ރާއްޖޭގައި ޓްރެވަލް އެޖެންސީ ނުހަދާ | ބޭރު ކުންފުނިތައް ވިޔަފާރީގައި

ބޭރު މީހުން ޓޫރިސްޓުން ގެންނަނީ ޓްރެވަލް އެޖެންސީ ރަޖިސްޓްރީ ނުކޮށެވެ. ޓެކުހެއް ނުދައްކަ އެވެ. ހަމައެކަނި ރިސޯޓަށް ދައްކާ އެއްޗަކާއި މަދު ދިވެއްސަކަށް ލިބޭ އެއްޗެއް ނޫނީ މި މީހުންގެ ފަރާތުން ރާއްޖެއަށް ލިބޭ މޮޅެއް ހަރާމެވެ.

ރާއްޖޭގެ ޓޫރިޒަމް އުފަން ކުރީ ދިވެހިންނެވެ. ދިވެހިންގެ ބުރަ މަސައްކަތުންނެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ޓްރެވަލް އެޖެންސީއެއް ރަސްމީކޮށް އުފައްދާފައިވަނީ ވެސް ފަހުރުވެރި ދިވެހިންނެވެ. ޓޫރިޒަމް އުފެއްދި އެއް ބާނީ އަލްމަރުހޫމް މުހައްމަދު އުމަރު މަނިކް (އެމްޔޫމަނިކު) އާއި އަހުމަދު ނަސީމް (ކެރަފާ ނަސީމް) އުފެއްދި މިއުމަން ޓޫރިސްޓް އެޖެންސީ ވެގެން ދިޔައީ މި ވިޔަފާރީގެ ބިންގާ އަށެވެ. އޭގެފަހުން ސަރުކާރުގެ ކްރެސެންޓް ޓޫރިސްޓް އެޖެންސީ ވެސް އުފަންވި އެވެ. މިއީ ރަސްމީކޮށް ރަޖިސްޓްރީކޮށްގެން ހިންގި އެޖެންސީ ތަކެވެ. ސަބަބަކީ ދިވެހިންގެ އަތްމަތީގައި މި ވިޔަފާރި ބޭއްވުމުގެ ބޭނުންތެރިކަން ވިސްނިފައި އޮތުމެވެ. ނަމަވެސް ޓޫރިޒަމަށް ބައި ގަރުނުވެގެން، ކުރިއަށް ތިން އަަހަރު ވޭތުވެ ފަހަތް ބަލާއިރު މިހާރު މިކަން ވަނީ ބަދަލުވެފަ އެވެ. މިހާރު މި ވިޔަފާރީގައި ތިބީ ދިވެހިންނެއް ނޫނެވެ. މީގެ 20 އަކަށް އަހަރު ކުރިން އުފެދުނު މަދު ދިވެހި ޓްރެވަލް އެޖެންސީ ނަންތަކެއް ފިޔައި މި ވިޔަފާރީގައި ވަކި ހިއްޕާލާގައި މިވަނީ ބިދޭސީ އަތްތަކެވެ. މި ވިޔަފާރީގައި ބިދޭސީން ހަރަކާތްތެރިވުމަށް ގާނޫނު ހުއްދައެއް ނުކުރެ އެވެ. ނަމަވެސް އެމީހުން އެކަން ކުރެ އެވެ. ސުވާލަކީ އެކަން ކުރަނީ ކިހިނެއް ހެއްޔެވެ؟ 

