"މިހާރު މި އޮތީ ރާއްޖޭގެ ހުރިހާ ރަށެއްގައި ދެ އަހަރު ތެރޭގައި، މި ހިނގާ އަހަރާއި އަންނަ އަހަރާއި ދެ އަހަރު ތެރޭގައި ލެބޯޓަރީގެ ހިދުމަތް ގާއިމްކޮށް ނިންމައިދިނުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އަންނަ އަހަރު ނިމޭއިރު ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް، ރަށްރަށުގެ ފެންވަރުގައި ހަދަން ޖެހޭ ޓެސްޓްތައް ނުހެދޭނެ އެއްވެސް ރަށެއް ރާއްޖޭގައި ނޯންނާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.
ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ނޫމަރާއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސިއްހީ ދާއިރާއަކީ އެމަނިކުފާނު އެންމެ އިސްކަން ދެއްވާ އެއް ދާއިރާ ކަމަށެވެ. އަދި އިންސާނީ ވަސީލަތުގެ ގޮތުންނާއި އުމްރާނީ ގޮތުންވެސް ސިއްހީ ދާއިރާއަށް އިސްކަންދެއްވައިގެން، މިހާރުވެސް ކުރިއެރުންތައް ހޯއްދަވައިދެއްވަމުން ގެންދަވާ ކަމަށެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި، ދެ އަހަރު ދުވަހުގެ ތެރޭގައި ސިއްހީ ލެބޯޓްރީތައް ގާއިމުކޮށް ނިންމެވުމުގެ އަމާޒާ އެއްގޮތަށް، ނޫމަރާގައި ވެސް ލެބޯޓްރީ ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފަ އެވެ.
"މިހާރު މި އޮތީ ރާއްޖޭގެ ހުރިހާ ރަށެއްގައި ދެ އަހަރު ތެރޭގައި، މި ހިނގާ އަހަރާއި އަންނަ އަހަރާއި ދެ އަހަރު ތެރޭގައި ލެބޯޓަރީގެ ހިދުމަތް ގާއިމްކޮށް ނިންމައިދިނުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ނޫމަރާގެ ތަރައްގީއަށް ކޮށްދެއްވާނެ އެހެން ކަންކަން ވެސް ފާހާގަ ކުރެއްވި އެވެ. އޭގެ ތެރޭގައި ރައްޔިތުން އެދޭ ގޮތަށް ބަނދަރުގެ މަސައްކަތް ނިންމަވައިދެއްވުމާއި، ފެނާ ނަރުދަމާގެ މަސައްކަތް ރަގަޅު ފެންވަރެއްގައި ނިންމަވައިދެއްވުމުގެ އިތުރުން ދޯނިއެހެލާނެ ސަރަހައްދަކާއި، މޫދަށް އެރޭނެ ސަރަހައްދެއް ވެސް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވި އެވެ.
މިއީ ރަސްމީ ދަތުރުފުޅެއްގައި ރައީސް ނޫމަރާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.