ގެއްލުނީ 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. މިތަކެތި ބަހައްޓާފައި ހުރީ އެމްޕީއެލް ހުޅުމާލެ ޕޯޓުގަ އެވެ.
ވަގަށް އެތެރެކުރަން އުޅެނިކޮށް، ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރު ސިނގިރޭޓް އެމްޕީއެލްގައި ބަހައްޓާފައި ހުއްޓައި ގެއްލުނު މައްސަލާއާ ގުޅިގެން ހައްޔަރުކުރި އެންމެންނަަށް ބަންދު ޖަހައިފި އެވެ.
ގެއްލުނީ 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. މިތަކެތި ބަހައްޓާފައި ހުރީ އެމްޕީއެލް ހުޅުމާލެ ޕޯޓުގަ އެވެ. ސިނގިރޭޓް ނެތްކަން އެނގުނީ މިމަހުގެ އަށްވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. މިއީ ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މިދިޔަ އަހަރުގެ އޭޕްރީލް މަހު ހިފެހެއްޓާފައި ހުރި ދެ ކޮންޓެއިނަރު ސިނގިރޭޓެވެ. މީގެ އަގު 13.6 މިލިއަނަށް ވުރެ މައްޗަށެވެ. - މި މައްސަލާގައި ހައްޔަރުކުރި އެންމެންނަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ ބަންދު ޖަހާފަ އެވެ.
ފުލުހުން މިރޭ ބުނީ މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހެއް ފުރުން މަނާކޮށް، ބައެއް އުޅަނދުތަށް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އެކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ބެލެވޭ ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެމްޕީއެލްގެ ހަ މުވައްޒަފަކު ސަސްޕެންޑުކޮށް، އެތެރޭގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން ވަނީ ފަށާފަ އެވެ. އެމްޕީއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި މައްސަލަ ފެންމަތިވުމާ އެކު، ތަހުގީގު ފަށައި މިދިޔަ އާދިއްތަ ދުވަހު ފަސް މުވައްޒަފަކު ސަސްޕެންޑްކޮށް، އިތުރު މުވައްޒަފަކު މިއަދު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.