މި ކަމުގެ އަޑީގައި މަދު ދިވެހިންތަކެއްގެ ބައިވެރިވުން ހިމެނެ އެވެ. އެހެންވެ މިހާރު ރާއްޖެއަށް ބޯކޮށް ޓޫރިސްޓުން ގެންނަ މަޝްހޫރު ޓްރެވަލް ކުންފުނިތަކުގެ ގޮތުގައި ތިބީ ބިދޭސީންނެވެ. ޖަޕާނުފަދަ ރާއްޖޭގެ ސޯސް މާކެޓުތަކުގެ ކޮންޓްރޯލް އޮތީ އެމީހުންގެ މުށު ތެރޭގަ އެވެ. މި ދޮރުތައް ބަންދު ކުރަން މި ވިޔަފާރީގައި ތިބި ދިވެހިން، މިދިޔަ 15 އަހަރު ކުރި މަސައްކަތް ގޮސް ހުއްޓެނީ އާނުގައި ޖެހިގެންނެވެ. މިކަން ހުއްޓުވަން އާނު ކަނޑާނެ ހަތިޔާރެއް ނުފެނި މި މައްސަލަ މިވަނީ ބޮއްސުންލައިގެން ގޮސްފަ އެވެ. މީގެ އެންމެ ހިތްދަތި ޓްރެވަލް އެޖެންސީ ވިޔަފާރި ރާއްޖޭގައި މިހާރު ކުރަމުން ގެންދާ ބިދޭސީން އެކަން ކުރަމުން ގެންދަނީ ޓްރެވަލް ކުންފުންޏެއް ރަޖިސްޓްރީ ކުރުމެއް ނެތިކަމެވެ. ބިދޭސީން ރާއްޖޭގައި ޓްރެވަލް ވިޔަފާރި ކުރަމުން ގެންދަނީ ޓްރެވަލް އެޖެންސީ ރަޖިސްޓްރީ ނުކޮށް ގާނޫނާ ހިލާފަށެވެ. 

މިކަން ހިނގާ ގޮތް ރަނގަޅަށް ބަލައި ކަރުދާސްތައް ހާވާލުމުން ފެންނަނީ ހިތްދަތި ނުތަނަވަސް މަންޒަރެވެ. 

ދުނިޔޭގެ އެންމެ ނަން މަޝްހޫރު ބުކިން ޕްލެޓްފޯމް ކަމަށްވާ ބުކިންޑޮޓްކޮމް ރާއްޖޭން ބޮޑު އާމްދަނީއެއް ބޭރު ކުރަނީ ޓްރެވަލް އެޖެންސީ ނުހަދަ އެވެ. ބުކިން ޑޮޓްކޮމް ރާއްޖޭގައި ހިންގަނީ، ބުކިން ޑޮކްޓްކޮމް ސަޕޯޓް ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގަ އެވެ. 

އިކޮނޮމިކް ވިޔަފާރި ރަޖިސްޓްރީން އެނގޭ ގޮތުން މިއީ މެދު ފަންތީގެ ވިޔަފާރިއެކެވެ. މި ކުންފުންޏަކީ ސަޕޯޓް ސާވިސްގެ ގޮތުގައި ހިދުމަތް ދޭން ރާއްޖޭގައި އުފައްދާފައިވާ ކުންފުންޏެވެ. މިދިޔަ އަހަރުގެ އޮގަސްޓް 6 ގައި ރަޖިސްޓްރީކޮށްފައިވާ މި ކުންފުނީގެ ބޯޑުގައި ދިވެއްސެއްގެ އިތުރުން ބޭރުގެ އެހެން ދެ މީހުން ތިބެ އެވެ. މި ކުންފުނިން އިތުރު ހިދުމަތެއް ވިޔަފާރީގައި ރަޖިސްޓްރީކޮށްފައެއް ނުވެ އެވެ. މާނައަކީ މި ކުންފުނި "އަނބުރަނީ" އެ ގެންދަނީ ރާއްޖޭގެ ރިސޯޓް / ހޮޓާ / ސަފާރީތަކާއި ގެސްޓްހައުސްތަކުގެ އެނދުތައް ބޭރަށް ވިއްކަގެން ލިބޭ ޑޮލަރެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު އޮންލައިން ޓްރެވަލް އެޖެންސީ ނުވަތަ (އޯޓީއޭ) ބުކިންޑޮޓްކޮމް ސަޕޯޓްސް ސާވިސް ކުންފުންޏެއްގެ ގޮތުގައި އޮތްނަމަވެސް މި ކުންފުނިން 2020 ގެ ކުރީގައި ރާއްޖޭން އެކަނި 50 މިލިއަން ޑޮލަރު ސާފު ފައިދާގެ ގޮތުގައި ބޭރު ކުރި އެވެ. އަދި މި ކުންފުނީގެ އެއްބަނޑު އަނެއް ބުކިން ޕްލެޓްފޯމް ކަމަށްވާ އަގޯޑާއިންއި ވެސް 15 އާއި 20 މިލިއަން ޑޮލަރުވަރު ސާފު ފައިދާގެ ރާއްޖޭން ހޯދާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.

