މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި ބީއެމްއެލް އިން 42 ބްރާންޗް ގާއިމްކޮށް 193 ސެލްފްސާވިސް ބޭންކިން ސެންޓަރުގެ އިތުރުން 251 އޭޓީއެމްގެ ބަހައްޓާފައިވެ އެވެ.

މީހުން ދިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓަން ސަރުކާރުން ކުރާ މަސައްކަތްތަކުގެ ދަށުން މިހާތަނަށް 251 އޭޓީއެމް ބަހައްޓާފައިވާއިރު، ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އޭޓީއެމް ހިދުމަތް ދީފި އެވެ.
ބޭންކް އޮފް މޯލްޑިވްސްގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ޅ. އޮޅުވެލިފުށީގައި އޭޓީއެމްގެ ހިދުމަތް ފަށައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެ ހިދުމަތް މިހާރު ވަނީ ގާއިމްކޮށްފަ އެވެ.
އޭޓީއެމް ހިދުމަތް ތައާރަފްކުރުމަށް އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި އެމްޑީ ޝަރީފް ވިދާޅުވީ ޅ. އޮޅުވެލިފުށީގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރެވުމާއެކު ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމުގެ ލަނޑުދަނޑި ހާސިލްވެފައިވާ ކަމަށެވެ. އަދި މިއީ ވަރަށް ހާއްސަ ކާމިޔާބީއެއްކަން ވެސް ފާހަގަކުރެއްވި އެވެ.
އަދި އޮޅުވެލިފުށީގައި އޭޓީއެމް ހިދުމަތް ފެށުމާއެކު، ހއ. ތުރާކުނުން ފެށިގެން މާލެއާ ހަމައަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކުރުމުގެ ލަނޑުދަނޑި ހާސިލްވެފައިވާކަން ޝަރީފު ފާހަގަ ކުރެއްވި އެވެ.