އެ ބިލުގެ ބޭނުމަކީ އިންސާނުންގެ ގުނަވަނާއި ގުނަވަނުގެ ބައިތައް ޓްރާންސްޕްލާންޓް ކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމް ކުރުމެވެ.

ރާއްޖޭގައި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ އުސޫލުތައް ކަނޑައެޅުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ ހުށަހެޅުއްވި އެ ބިލުގެ ބޭނުމަކީ އިންސާނުންގެ ގުނަވަނާއި ގުނަވަނުގެ ބައިތައް ޓްރާންސްޕްލާންޓް ކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމް ކުރުމެވެ.
މި ބިލުގެ ތެރެއިން ޓްރާންސްޕްލާންޓު ކުރުމުގެ ގާނޫނީ އޮނިގަނޑު އެކުލަވާލައި، ޓްރާންސްޕްލާންޓް ކުރުމުގެ ހިދުމަތަކީ އެންމެންނަށް ލިބޭނެ ފެންވަރު ރަނގަޅު އަދި ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ހިދުމަތަކަށް ހެދުމަށްޓަކައި ކަނޑައަޅަންޖެހޭ އުސޫލުތައް ކަނޑައެޅުމަކީ މަގުސަދެއް ކަމަށް ބުނެފައި ވެ އެވެ.
މި ބިލުން ހަމައެކަނި ލައިވް-ޑޯނަ އޯގަން ޓްރާންސްޕްލާންޓް ކުރުމަށް ހުއްދަ ދޭއިރު، ހަދިޔާ ކުރެވޭނެ ގުނަވަންތަކާއި ނުކުރެވޭނެ ގުނަވަންތައް އެ ބިލްގައި ބަޔާންކޮށްފައި ވެ އެވެ.
އެ ބިލްގައި ބުނާގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ހުކުމެއްގައި ތިބޭ މީހުންނަށް ގުނަވަން ހަދިޔާއެއް ނުކުރެވޭނެ އެވެ. އަދި ގުނަވަން ހަދިޔާ ކުރެވޭނީ އެކަމަށްޓަކައި އެކުލަވާލާ ހާއްސަ ކައުންސިލެއްގެ ހުއްދަ ލިބިގެންކަމަށް ބަޔާންކޮށްފައިވާއިރު، އެކަމުގައި ޑޮކްޓަރުންގެ ލަފާ ވެސް ހޯދަންޖެހެ އެވެ.