ޓޫރިޒަމް ސިނާއަތުގެ މައްސަލަތަކުގައި ވަކާލާތު ކުރައްވާ ފަރާތެއް ނަން ނުޖެހުމަށް އެދި ވިދާޅުވި ގޮތުގައި ބުކިން ޑޮކްޓްކޮމް ރާއްޖޭގައި ޓްރެވަލް އެޖެންސީ ރަޖިސްޓްރީނުކޮށް ކުރަމުން ގެންދާ ވިޔަފާރި މިހާތަނަށް ހުއްޓުވިފައި ނެތްއިރު މިހާރު އެ ކުންފުނި ވަނީ ރާއްޖޭގެ މާކެޓުގެ ބޮޑު ހިއްސާއެއް ވެސް ނަގާފަ އެވެ.

"ރާއްޖޭގައި ހުރި 900 ގެސްޓްހައުސްގެ ބޮޑުބައި ވިއްކަނި އެ މީހުން. އެމީހުން ގެސްޓްހައުސްތަކަށް މަޖުބޫރު ކުރަނީ ފާޑަކަށް ވިއްކާ ކޮޓަރީގެ 30 ޕަސެންޓް ދޭން. މިހެން ހެދީމަ ގެސްޓްހައުސްތަކުގެ އާމްދަނީ ދަށްވޭ. ދައުލަތަށް ލިބޭ އާމްދަނީ ވެސް ކުޑަވޭ،" ބޮޑު މި މައްސަލައިގެ ކުޑަ މިންވަރެއް އޭނާ ކިޔައި ދެއްވި އެވެ. 

ޓްރެވަލް އެޖެންސީ ރަޖިސްޓްރީނުކޮށް ބިދޭސީ އެތައް ނަމެއް

މިފަދަ އެތަށް ބަޔަކު ރާއްޖޭގައި ހަރަކާތެރިވެ އެވެ. މީގެ ބައެއް ނަންތަކުގެ ތެރޭގައި ލަންކާގެ މަޝްހޫރު ޖެޓްލެޝާ ކުންފުނީގެ ނަމުގައި ރާއްޖެ އަށް ޓޫރިސްޓުން ގެންނަ ޖެޓްލެޝާ މޯލްޑިވްސް އާއި އިންޑިއާގެ މަޝްހޫރު ބިންގޯ ޓްރެވަލްގެ ނަމުގައި ރާއްޖޭގައި އުފައްދާފައިވާ ބިންގޯ ޓްރެވަލް މޯލްޑިވްސް ކުންފުނީގެ އިތުރުން އިންޑިއާގެ ޑެމިލްނާޑޫގައި ރަޖިސްޓްރީކޮށްފައިވާ ޓާޓާބޭ ޓުއާސް އެންޑް ޓްރެވަލްގެ ނަމުގައި ރާއްޖޭގައި ހިންގާ ޓާޓާބޭ މޯލްޑިވްސް ކުންފުނީގެ އިތުރުން އެލަވޭޓް އިންޑަސްޓްރީގެ ނަމުގައި ކުންފުންޏެއް ހަދައި ވިޔަފާރިކުރާ ކުންފުންޏެއްވެސް ހިމެނެ އެވެ. މިއީ ފެންނަން އޮތްތަނުގެ ކުޑަ މިންވަރެވެ. މީގެ ލިސްޓެއް ރަނގަޅަޑް ހަދައިފިނަމަ އެ ލިސްޓުގައި ރަޖިސްޓްރީކޮށްގެން ތިބި 300 އެއްހާ ދިވެހި ޓްރެވަލް ކުންފުނިތަކަށްވުރެ ލިސްޓް ދިގުވާނެ އެވެ. 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓޫރިސްޓުންނަށް މަރުހަބާ ކިޔަނީ -- އެމްއޭސީއެލް

