މިނިސްޓަރު މުއްތޮލިބު ވިދާޅުވީ ފްލެޓު އުސޫލު އޮތީ ކުރިން ފްލެޓު ލިބުނުނަމަވެސް މި ސްކީމުން ލިބޭ ގޮތަށެވެ. އެ އުސޫލުން ނެތްނަމަ އިތުރު 645 ފަރާތަކަށް ފްލެޓު ދެވޭނެ އެވެ.
އެހެން ސްކީމް އަކުން ފްލެޓް ލިބިފައިވާ 976 މީހަކަށް މި ފަހަރު ފްލެޓު ލިބިފައިވާ ކަމަށާ، އެކަން ހުއްޓުވަން ގިނަ މަސައްކަތް ތަކެއް ކުރިނަމަވެސް ގާނޫނީ ގޮތުން އެ މީހުން ބާކީކޮށްލެވޭނެ އެއްވެސް މަގެއް ފެނިފައިނުވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފްލެޓު ލިސްޓު ހަދައި، އުސޫލުތައް ކަނޑައަޅައި، ފްލެޓު ދޭނެ މީހުން އިއުލާނުކޮށް އެއްބަސްވުން ހަދާފައިވާ 4000 ފްލެޓު ދިން އުސޫލާ ބެހޭ ގޮތުން މިއަދު މައުލޫމާތު ދެއްވަމުން މި ސަރުކާރު ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ސަރުކާރުން ކުރިން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން އަނބިމީހާ ނުވަތަ ފިރިމީހާ އަށް ފްލެޓު ލިބިފައިވާނަމަ އެ މީހަކަށް ފްލެޓު ނުދޭން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އެކަން ހުއްޓުވަން ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބު ވެފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"ނަމަވެސް ރާއްޖޭގައި ހަދާފައިވާ ގާނޫނުތަކާއި ފްލެޓް ދޭން [ކުރީގެ ސަރުކާރުން] އިއުލާނުކޮށްފައިވާ އުސޫލުތަކަށް ބަލާނަމަ [ކުރިން ފްލެޓު ލިބުނު ބަޔަކަށް] ފްލެޓް ނުދީ މަނާކުރާނެ އެއްވެސް ގާނޫނެއް ގަވައިދެއް ނެތް. [ފްލެޓް ދޫކުރަން] ހަދާފައިވާ އުސޫލުގައި ވެސް ވަނީ މި ސްކީމުން ނުދެވޭނެ ކަމަށް. އެހެން ސްކީމަކުން ފްލެޓު އޮތްނަމަ ދެވޭ ގޮތަށް އޮތީ،" މުއްތަލިބް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި އެމަނިކުފާނު ގޮތުގައި އަމިއްލަ ގޮތުން ގަބޫލު ކުރައްވާ ގޮތުގައި އެއް ފަހަރު ފްލެޓު ލިބިފައިވާ ފަރާތަކަށް އިތުރު އިޖުތިމާއީ ބޯހިޔާވަހިކަމުގެ ފްލެޓެއް ލިބިގެން ނުވާނެ އެވެ. އެހެންވެ އެކަން ހުއްޓުވަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީ) އިން ވެސް މައުލޫމާތު ސާފު ކުރި އެވެ. ނަމަވެސް އިންސާނީ ހައްގުގެ ދާއިރާ އިން ބެލިއިރު ވެސް އެކަން ހުއްޓުވޭނެ މަގެއް ނުފެނުނުކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"އެހެންވެ އެންމެފަހުން ނިންމަން ޖެހުނީ އަޅުގަނޑުމެންނަށް ގާނޫނީ ގޮތުން [ފްލެޓް] ނުދީވާނެ އެއްވެސް ގޮތެއް ނެތް ކަމަށް،" މުއްތަލިބް ފާހަގަ ކުރެއްވި އެވެ. "އެހެން ނަމަވެސް މި ސްކީމުން އެގޮތަށް ފްލެޓު ދީފައި ނުވާނެ."
