"ސީދާ ކޮން ދުވަހަކުތޯ، ކޮން ދައުރަކުތޯ ދަންނަވާކަށް ނޭނގެ. އެ މަސައްކަތް ކުރަމުން މި ދަނީ،" ބަންޑާރަނައިބު ވިދާޅުވި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިފައިވާ ގޮތް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނެ ސީދާ ތާރީހެއް ވިދާޅުވާން ދަތިކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ޖޭއެސްސީއަށް ސިޔާސީ ނުފޫޒު ނުފޯރުވޭ ގޮތަސް، އެ ކޮމިޝަނުގެ އެކުލެވުން ބަދަލުކުރުމަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އެކަން ކުރުމަށް ބޭނުންވާ އިސްލާހު ޑްރާފްޓު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް، ބަންޑާރަނައިބު ވަނީ މީގެކުރިން ވެސް އެކި ފަހަރުމަތިން ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، އޭޖީ ވިދާޅުވީ، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރެވެން އޮތީ ގާނޫނުއަސާސީ އިސްލާހުކޮށްގެން ކަމަށާއި އެކަން މި ސަރުކާރުން ކުރާނެ ކަމަށެވެ.
"ސީދާ ކޮން ދުވަހަކުތޯ، ކޮން ދައުރަކުތޯ ދަންނަވާކަށް ނޭނގެ. އެ މަސައްކަތް ކުރަމުން މި ދަނީ،" ބަންޑާރަނައިބު ވިދާޅުވި އެވެ.
އުޝާމް ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީއަށް ބަދަލު ގެންނައިރު ކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށާއި ހަމައެކަނި ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ ބަދަލުގައި ގެންނަންޖެހޭ އެހެނިހެން ބަދަލު ވެސް އެބަހުއްޓެވެ.
އޭގެފަހުން، އެހެން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ބަންޑާރަނައިބު ވިދާޅުވީ، ޖޭއެސްސީގެ އެކުލެވުން ބަދަލުކުރާނެ ގޮތަކާމެދު ކަމާގުޅޭ އިދާރާތަކާއި ބޭފުޅުންގެ މެދުގައި އަދިވެސް ހިޔާލުތަފާތުވުންތައް އެބަހުރި ކަމަށެވެ.