"ސާބިތު ނުހިފޭ" ތުހުމަތުތައް ދާއޫދު ދޮގުކުރައްވައިފި

ދާއޫދޫގެ ވަކީލުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ދާއޫދުގެ އެކައުންޓަށް ގޮތް ނޭނގޭ އެއްވެސް ފައިސާއެއް ވަދެފައި ނުވާނެ ކަމަށާއި، އަދި ގާނޫނާ ހިލާފު އެއްވެސް މުއާމަލާތެއް ދާއޫދުގެ އެކައުންޓް މެދުވެރިކޮށް ހިންގާފައި ނުވާނެ ކަމަށް

އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ދާއޫދު. --ފޮޓޯ: މިހާރު ނޫސް

އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ދާއޫދާއި އޭނާގެ އާއިލާގެ ބައެއް މެންބަރުންގެ އެކައުންޓުތަކަށް ގޮތް ނޭނގޭ ފައިސާ ޖަމާވެފައިވާކަން ފާހަގަކުރެވި، އޭނާގެ މައްޗަށް ހިޔާނާތުގެ ސީރިއަސް ތުހުމަތުތައް އޭނާ ދޮގުކުރައްވައިފި އެވެ.

ފުލުހުންގެ ކޯޕަރޭޓިވް ކުންފުނި، ޕޮލްކޯއާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީން މައްސަލަ ބެލި ސަބް ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، ވިޔަފާރިއެއް ނެތި، އާމްދަނީ ލިބުނު ގޮތް ނޭނގޭ ގޮތަށް 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު ދާއޫދުގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ދާއޫދު އަދި އޭނާގެ އަންހެނުންގެ ބޭންކް އެކައުންޓް އެނަލައިޒް ކުރުމުން މއ. ތަޅަމުދިގޭގެ ކުލި، މުހައްމަދު ދާއޫދާއި އޭނާގެ އަންހެނުންގެ އެކައުންޓަށް ޖަމާވަމުން ދިޔަކަން ފާހަގަކުރެވިފައި ވާއިރު އެ ގޭގެ ވެރިފަރާތަކީ މުހައްމަދު ދާއޫދު ނުވަތަ އޭނާގެ އަންހެނުން ނޫން ކަމާއި އެ ގޭގެ ކުލި އެ ދެ މީހުންނަށް ލިބޭނީ، އެ ގެ ހެދުމަށް އެ ދެ ފަރާތުން އިންވެސްޓްކޮށްފައި ވުމުން ކަމުގައިވާތީ އޭނާ އަށް އެފަދަ ބޮޑު އިންވެސްޓްމެންޓެއް ކުރުމަށް ފަންޑު ލިބުނު ގޮތް ބަލަން ޖެހޭ ކަމަށް ނިންމާފައިވޭ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ، އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ ގޮތުން އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ވެސް ދާއޫދުގެ އެކައުންޓަށް ފައިސާތަކެއް ޖަމާވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

މިގޮތުން، ވިޔަފާރިވެރިޔާ ހަސަން ތައުފީގާއި ދާއޫދު ބައިވެރިވެން އެ ދެ މީހުންގެ އަނބިންގެ ނަމުގައި 10.5 މިލިއަން ރުފިޔާގެ ރިއަލް އެސްޓޭޓް އިންވެސްޓްމެންޓެއްގެ ގޮތުގައި މއ. ތަޅަމުދިގެ 10 ބުރިއަށް އިމާރާތްކޮށް، އެ ތަނުން ނަފާ ހޯދަމުން އައި ކަން ފާހަގަކުރެއްވޭ ކަމަށް އޭނާ ހާމަކުރެއްވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި، އެފްޑަބްލިއު ކޮންސްޓްރަކްޝަނުން ހަދާފައިވާ ފްލެޓް އިމާރާތަކުން 4.1 މިލިއަން ރުފިޔާއަށް އެޕާޓްމެންޓެއް ދާއޫދު ބައްލަވައިގެންފައިވާ ކަން ވެސް ވަނީ އެނގިފަ އެވެ. 

އެކަމާ ގުޅިގެން، ދާއޫދޫގެ ވަކީލުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ދާއޫދުގެ އެކައުންޓަށް ގޮތް ނޭނގޭ އެއްވެސް ފައިސާއެއް ވަދެފައި ނުވާނެ ކަމަށާއި، އަދި ގާނޫނާ ހިލާފު އެއްވެސް މުއާމަލާތެއް ދާއޫދުގެ އެކައުންޓް މެދުވެރިކޮށް ހިންގާފައި ނުވާނެ ކަމަށެވެ.

އަދި އެމްއެމްޕީއާރުސީއާ ގުޅޭ އެއްވެސް ފައިސާއެއް ދާއޫދަށް ލިބިފައި ނުވާކަން މީގެ ކުރިން ކުރި ތަހުގީގުތަކުންނާއި ތަހުގީގަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދީފައިވާ ބަޔާންތަކުން އެނގި ސާފުވާނެ ކަމަށެވެ.

މީގެއިތުރުން، އިދާރީ ތަހުގީގުތަކާ ގުޅިގެން ޕޮލިސް ބޯޑުން މީގެ ކުރީގައި ނިންމާފައިވާ ނިންމުންތަކާ ގުޅިގެން ޝަރުއީ މަރުހަލާގައި ނިންމަވާފައިވާ ނިންމުންތަކުން ދާއޫދުގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެއްދޭނެ އެއްވެސް ޖާގައެއް ނެތްކަން ސާފުވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

އަދި މަޖިލީހުގައި މެމްބަރުން ދައްކަވާ ވާހަކަތައް ވާން ޖެހޭނީ ޒިންމާދާރުކަމާ އެކު އެއްވެސް ފަރާތެއްގެ ގާނޫނީ ހައްގު ނުގެއްލޭ ގޮތަށް ދައްކަވާ ވާހަކަތަކަކަށް ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

ދާއޫދުގެ މައްޗަށް ތުހުމަތުތަކެއް ކޮށްފައިވަނިކޮށް، އޭނާ އިއްޔެއިން ފެށިގެން ޗުއްޓީއަކަށް ވަޑައިގަތުމާ ގުޅިގެން ހުޅުމާލެ ޕޮލިސް ހިންގުން އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު އާ ވަގުތީ ގޮތުން ވަނީ ހަވާލުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.