އެމްއެމްއޭއިން ބުނީ އިންވާޑް ރެމިޓަންސް ލައިސަންސްގެ ސަބަބުން އެމްފައިސާ ވޮލެޓަށް ޕޭޕަލް ފަދަ ވަސީލަތްތަކުން ފައިސާ ގެނައުމަށްޓަކައި ކުރަންޖެހޭ ޑެވެލޮޕްމެންޓް މަސައްކަތްތަކާއި ޓެސްޓިންގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ އެވެ.
ބޭރު ގައުމުތަކަށް ރާއްޖެއިން ވިއްކާ ތަކެއްޗާއި ހިދުމަތުގެ ގޮތުގައި ދައްކާ ފައިސާ ޕޭޕަލް މެދުވެރިކޮށް ރާއްޖެ ގެނައުމުގެ ހުއްދަ މަރުކަޒީ ބޭންކް އެމްއެމްއޭ އިން އުރީދޫ ފިންޓެކަށް ދީފި އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތެއްގައި "އިންވާޑް ރެމިޓެންސް ލައިސަންސް" ހަވާލުކޮށްދެއްވީ ގަވަރުނަރު އަހުމަދު މުނައްވަރެވެ. އުރީދޫ ފިންޓެކް މޯލްޑިވްސްގެ ފަރާތުން ލައިސަންސާ ހަވާލުވެވަޑައިގަތީ ބޯޑު މެމްބަރު އަދި އުރީދޫ މޯލްޑިވްސްގެ ޗެއާމަން ފާތިމާ އަލް ކުވާރީ އާއި އުރީދޫ ފިންޓެކް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހާލިދު އަލް ހަމަދީ އެވެ.
އެމްއެމްއޭއިން ބުނީ ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކޮށްފައިވާ ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސްގެ ދަށުން އިންވާޑް ރެމިޓަންސް މި ހުއްދަ ދިނުމާ ގުޅިގެން، އެމްފައިސާ ވޮލެޓަށް ޕޭޕަލް ފަދަ ވަސީލަތްތަކުން ފައިސާ ގެނައުމަށްޓަކައި، ކުރަންޖެހޭ ޑެވެލޮޕްމެންޓް މަސައްކަތްތަކާއި ޓެސްޓިންގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. މިއާއެކު، ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސްގެ ދަށުން އިލެކްޓްރޯނިކް މަނީ އިޝޫކުރުމާއި އިންވާޑް އަދި އައުޓްވާޑް ރެމިޓަންސްގެ ހިދުމަތް ދެމުން ގެންދާނެ އެވެ.
އުރީދޫ އިން ބުނީ ރާއްޖޭގެ ޑިޖިޓަލް ފައިނޭންޝަލް ސިސްޓަމް ހަރުދަނާ ކުރަން އެމް-ފައިސާ އިން ކުރަމުން އަންނަ މަސައްކަތް މި ލައިސަންސާ އެކު އިތުރަށް ފުރިހަމަވާނެ ކަމަށެވެ.