މިނިސްޓަރު މުއްތޮލިބު ވިދާޅުވީ ފްލެޓު އުސޫލު އޮތީ ކުރިން ފްލެޓު ލިބުނުނަމަވެސް މި ސްކީމުން ލިބޭ ގޮތަށެވެ. އެ އުސޫލުން ނެތްނަމަ އިތުރު 645 ފަރާތަކަށް ފްލެޓު ދެވޭނެ އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުން ބެނެފިޓެއް ލިބެން ވާނީ އެއިރެއްގައި އެ މީހެއްގެ ހާލަތު ބެލުމަށްފަހު އެވެ. އެހެންވެ ބިންވެރިޔާ ސްކީމުން ގޯތި ލިބިފައިވާނަމަ ނުދޭން އިއުލާނުގައި ކުރި ކަމަށާ ނަމަވެސް އެކަން ވެސް އުސޫލުގައި ނެތުމުން ދޭން މަޖުބޫރުވީ އެވެ.
"އޭރު އެ ބޭފުޅުން [އެމްޑީޕީ ސަރުކާރު] ން ދެއްކި ބަހަނާއަކީ ރާއްޖޭގައި ވަރީގެ ހާލަތު އޮތްގޮތުން ދެ މީހަކު ވަރި ވެދާނެއޭ. ނަމަވެސް ދައުލަތުން ބެނެފިޓެއް ދޭނަމަ ދޭން ޖެހޭނީ އެ ވަގުތެއްގައި ހާލަތަށް ބަލާފަ. އެހެންވެ އެ ތަންތަން ބޭނުންވާ މީހުން ތިއްބަ. އެހެންވެ ބިންވެރިޔާ ސްކީމް ވެސް ހިންގާފައިވަނީ އިޖުތިމާއީ އަދާލަތުގެ މަގުން ބަލާނަމަ އެންމެ ރަނގަޅަކަށް ނޫން. އެހެންވެ ދެ ފަހަރެއްގެ މަތިން ގާނޫނީ ލަފާ ވެސް ހޯދިން،" މުއްތަލިބް ވިދާޅުވި އެވެ. "ގާނޫނީ ލަފާ ވެސް ދިނީ އެކަން ހުއްޓުވޭނެ އުސޫލެއް ނެތް ކަމަށް."
ބައެއް ފަރާތްތަކުން ފްލެޓުގެ ކުލި ނުދައްކާ މައްސަލާގައި މިނިސްޓަރު މުއްތޮލިބު ވިދާޅުވީ ސަރުކާރަކުން ކުރިން އަމަލުކޮށްފައިވާ އުސޫލެއްގެ ސަބަބުން އަމަލު ކުރާ ގޮތަކުން ރައްޔިތުންގެ ހައްގަށް އެރިގެންނުވާނެ އެވެ. މިކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ސަރުކާރުން ފްލެޓް އަަޅަނީ ލޯނު ނަގާގެން ކަމަށާ ކުލި ނުދައްކާނަމަ ބޯހިޔާވަހިކަމުގެ ލޯނު ނަގަން ދައުލަތަށް އޮންނަ މަގު ބަންދު ވެގެންދެ އެވެ.
"މީގެ ސަބަބުން އެތައް ރައްޔިތުންގެ ހައްގު އުނިވެގެންދޭ. އެހެންވެ ކުލި ނުދެއްކުމަކީ ސަރުކާރުން ހިންގާފައިވާ މަޝްރޫއެއްގެ ސަބަބުން ސަރުކާރަށ ނަފުރަތު ބޭލުމަށްޓަކައި ހަމައެކަނި ފަރުޖެއްސޭނެ ކަމެއް ނޫން. މިއީ އެތައް ރައްޔިތުންގެ ހައްގު ހިމެނޭ. ކުލި ދެއްކީމަ އެހެން ފަރާތްތަކަށް ބޯހިޔާވަހިކަން ދޭން ފުރުސަތު ލިބޭ،" މުއްތަލިބް ވިދާޅުވި އެވެ.