މި މައްސަލަ ފެންމަތިވުމާ އެކު، ތަހުގީގު ފަށައި މިދިޔަ އާދިއްތަ ދުވަހު ފަސް މުވައްޒަފަކު ސަސްޕެންޑްކޮށް، އިތުރު މުވައްޒަފަކު މިއަދު ސަސްޕެންޑް ކޮށްފައިވާ ކަމަށް އެމްޕީއެލުން ބުނި.
ވަގަށް އެތެރެކުރަން އުޅެނިކޮށް، ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރު ސިނގިރޭޓް އެމްޕީއެލްގައި ބަހައްޓާފައި ހުއްޓައި ގެއްލުނު މައްސަލާއާ ގުޅިގެން، އެމްޕީއެލްގެ ހަ މުވައްޒަފަކު ސަސްޕެންޑުކޮށް، އެތެރޭގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން ފަށައިފި އެވެ.
މިއީ ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މިދިޔަ އަހަރުގެ އޭޕްރީލް މަހު ހިފެހެއްޓާފައި ހުރި ދެ ކޮންޓެއިނަރު ސިނގިރޭޓެވެ. މީގެ އަގު 13.6 މިލިއަނަށް ވުރެ މައްޗަށެވެ.
ގެއްލުނީ 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. މިތަކެތި ބަހައްޓާފައި ހުރީ އެމްޕީއެލް ހުޅުމާލެ ޕޯޓުގަ އެވެ. ސިނގިރޭޓް ނެތްކަން އެނގުނީ މިމަހުގެ އަށްވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
އެމްޕީއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި މައްސަލަ ފެންމަތިވުމާ އެކު، ތަހުގީގު ފަށައި މިދިޔަ އާދިއްތަ ދުވަހު ފަސް މުވައްޒަފަކު ސަސްޕެންޑްކޮށް، އިތުރު މުވައްޒަފަކު މިއަދު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
އެ ބަޔާނުގައި ބުނި ގޮތުގައި، ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކާރުވެ ނުދިއުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކޮށް، ބަނދަރުގެ ސަލާމަތީ ކަންކަމާއި ހިންގުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
މިގޮތުން، އެމްއެންޑީއެފާއި ކޯސްޓުގާޑާއި އަދި އެ ނޫންވެސް ތަންފީޒީ އިދާރާތަކުގެ އެހީތެރިކަން ހޯދައި، ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށެވެ.
"މިއީ ވަރަށް ސީރިއަސް މައްސަލައަކަށް ވާތީ، މި ކުންފުނީގެ ތަހުގީގު ކުރިއަށް ގެންދަނީ ފުލުހުންގެ ތަހުގީގަށް ހުރަސް ނޭޅޭ ގޮތަށެވެ. މި މައްސަލައިގައި އެންމެ ފުރަތަަމަ ދުވަހުން ފެށިގެން ފުލުހުންގެ ތަހުގީގަށް މި ކުންފުނިން ދަނީ ފުރިހަމަ އެއްބާރުލުން ދެމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ފުލުހުން ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" އެމްޕީއެލްގެ ބަޔާނުގައި ބުންޏެވެ.
މި މައްސަލާއާ ގުޅިގެން ފުލުހުން މިހާތަނަށް ވަނީ، ހަތަރު މީހަކު ހައްޔަރުކޮށް، 12 މީހަކު ފުރުން މަނާކޮށްފަ އެވެ.
ހައްޔަރު ކުރި މީހުންގެ ތެރޭގައި ކަސްޓަމްސްގެ އިސް އޮފިސަރަކާއި ދެ ވިޔަފާރިވެރިންގެ އިތުރުން އިތުރު މީހަކު ހިމެނެ އެވެ. އެ މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ނަމަވެސް، އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ، އެޕޯލޯގެ ވެރިޔާ ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް އަދި ސިނގިރޭޓް ބޭރު ކުރަން ރިޝްވަތަށް އެދުމުގެ މައްސަލާގައި މިހާރު ވެސް ޕީޖީ އަށް މައްސަލަ ލާފައިވާ މިފްކޯގެ މިހާރުގެ ޖެނެރަލް މެނޭޖަރު މަގާމުގައި ހުރި މުއާޒް އަލީ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ. ތަހުގީގު ކުރިއަށްދާ ވަރަކުން މައުލޫމާތު ހިއްސާ ކުރަމުންދާނެ ކަމަށް ވެސް ބުންޏެވެ.