީފިނަމަ ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ކަމަށެވެ. ނަމަވެސް އެފަދަ ހެއްކެއް މުއާޒުގެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.
މުއާޒު ބަންދުކޮށްފައި ވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ނަމަވެސް އެ އަމުރު މުއާޒުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި ނުވާ ކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.
ސިވިލް ކޯޓުގެ ނިންމުން އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، ދައުލަތުން ވަނީ އެ ކޯޓުގައި ވެސް އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމުގެ އިއުތިރާޒު ނަގާފަ އެވެ. އެ އިއުތިރާޒުގައި ދައުލަތުން ބުނެފައި ވަނީ ރިޔާސީ ކޮމިޝަން މިހާރު އުވާލާފައިވާ ކަމަށާއި އެހެންކަމުން އެ ކޮމިޝަނާ ދެކޮޅަށް ދައުވާ ހުށަނޭޅޭނެ ކަމަށެވެ.
މުއާޒު ސިވިލް ކޯޓުގައި ކުރި ދައުވާ ރައްދުކޮށްފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށާއި މަރު ކޮމިޝަނަށާއި އެކޮމިޝަންގެ މެންބަރުންނަށެވެ. އެގޮތުން އެ ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲ އާއި މެންބަރު މިސްބާހު އައްބާސް އަދި މެންބަރު އަހުމަދު ނާޝިދުގެ މައްޗަށް ވަނީ ދައުވާ ކޮށްފަ އެވެ.
މުއާޒުގެ ފަރާތުން ބުނެފައި ވަނީ ޕީޖީ އޮފީހާއި މަރު ކޮމިޝަނުން އޭނާގެ މައްޗަށް ތަހުގީގެއް ހިންގައި ދައުވާ ކޮށްފައި ވަނީ ހެޔޮ ނިޔަތުގައި ނޫން ކަމަށެވެ. ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ ހެޔޮ ނިޔަތެއް ނެތި ތަހުގީގެއް ހިންގައި ދައުވާކޮށްފައިވާ ކަމަށް ބަލާނެ ނުވަތަ ކަނޑައަޅާނެ މިންގަނޑެއް ރާއްޖޭގެ ގާނޫނުތަކުގައި ބަޔާންކޮށްފައި ނެތް ކަމަށެވެ.
ނޫސްވެރިޔާ ރިލްވާނާއި ޔާމީން މަރާލި މައްސަލައިގައި މުއާޒް މައްޗަށް ދައުލަތުން އުފުލީ ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ ދައުވާ އެވެ. އިސޫގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދެ ދައުވާ އެވެ. އަދި އަހަނދުގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ ދައުވާ އެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ ސިއްރު ކޮށްގެންނެވެ.