އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ ގޮތުން އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ވެސް ދާއޫދުގެ އެކައުންޓަށް ފައިސާތަކެއް ޖަމާވެފައިވާކަން ފާހަގަކުރެވޭ
އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ދާއޫދާއި އޭނާގެ އާއިލާގެ ބައެއް މެންބަރުންގެ އެކައުންޓުތަކަށް ގޮތް ނޭނގޭ ފައިސާ ޖަމާވެފައިވާކަން ފާހަގަކުރެވި، އޭނާގެ މައްޗަށް ހިޔާނާތުގެ ސީރިއަސް ތުހުމަތުތަކެއް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު އަމާޒުވެއްޖެ އެވެ.
ފުލުހުންގެ ކޯޕަރޭޓިވް ކުންފުނި، ޕޮލްކޯއާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީން މައްސަލަ ބެލި ސަބް ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، ވިޔަފާރިއެއް ނެތި، އާމްދަނީ ލިބުނު ގޮތް ނޭނގޭ ގޮތަށް 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު ދާއޫދުގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"ދާއޫދު އަދި އޭނާގެ އަންހެނުންގެ ބޭންކް އެކައުންޓް އެނަލައިޒް ކުރުމުން މއ. ތަޅަމުދިގޭގެ ކުލި، މުހައްމަދު ދާއޫދާއި އޭނާގެ އަންހެނުންގެ އެކައުންޓަށް ޖަމާވަމުން ދިޔަކަން ފާހަގަކުރެވިފައި ވާއިރު އެ ގޭގެ ވެރިފަރާތަކީ މުހައްމަދު ދާއޫދު ނުވަތަ އޭނާގެ އަންހެނުން ނޫން ކަމާއި އެ ގޭގެ ކުލި އެ ދެ މީހުންނަށް ލިބޭނީ، އެ ގެ ހެދުމަށް އެ ދެ ފަރާތުން އިންވެސްޓްކޮށްފައި ވުމުން ކަމުގައިވާތީ އޭނާ އަށް އެފަދަ ބޮޑު އިންވެސްޓްމެންޓެއް ކުރުމަށް ފަންޑު ލިބުނު ގޮތް ބަލަން ޖެހޭ ކަމަށް ނިންމާފައިވޭ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ، އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ ގޮތުން އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ވެސް ދާއޫދުގެ އެކައުންޓަށް ފައިސާތަކެއް ޖަމާވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.
މިގޮތުން، ވިޔަފާރިވެރިޔާ ހަސަން ތައުފީގާއި ދާއޫދު ބައިވެރިވެން އެ ދެ މީހުންގެ އަނބިންގެ ނަމުގައި 10.5 މިލިއަން ރުފިޔާގެ ރިއަލް އެސްޓޭޓް އިންވެސްޓްމެންޓެއްގެ ގޮތުގައި މއ. ތަޅަމުދިގެ 10 ބުރިއަށް އިމާރާތްކޮށް، އެ ތަނުން ނަފާ ހޯދަމުން އައި ކަން ފާހަގަކުރެއްވޭ ކަމަށް އޭނާ ހާމަކުރެއްވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި، އެފްޑަބްލިއު ކޮންސްޓްރަކްޝަނުން ހަދާފައިވާ ފްލެޓް އިމާރާތަކުން 4.1 މިލިއަން ރުފިޔާއަށް އެޕާޓްމެންޓެއް ދާއޫދު ބައްލަވައިގެންފައިވާ ކަން ވެސް ވަނީ އެނގިފަ އެވެ.
"މިކަން ކޮށްފައި އޮތީ އާއިލާގެ މެންބަރެއްގެ ނަމުގައި. މިހާރު އެ އެޕާޓްމެންޓް ވަނީ ދާއޫދުގެ ދަރިފުޅެއްގެ ނަމަށް ބަދަލުކޮށްފައި. އެހެންވީމާ 10.5 މިލިއަނާއި 4.1 މިލިއަން ރުފިޔާ އެއްކުރީމަ ޖުމްލަ ފައިސާގެ އަދަދު 14.6 މިލިއަން ރުފިޔާގެ އެސެޓް ކްރިއޭޓު ކޮށްފައި މި ވަނީ. އެ އެސެޓްތަކަކީ އެމްއެމްޕީއާރްސީގެ ފައިސާ ކަމަށް އަޅުގަނޑުމެންނަށް ބެލެވެނީ،" އޭނާ ވިދާޅުވި އެވެ.