މަޖިލީހުގެ ރައީސް އަބްދުއްރަހީމް މަޖިލިސް ހިންގަވަނީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލައިގެން ކަަމަށް ޝަމްހީދު ތުހުމަތު ކުރެއްވި
ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ވަޒީރުންގެ މަޖިލީހަށް ހާޒިރުކުރަން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހުރަސްއަޅުއްވަމުން ގެންދަވާކަމަށް ތުހުމަތުކޮށް، ރިޔާސަތަށް ބަދަލު ގެނައުމަށް މަސައްކަތް ކުރާނެކަމުގެ އިންޒާރު އިދިކޮޅު އެމްޑީޕީގެ މެމްބަރުން މިއަދު ދެއްވައިފި އެވެ.
މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރައްވާ ގޮތުގައި، މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން ވަޒީރުން ހާޒިރު ނުކުރެއްވުމަކީ ގަވައިދާ ހިލާފަށް އަބްދުއްރަހީމް ކުރައްވާ ކަމެކެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން، ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ މަޖިލީހަށް ހާޒިރުކުރަން ޖެހޭނެ ކަަމަށް ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދުގައި ވެސް ބަޔާންކުރާ ކަމަށެވެ.
ނަމަވެސް، މަޖިލީހުގެ ރައީސް އަބްދުއްރަހީމް މަޖިލިސް ހިންގަވަނީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލައިގެން ކަަމަށް ޝަމްހީދު ތުހުމަތު ކުރެއްވި އެވެ.
"އެ މާއްދާގެ [މަޖިލީހުގެ ގަވައިދުގެ 81 ވަނަ މާއްދާގެ] ބާރު ކަނޑުވާފައި މަޖިލިސް ހިންގާތީ އަޅުގަނޑު މިއަދުން ފެށިގެން މަޖިލީހުގެ ރައީސްގެ މައްޗަށް މަޖިލީހުގެ ގަވާއިދުގެ 42 ވަނަ މާއްދާ އާއި 43 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަން ފަށާނެ ވާހަކަ، އެކަން އަޅުގަނޑުމެން ފަށްޓާނެ ވާހަކަ ހާމަކުރަން،" އޭނާ ވިދާޅުވި އެވެ.
ޝަމްހީދު އެ އިޝާރާތް ކުރެއްވި ދެ މާއްދާއަކީ، މަޖިލީހުގެ ރައީސްގެ މަގާމު ހުސްވެއްޖެ ނަމަ ނުވަތަ މަޖިލީހުގެ ރައީސް، މަގާމުގެ ވާޖިބުތައް އަދާކުރަން އުޒުރުވެރިވެއްޖެ ނަމަ އަމަލުކުރާނެ ގޮތް މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވާ މާއްދާތަކެވެ. މި ގޮތުން، އެ މާއްދާގެ ދަށުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސެވެ.