މާލީ އަދި އިގުތިސާދީ ދަތިކަމުގެ ތެރޭގައި ވެސް އެ ބޭންކު އަމަލީ ގޮތުން ފެށުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ސައީދު ވިދާޅުވި
ސަރުކާރުން އަލަށް އުފެއްދި ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ އަމަލީ ގޮތުން ފެށުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި ވަރަށް އަވަހަށް އެ ބޭންކު އޮޕަރޭޝަނަށް ގެނެވޭނެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ސައީދު ވިދާޅުވީ ޑިވެލޮޕްމެންޓް ބޭންކަކީ ރައްޔިތުން އެކައުންޓް ހުޅުވައިގެން ދުވަހުން ދުވަހަށް ހިދުމަތް ހޯދާ ކަހަލަ ބޭންކެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދަން ގާއިމްކުރި ވަރަށް މުހިއްމު ނިޒާމެއް ކަމަށެވެ.
އެހެންކަމުން، މާލީ އަދި އިގުތިސާދީ ދަތިކަމުގެ ތެރޭގައި ވެސް އެ ބޭންކު އަމަލީ ގޮތުން ފެށުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ސައީދު ވިދާޅުވި އެވެ.
"ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ޑިވެލޮޕްމެންޓް ބޭންކު އޮޕަރޭޝަނަލައިޒް ވެގެން ދާނެ،" ސައީދު ވިދާޅުވި އެވެ.
ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ފުރަތަމަ ފަހަރަށް "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުންފުންޏެއް އުފެއްދެވީ މިދިޔަ އަހަރުގެ މޭ މަހު އެވެ.
އަދި އެ ބޭންކު ރަސްމީކޮށް އިފްތިތާހުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.