ކަނޑުން ގެއްލުނު ބައި ހޯދުމުގެ މައްސަލައިގެ ހޯދުންތައް މި މަހު ކެބިނެޓަށް ހުށަހަޅަނީ

އެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ވަޒީރުންގެ މަޖިލީހުން ގޮތެއް ނިންމުމުން ކަނޑުގެ މައްސަލާގައި ކުރިއަށްދާނެ ގޮތްތައް އިއުލާނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް: --

ޗާގޯސްގެ ރަށްތަކުގެ ސިޔާދަތާ ގުޅޭ ގޮތުން މިދިޔަ ސަރުކާރުން އަމަލުކުރި ގޮތުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާކަމަށް ބުނާ މައްސަލާގައި، ބަންޑާރަނައިބުގެ އޮފީހުން ކުރި ދިރާސާތަކުގެ އަލީގައި ހޯދުނު ހޯދުންތައް، މި މަހުގެ ތެރޭގައި ވަޒީރުންގެ މަޖިލީހަށް ހުށަހެޅޭނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ. 

ޗާގޯސްގެ ސިޔާދަތީ ބާރުވެރިކަން އޮތީ މޮރިޝަސްއަށް ކަމަށް ގަބޫލުކޮށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑުވަޒީރަށް ފޮނުވި ސިޓީގެ މައްސަލަ އޮތީ ބޮޑުވެފަ އެވެ. އިޓްލޮސްގެ ނިންމުމުގެ ސަބަބުން ރާއްޖޭގެ އީއީޒެޑުން 44،000 އަކަކިލޯމީޓަރުގެ ބޮޑު ސަރަހައްދެއް ގެއްލިފައިވާ ކަަމަށް އޭރުގެ އިދިކޮޅު ޕާޓީތަކާއި ކުރީގެ ބައެއް ބަންޑާރަ ނާއިބުން ގެންދެވީ ވިދާޅުވަމުންނެވެ.

އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން، ރާއްޖޭގެ އެ ނިންމުން އަލުން މުރާޖާ ކުރާނެ ކަމަށާއި، ޗާގޯސްގެ ރަަށްތަކުގެ ސިޔާދަތުގެ މައްޗަށް ދައުވާކުރުމުގެ ހައްގު އަލުން ހޯދާނެ ދެއްވާނެ ކަމަށް ރިޔާސީ ވައުދެއްގެ ގޮތުގައި ވިދާޅުވެ، އެ މަސައްކަތް ވަނީ ފަށައިފަ އެވެ.

އެ މަސައްކަތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި އުޝާމް ވިދާޅުވީ، ކުރީގެ ސަރުކާރުން ނިންމި ނިންމުންތަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެ މައްސަލަ، ރާއްޖޭއާއި ރާއްޖޭން ބޭރުގެ ކަމާ ގުޅުންހުރި ތަކުރިބާކާރުންނާ ގުޅިގެން ކުރިއަށް ގެންދެވޭ ގޮތްތައް ބަލަމުން އަންނަ ކަމަށާއި، ނަމަވެސް އެ މަސައްކަތް އެއްކޮށް ނުނިމޭކަމަށް ބަންޑާރަނައިބު ވިދާޅުވި އެވެ. 

"އަޅުގަނޑަށް ލަފާކުރެވެނީ، ވަރަށް ބޮޑަށް އުންމީދުކުރެވޭ މި މަސްތެރޭ އަޅުގަނޑުމެންނަށް ކެބިނެޓަށް އަޅުގަނޑުމެންގެ ފައިންޑިންސް ހުށަހެޅޭނެ ކަމަށް،" އުޝާމް ވިދާޅުވި އެވެ.

އަދި އެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ވަޒީރުންގެ މަޖިލީހުން ގޮތެއް ނިންމުމުން ކަނޑުގެ މައްސަލާގައި ކުރިއަށްދާނެ ގޮތްތައް އިއުލާނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.