ސިނގިރޭޓު ވައްކަމުގެ މައްސާގައި، އިދާރީގޮތުން ކުންފުނިން ތަހުގީގުކުރަމުންދާތީ، މިފްކޯގެ މުވައްޒަފުންނާބެހޭ ގަވާއިދުގެ ދަށުން، 30 ދުވަހުގެ މުއްދަތަށް މުއާޒު ވަޒީފާއިން ސަސްޕެންޑް ކުރެވިފައިވާ ކަމަށެވެ.
ވަގަށް އެތެރެކުރަން އުޅެނިކޮށް، ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރު ސިނގިރޭޓް އެމްޕީއެލްގައި ބަހައްޓާފައި ހުއްޓައި ގެއްލުނު މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ ވަޒީފާއިން ސަސްޕެންޑުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނީ، ސިނގިރޭޓު ވައްކަމުގެ މައްސާގައި، އިދާރީގޮތުން ކުންފުނިން ތަހުގީގުކުރަމުންދާތީ، މިފްކޯގެ މުވައްޒަފުންނާބެހޭ ގަވާއިދުގެ ދަށުން، 30 ދުވަހުގެ މުއްދަތަށް މުއާޒު ވަޒީފާއިން ސަސްޕެންޑް ކުރެވިފައިވާ ކަމަށެވެ.
މި ނިންމުމާ ގުޅިގެން ކުންފުނީގެ މަސައްކަތްތަކަށް ބުރޫނާރާނެކަން ކަށަވަރު ކުރުމުގެ ގޮތުން، އިންޖިނިއަރިން ޑިޕާޓްމަންޓުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް، މެނޭޖަރު މުޙައްމަދު ޝަމީމުގެ އިތުރުން އިންޖިނިއަރިން ޔުނިޓް، ކޮންސަލްޓެންޓް އިންޖިނިއަރު އުބައިދުﷲ ހުސައިންއާ ހަވާލުކުރެވިފައިވާ ކަމަށް މިފްކޯއިން ބުންޏެވެ.
"ހިނގައިގެން އުޅޭ މައްސަލަތަކާ މިފްކޯއާ ގުޅުމެއް ނެތް ކަމުގައި ވީނަމަވެސް ޚާއްޞަކޮށް ކުންފުނީގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ނަޒާހަތްތެރިކަމާ ގުޅުންހުރި މައްސަލަތަކަކީ މެނޭޖްމަންޓުން ވަރަށް ސީރިއަސްކޮށް ނަގާ މައްސަލަތަކެއްކަން ފާހަގަކުރަން،" ބަޔާނުގައި ބުންޏެވެ.
ސިނގިރޭޓު ކޮންޓެއިނަރުތައް ގެއްލުވައިލި މައްސަލާގައި، މުއާޒްގެ އިތުރުން ތިން މީހަކު ވަނީ ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ.
ފުލުހުން ރޭ ބުނީ މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހެއް ފުރުން މަނާކޮށް، ބައެއް އުޅަނދުތަށް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެމްޕީއެލްގެ ހަ މުވައްޒަފަކު ސަސްޕެންޑުކޮށް، އެތެރޭގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން ވަނީ ފަށާފަ އެވެ. އެމްޕީއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި މައްސަލަ ފެންމަތިވުމާ އެކު، ތަހުގީގު ފަށައި މިދިޔަ އާދިއްތަ ދުވަހު ފަސް މުވައްޒަފަކު ސަސްޕެންޑްކޮށް، އިތުރު މުވައްޒަފަކު މިއަދު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.