"ތަހުގީގު ކުރަމުންދާއިރު ތަހުގީގާ ބެހޭ އެއްވެސް ތަފްސީލެއް އެބޭފުޅުން އަތުގަ ނެތްކަން އަޅުގަނޑު ފާހަގަކޮށްފަން،" ފައްޔާޒް ވިދާޅުވި އެވެ.
ކޮރަޕްޝަންގެ ތުހުމަތުގައި ކުރަމުންދާ ތަހުގީގާ ގުޅިގެން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކޮށްފި އެވެ.
މިއަދު ހެނދުނު 9:30 އަށް ފައްޔާޒް އޭސީސީއަށް ހާޒިރު ކޮށްފައި ވަނީ 2019 ވަނަ އަހަރު ބޭއްވި ޑިސްޕިއުޓް ރިސޮލިއުޝަން ކޮމެޓީގައި އޭނާ ބައިވެރިވެފައި ވަނީ އެ ކޮމެޓީގެ މެންބަރެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް އެކަށީގެން ނުވާ ބަދަލެއް ދީ، އެ ކުންފުންޏަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިނުމުގެ ތުހުމަތާ ގުޅިގެންނެވެ.
ސްވިފްޓް އިންޖިނިއަރިން އަކީ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު ސައުދުﷲ ހިލްމީގެ ކުންފުންޏެވެ.
ފައްޔާޒް އޭސީސީއަށް ހާޒިރުކުރި ވަގުތު، އެމްޑީޕީގެ ސަޕޯޓަރުން ދިޔައީ އެ އިދާރާގެ ދޮރުމަތީގައި އިހުތިޖާޖެއް ކުރަމުންނެވެ. އޭސީސީން ނިކުމެވަޑައިގެން މުޒާހަރާގެ ބައިވެރިންނާ މުހާތަބު ކުރައްވަމުން އޭނާ ވިދާޅުވީ މީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާވެފައި އޮތް ތަހުގީގެއް ނޫން ކަމަށެވެ.
"ތަހުގީގު ކުރަމުންދާއިރު ތަހުގީގާ ބެހޭ އެއްވެސް ތަފްސީލެއް އެބޭފުޅުން އަތުގަ ނެތްކަން އަޅުގަނޑު ފާހަގަކޮށްފަން،" ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒުގެ މައްސަލަ އޭސީސީން ބަލަން ފެށުމާ އެކު، އެ ކުންފުނި ދިފާއު ކުރައްވައި ސައުދުﷲ ވިދާޅުވެފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް ބަދަލުގެ ގޮތުގައި ފައިސާ ނުދީ، އެ އަގުގެ މަޝްރޫއުތަކެއް ދީފައި ވުމަކީ ދައުލަތަށް ލިބުނު ބޮޑު ފައިދާއެއް ކަމަށެވެ.
ފައްޔާޒްގެ އިތުރުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ވަނީ މި މައްސަލައާ ގުޅިގެން އިއްޔެ އޭސީސީއަށް ހާޒިރުކޮށްފަ އެވެ.