ދިވެހި ނަންނަމުގައި ހިންގާ މި ކުންފުނިތަކުން ދަނީ ރާއްޖޭން ފައިދާ ނަގައި ރާއްޖެއަށް ގެއްލުން ވެސް ދެމުންނެވެ. އެ މީހުން ދިވެހިންނަށް ދުވަހަކު ވެސް ހެވެއް ނޭދެ އެވެ. މީގެ ބައެއް ކުންފުނިތަކުން އަމިއްލަ ނަމުގައި ރާއްޖޭގެ ރިސޯޓްތަކަށް ކޮންޓްރެކްޓްކޮށް ފައިސާ ނަގައިގެން އިންޑިއާ ފަދަ ބޮޑެތި ގައުމުތަކުގައި ރޯޑްޝޯތައް އިންތިޒާމުކޮށް މިލިއަން ޑޮލަރު ބޭރު ކުރެ އެވެ. އެމީހުން ހަމައެކި ކުރަން ޖެހޭ ކަމަކީ ދިވެހި ނަމެއްގައި ކުންފުންޏަ ހަދާ ވެބްސައިޓުގެ ކަންމަތީގައި "ޓްރަވަލް އެޖެންސީ"  ލިޔެލުމެވެ. މިފަދަ ގިނަ އޮފީސްތަކެއް މާލޭގައި މިހާރުވެސް އެބަހުއްޓެވެ.  

"ބޭރުގެ ފެއާތަކަށް ދާއިރު އެތިބެނީ ރާއްޖެ ޖަހައިގެން ފަގުޑި އަޅާލައިގެން ވިއްކަން. ބަލަ އެމީހުންނަށް ހުއްދަ ލިބިގެން ނުވާނެ. މިއީ ރާއްޖެ އަށް ޓެކުހެއް ދައްކާ ބައެއް ނޫން. ހަމައެކަނި ފައިދާ ހިފައިގެން ބޭރަށް ދަނީ،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ޓޫރިޒަމްގެ އިސް ފަރާތެއް ވިދާޅުވި އެވެ. 

ކިތަންމެ ޑޮލަރެއް ރާއްޖޭން ބޭރު ކުރިޔަސް މި ކުންފުނިތައް ރާއްޖެއަށް ހެވެއް ނޭދެ އެވެ. މިކަން ފެންމަތިވީ އިންޑިއާގައި ރާއްޖެ ބޮއިކޮޓް ކުރަން ހިންގި ކެމްޕޭނުންނެވެ. އެ ކެމްޕޭންގައި މި ފަރާތްތަކުން ސީދާ ބައިވެރިވެ ރާއްޖޭގެ ފޮޓޯ ނަގައިގެން ރާއްޖެއާ އަޅާ ނުކިޔޭނެ ބައެއް ގައުމުތައް އިސްތިހާރު ވެސް ކުރި އެވެ. 

ސުވާލަކީ ބޮޑު މި މައްސަލަ ހައްލު ކުރެވިދާނެ ހެއްޔެވެ ؟ މި ކުންފުނިތައް ރާއްޖޭން ބޭރު ކުރެވިދާނެ ހެއްޔެވެ؟ 

މިކަން ހުއްޓުވަން އިކޮނޮމިކް މިނިސްޓްރީން ފިޔަވަޅު

މަޓާޓޯގެ ސީއީއޯގެ މަގާމަށް އައްޔަން ކުރި ބައްސާމް -- ދައުރުގެ ފޮޓޯއެއް

މިކަން ހުއްޓުވަން އެސޯސިއޭޝަން އޮތް ޓްރެވަލް އެޖެންޓް (އާޓާ) އާއި މަޓާޓޯ ބައިވެރިވެގެން ދިވެހި ޓްރެވަލް އެޖެންޓުން ހިމާޔަތް ކުރަން ގާނޫނެއް ޑްރާފްޓްކޮށް ސަރުކާރަށް މީގެ ފަސް އަހަރު ކުރިން ހުށަހެޅި އެވެ. ނަމަވެސް ސަރުކާރަށް އެކަމަކީ މާމުހިންމު ކަމަށް ނުވި އެވެ. މިހާރުވެސް އެ ގާނޫނޫ ދެލިކޮޕީ ކަމާބެހޭ އޮފީހުގެ މަތާރަން ފިލާމަތީ ހިރަފުސް އަރާފަ އެބައޮތެވެ. މިހާރު ކުރަން ޖެހޭ ކަމަކީ މި ދެލިކޮޕީގެ ހިރަފުސް ފޮޅާ އެ ވުޖޫދު ކުރުމެވެ. 

ދިވެހި ޓްރެވަލް އެޖެންޓުގެ ޖަމިއްޔާ މަޓާޓޯގެ ސީއީއޯ މުހައްމަދު ބައްސާމް އާދަމް ވިދާޅުވި ގޮތުގައި މި މައްސަލަ ހުއްޓުވަން މިހާރު ފުރުސަތުތައް ފަހިވަމުންދާ ކަމަށާ އުންމީދަކީ މި ގާނޫނު ފާސްކޮށް އަމަލު ކުރަން ފެށުމެވެ. 

ބައްސާމް ފާހަގަ ކުރެއްވި ގޮތުގައު އިކޮނޮމިކް މިނިސްޓްރީން އެންމެފަހުން ފޮރިން އިންވެސްޓްމަންޓް ގާނޫނުދަށުން ގެނައި ބަދަލަކީ މިހާތަނަށް މި ދާއިރާއަށް އަންނާނެ ޕޮޒިޓިވް ބަދަލެއްގެ ފެށުމެވެ. 

"މިހާރު އިކޮނޮމިކް މިނިސްޓްރީން ނެގައި އެ ބަދަލުން އެއް އަހަރު ތެރޭގަ އެ [ރާއްޖޭގައި ވިޔަފާރި ކުރާ ބޭރު] ގެ ފަރާތްތައް ރާއްޖެ ދޫކޮށްދާން ޖެހޭ. ދެން މީގަ ޖެހޭނީ އިމްޕްލިމެންޓް ކުރަން. އެކަމަށް މަސައްކަތް ކުރަންވީ،" ބައްސާމް ވިދާޅުވި އެވެ. 

ބޭރުގެ މި ކުންފުނިތަކުން އެ ދަނީ ރާއްޖޭން އެތައް މިލިއަން ޑޮލަރެއް ބޭރު ކުރަމުންނެވެ. އެ މީހުން ރާއްޖެ އަށް ޓެކުހެއް ނުދައްކަ އެވެ. ހަމައެކަނި ރިސޯޓަށް ދައްކާ އެއްޗަކާ ލިބެނީ މަދު ދިވެއްސަކަށް ލިބޭ ކުޑަ މަންފާއެއް އެކަންޏެވެ. މި ނޫން މި މީހުންގެ ތިބެގެން ދިވެހިންނަށް ލިބޭނެ މޮޅެއް ހަރާމެވެ. މި މައްސަލައިގެ 50 ޕަސެންޓް ހައްލުކޮށް ދިނަސް ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލައިގެ ބޮޑު ބައެއް ހައްލުވާނެކަން ޔަގީނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.