ޔޫކޭ އާއެކު އެފްޓީއޭގެ މަސައްކަތް ކުރެވުނު ކަމުގެ އެއްވެސް މައުލޫމާތެއް އިކޮނޮމިކް މިނިސްޓްރީގައި ފެންނަން ނެތް ކަމަށް މިނިސްޓަރު ވިދާޅުވި
ރާއްޖޭން އެކްސްޕޯޓު ކުރާ މަހުގެ ބާވަތްތަކަށް ނަގާ ޑިޔުޓީ ކުޑަކުރަން، އިނގިރޭސިވިލާތާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވައިލުމުގެ މަސައްކަތް، މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ކުރެވުނުކަމުގެ އެއްވެސް ލިޔެކިޔުމެއް ފެންނަން ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މަހުން ނެގޭ ޑިއުޓީ އެއްކޮށް ކަނޑާލުމަށްޓަކައި ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު މަޝްވަރާ ކުރެވުނު ފްރީ ޓްރޭޑް އެއްބަސްވުމަށް 2025 ގައި އަމަލުކުރުމަށް އެމްޑީޕީގެ ވެރިކަމުގައި ނިންމާފައިވާކަމަށް ވިދާޅުވެ، އެ މަސައްކަތް ގޮސްފައިވާ ހިސާބު ސާފުކުރެއްވުމަށް، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މީކާއީލު އަހުމަދު ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން ސައީދު ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަން ފައްޓަވަމުން، ސައީދު ވަނީ އެ ސުވާލުގައި ވެސް ގޯސް މައުލޫމާތުތަކެއް ހުރި ކަމަށް ވިދާޅުވެފަ އެވެ.
މިގޮތުން، އެ ސުވާލުގެ ފުރަތަމަ ބައިގައި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކުރެވުނު މަސައްކަތުން، ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ މަހުން 24 ޕަސެންޓުގައި ނެގެމުންދިޔަ ޑިއުޓީ 20 ޕަސެންޓަށް ކުޑަކޮށްފައިވާ ކަމަށް މީކާއީލް އިޝާރާތް ކުރައްވާފައިވަނީ މުޅީން ރަނގަޅަށް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި، 24 ޕަސެންޓުގެ ޑިޔުޓީ 20 ޕަސެންޓަށް ކުޑަވީ، އެމްޑީޕީގެ ސަރުކާރުން ކުރި މަސައްކަތަކުން ނޫން ކަމަށާއި، އެއީ ވިލާތުގެ އިއްތިހާދު އީޔޫން އިނގިރޭސިވިލާތު ވަކިވުމަށްފަހު، ހުރިހާ ގައުމުތަކަށް ވެސް ޑިޔުޓީ ކުޑަކޮށް ކަނޑައެޅި ރޭޓު ކަމަށެވެ.
މީގެއިތުރުން، ޔޫކޭ އާއެކު އެފްޓީއޭގެ މަސައްކަތް ކުރެވުނު ކަމުގެ އެއްވެސް މައުލޫމާތެއް އިކޮނޮމިކް މިނިސްޓްރީގައި ފެންނަން ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަދި 28 މެއި ގައި ކުރިއަށްދިޔަ މޯލްޑިވްސް-ޔޫކޭ ޑަޔަލޮގްގެ ބައްދަލުވުމުގައި، އެފްޓީއޭ އެއްބަސްވުމާބެހޭ ވާހަކައެއް ހިމަނާފައި ނުވަނީ ކީއްވެގެންތޯ ސާފުކުރަން މީކާއީލްގެ ސުވާލުގައި ހިމަނާފައިވާ ބަޔަށް ވެސް ސައީދު ޖަވާބު ދެއްވި އެވެ.
މިގޮތުން، ދޭދޭ ގައުމުތަކާއެކު ކުރެވޭ މި ފަދަ މަޝްވަރާތަކުގެ އެޖެންޑާ ކަނޑައަޅަނީ ދެ ގައުމުގެ ސަރުކާރުން ވެސް މަޝްވަރާކުރަން އެއްބަސްވެވޭ ކަންތައްތަކުގެ މައްޗަށް ބިނާކޮށްކަމަށް އޭނާ ވިދާޅުވި އެވެ.